ފުލުހުން މިއަދު ބުނީ އޭސީސީން ފަށާފައިވާ ތަހުގީގަކަށް އެ ކޮމިޝަންގެ ތަހުގީގު ޓީމުން ޕޮލްކޯ އަށް ވަދެފައިވާ ކަމަށެވެ.
ހުޅުމާލޭގައި ފުލުހުންނަށް ހާއްސަ ފްލެޓްތަކާއި ގުޅިގެން ފަށާފައިވާ ތަހުގީގަށް މައުލޫމާތު ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕޮލްކޯގެ އޮފީހަށް ވަދެއްޖެ އެވެ.
ތުހުމަތު އޮތީ ފްލެޓް އެޅުމުގައި ހިޔާނާތް ހިންގާފައިވާ ކަމަށެވެ. ހިޔާނާތާ ގުޅޭ މުހިންމު އެތައް މައުލޫމާތެއް އާންމުވީ އޮޑިޓް ރިޕޯޓުންނެވެ. އޭގެ ކުރީން ވެސް އެ މަޝްރޫއުގެ ހިޔާނާތާ ގުޅޭ އަޑުތައް އޮތެވެ.
ފުލުހުން މިއަދު ބުނީ އޭސީސީން ފަށާފައިވާ ތަހުގީގަކަށް އެ ކޮމިޝަންގެ ތަހުގީގު ޓީމުން ޕޮލްކޯ އަށް ވަދެފައިވާ ކަމަށެވެ.
ފުލުސް ފުލެޓްތައް އަޅާފައި ވަނީ ފުލުހުންގެ ވިޔަފާރި ކުންފުނި ޕޮލްކޯ އިންނެވެ. އެ ކުންފުނީގެ މައި އޮފީސް ހިންގަނީ ފުލުހުންގެ އިސްކަންދަރު ކޮށީގަ އެވެ.
"ބްލޫސް ހައުސިން" ނަމުގައި ހިންގި މަޝްރޫއުއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. އޮޑިޓް ރިޕޯޓް ގައި ބުނީ އެ ފައިސާ އިން 355 މިލިއަނުގެ ގެއްލުން ވެފައިވާ ކަމަށެވެ.
މުޅި މަޝްރޫއު ނިންމަން 10 އަހަރުން ހޭދަވި އެވެ. 2023 ގެ ފަހުކޮޅުން ފެށިގެން ފުލުސް އާއިލާތައް އެ ފްލެޓްތަކުގައި ދަނީ ދިރިއުޅެމުންނެވެ.