ޑޮލަރު މާރުކުރަން ފެށިޔަސް ރެއަކާއި ދުވާލުން ރޭޓު ދަށެއް ނުވެދާނެ އެވެ. އެކަމަކު ފެންނަމުންދާ ހަގީގަތަކީ ކަޅު ބާޒާރަށް ކުރިން ދިޔަ ޑޮލަރުން ބައެއް ބޭންކިން ނިޒާމަށް ވަންނަން ފަށައިފިކަމެވެ. އެހެންވެ ނަތީޖާ ފެންނާނެކަން ފަށާނެ އެވެ.
ޑޮލަރުގެ އަގު ދަށްވެއްޖެއޭ ކިޔާތީ ކޮންމެ މަހަކު ކަޅު ބާޒާރުގައި ގިނަ އަދަދަކަށް ޑޮލަރު ނެރޭ މީހަކާ އިއްޔެ ވާހަކަ ދައްކާލީމެވެ. އޭނާ ބުނީ އޭނާގެ އަަތަށް ކޮންމެ މަހަކު ދެ ލައްކަ އާއި ހަތަރު ލައްކައާ ދެމެދުގެ ޑޮލަރު ރިސޯޓުން ދިން މި ފަހަރު އެ އަދަދު އޭނާގެ އަތަކަށް ނާރަ އެވެ. އެ އަދަދު މި ފަހަރު ސީދާ ދިޔައީ ބޭންކިން ނިޒާމުގެ ތެރެ އަށެވެ. އެ ޑޮލަރު މާރުކުރީ ރާއްޖޭގެ ބޭންކް އަކަށެވެ. މިއީ ރާއްޖޭގެ އަލަށް ވާން ފެށި ކަމެއް ނޫނެވެ. މިހާތަނަށް މިކަން ކުރީ ރިސޯޓާއި ބޭންކާ ދެމެދު އޮންނަ މާލީ ގުޅުމަކުންނެވެ. އެކަމަކު ޓޫރިޒަމަށް ވަންނަ ޑޮލަރުން ވަކި މިންވަރެއް ބޭންކިން ނިޒާމަށް މާރުކުރަން ގާނޫނަކުން ލާޒިމް ކުރުމާއެކު މިދިޔަ 28 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓްތަކުން ވަނީ ޑޮލަރު މާރުކޮށްފަ އެވެ. އަންދާޒާއަކީ ރިސޯޓަކުން މާރުކުރި ފުރަތަމަ އަދަދު 50 މިލިއަން ޑޮލަރަށް އެރުމެވެ. މި އަދަދަށް މާރުވެފައި ވަނިކޮށް މިމަހު ވަނީ ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ވެއްޓިފަ އެވެ. މި ދަށްވުމާއެކު އެވްރެޖުކޮށް 50 ލާރީގެ ދަށްވުމެއް ފާހަަގަވި އެވެ. ސުވާލަކީ މިއީ މި މާރުކުރުމާ ގުޅުންހުރި ކަމެއް ހެއްޔެވެ؟ ނޫނީ އާއްމު އުސޫލުން ޖެނުއަރީ މަހު ވާކަމެއް ހެއްޔެވެ؟ ހަގީގީ ބަދަލު އަންނަން ކިހާ ދުވަހެއް އަންނާނެ ހެއްޔެވެ؟
ޓޫރިޒަމަށް ލިބޭ ޑޮލަރުގެ ބޮޑު އަދަދެއް ދިވެހި ގިނަ ރައްޔިތު މީހާގެ އަތަށް އެއް ދުވަސް ވަރަކީ ޖެނުއަރީ، ޑިސެމްބަރެވެ. މިއީ ރިސޯޓު ކުދިންނަށް ސާވިސް ޗާޖު ބޯކޮށް ލިބޭ ދެ މަހެވެ. އެހެންވެ މި މަހު ލިބޭ ހުރިހާ ޑޮލަރެއް ރިސޯޓް ބޯއީސް މާރުކުރެ އެވެ. މިދިޔަ މަހު ރާއްޖޭގެ 90 ޕަސެންޓް ރިސޯޓަށް ލިބުނު ސާވިސް ޗާޖު ހުރީ 1،000 ޑޮލަރުން މަތީގަ އެވެ. ގިނަ ރިސޯޓުތަކުގެ ކުދިންނަށް 2،000 ޑޮލަރުގެ ސާވިސް ޗާޖެއް ލިބިފައިވެ އެވެ. މި ހުރިހާ ޑޮލަރެއް މި ވަގުތު ހުންނާނީ މާރުވެފަ އެވެ. މީގެ އިތުރުން މިދިޔަ ހައެއްކަ މަހަކީ ރާއްޖޭން އުމްރާ އަށް ދިޔަ ގިނަ ބަޔަކު ވެސް ޑޮލަރު ގަތް ދުވަސް ވަރެކެވެ. އާއްމު ރައްޔިތުންގެ އަތް މަައްޗަށް ގިނަ އަދަދެއްގެ ޑޮލަރު އެރި ވަގުތު އެ ޑޮލަރަށް ކުރިން އޮތް ޑިމާންޑް ވެސް ވަނީ ގެއްލިފަ އެވެ. މިއީ ވެސް ޑޮލަރުގެ އަގު ދަށްވުމުގެ އެއް ސަބަބެކެވެ. މީގެ އިތުރުން އަނެއް ސަބަބަކީ އާއްމު ބާޒާރެވެ.
ރޯދަ އަށް މުދާ ގަންނަ ވިޔަފާރިވެރިން ވެސް މިދިޔަ ހައެއް މަސް ތެރޭގައި ވަނީ މުދަލަށް ފައިސާ ދައްކާފަ އެވެ. އެހެންވެ ކުރިން ކަޅު ބާޒާރަށް އޮތް ޑިމާންޑު ވެސް ވަނީ ގެއްލިފަ އެވެ. މީގެ އިތުރުން މި ވަގުތަކީ ދައުލަތުން އެއްވެސް ލޯނެއް ދައްކަން ނެތް ދުވަސް ވަރެކެވެ.
އެހެންވެ މިއީ ވެސް ޑޮލަރަށް އޮތް ޑިމާންޑް ދަށްވި ސަބަބެކެވެ. މައިގަނޑު ގޮތެއްގައި މި 50ލ ދަށްވުމުގައި މި ފެކްޓްތައް މުހިންމު ދައުރެއް ކުޅުން ގާތެވެ. ދެން އުފެދޭ ސުވާލަކީ މާރުކުރުމާ މިހާލަތާ ގުޅުވިދާނެ ހެއްޔެވެ؟ މާރުކުރަން ޖެހުނީ ކީއް ވެގެން ހެއްޔެވެ؟
މިހާރު ބޭންކިން ނިޒާމަށް މާރުކުރަމުންދާ ޑޮލަރުގެ ނަތީޖާ ފެންނަން ފަށަން ވަގުތު ނަގާނެ އެވެ. މި ވާހަކަ ދައްކާއިރު ކޮވިޑަށްފަހު ބޭންކިން ނިޒާމަށް ޑޮލަރު ވަމުން ދިޔަކަން ހިސާބު ތަކުން ފެންނަ އޮތް އެހެން މަންޒަރެއްގެ ވާހަކަ ދައްކަން ޖެހެ އެވެ.
ކަޅުބާޒާރު އޮންނާތީ އެ ޑޮލަރު އެނބުރެނީ އަބަދުވެސް ރާއްޖޭގެ އެ އަނދިރި ބާޒާރުގަ އެވެ. މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން ބޭންކު ތަކަށް ރިސޯޓު ތަކުން މާރުކުރި ނުވަތަ ބޭންކު ތަކަށް ވިއްކި ޑޮލަރު 2019 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރު ވަރަށް ބޮޑަށް މަދުވެފައިވެ އެވެ. އެގޮތުން 2019 ވަނ އަހަރު ޓޫރިޒަމުން ބޭންކުތަކަށް ވަން ފައިސާގެ %6 ބޭންކުތަކަށް ވިއްކި އެވެ. އެއީ 152 މިލިއަން ޑޮލަރެވެ. ނަމަވެސް 2023 ވަނަ އަހަރު ބޭންކުތަކަށް ވަން ޑޮލަރުގެ ތެރެއިން ބޭންކުތަކަށް ވިއްކާފައިވަނީ އެންމެ ތިން ޕަސެންޓެވެ. އެއީ 68 މިލިއަން ޑޮލަރެވެ.
މިއީ ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން މަޖުބޫރުވި ސަބަބެވެ. އެކަމަކު މި ވަގުތު މާރުވަމުންދާ ޑޮލަރުގެ ނަތީޖާ އޯވަނައިޓަކުން ކުއްލި ގޮތެއްގައި ނުފެންނާނެ އެވެ. މިކަން ނުވުމުގައި ގިނަ ސަބަބު ތަކެއް ރާއްޖޭގެ އިގްތިސޯދުން ފެނެ އެވެ. މީގެ ބައެއް ސަބަބުތަކަކީ ހަމައެކަނި ސަރުކާރު ނޫނީ ދައުލަތުގެ ބޮލަށް ކަނޑާލައިގެން ފުއްދާލެވެން ނެތް ކަންތައްތަކެވެ. ދައުލަތުގެ ކުންފުނިތަކަކީ ވެސް މިހާތަނަށް ރާއްޖެ އަށް ލިބޭ ޑޮލަރުގެ ބޮޑުބައި ކޮންޓްރޯލް ކުރާ މީހުންނެވެ. އެ މީހުންގެ ވޭސްޓް ކުޑަ ކުރަން ޖެހެ އެވެ. އެކަމަކު މުޅި އަކުން ޑޮލަރުގެ މައްސަލަ ގޯސްވަނީ މި ސަބަބާ ހުރެގެން އެކަންޏެއް ވެސް ނޫނެވެ.
ދިވެހި ވަކިވަކި ފަރުދުންގެ ސަބަބުން ވެސް ޑޮލަރުގެ މައްސަލަ ހައްލުކުރަން ދަތިވެ އެވެ. ދިވެހި އާއްމު ގިނަ މީހުންނަކީ އެ މީހުންގެ އަތުގައި އޮންނަ އިންޓަނޭޝަނަލް ކޭޝް ކާޑު ބޭނުންކޮށްގެން ބޭނުމެއް ނެތްނަމަވެސް އެއްޗިހި ގަންނަ ބައެކެވެ. ބައެއް މީހުން މުސާރަ ލިބޭ ތަނުން އެމީހުންގެ ކާޑުގައި ހުންނަ 250 ޑޮލަރުގެ ލިމިޓުން ބައެއް ހުސްކޮށްލަ އެވެ. މި އަދަދަކީ ވެސް ޑޮލަރު މެނޭޖުކުރަން ދަތިވާ އެއް ސަބަބެކެވެ.
މޯލްޑިވްސް ޕޭމެންޓްސް ބްލެޓިން 2023 ދައްކާ ގޮތުގައި ރާއްޖޭގައި ކޮންމެ ބޮލަކަށް ބޭންކު ދެ ކާޑު ގެންގުޅެ އެވެ. އެ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބޭންކުތަކުން ޖުމްލަ 1.34 މިލިއަން ކާޑު އިޝޫކޮށްފައިވެ އެވެ. އެއީ އާބާދީ އަށް ބަހައިލުމުން ބޮލަކަށް 2.5 ކާޑެވެ. އެ ކާޑުތަކުގެ 62 ޕަސެންޓަކީ ޑެބިޓު ކާޑެވެ. 34 ޕަސެންޓަކީ ޕްރިޕެއިޑް ކާޑެވެ. އަދި ކްރެޑިޓު ކާޑަކީ ޖުމްލަ ކާޑުގެ ހަތަރު ޕަސެންޓެވެ. ކްރެޑިޓު ކާޑުތައް ބޭންނުކޮށްގެން 332،000 މުއާމަލާތް 2023 ގައި ހިންގާފައިވާއިރު އެއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 64 އިންސައްތަ އިތުރު އަދަދެކެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން ކާޑުތައް ބޭނުންކޮށްގެން ކޮށްފައިވާ މުއާމަލާތްތައް އަހަރުން އަހަރަށްވަނީ އިތުރުވެފަ އެވެ. އެގޮތުން 2022 ވަނަ އަހަރު 45.71 މިލިއަން މުއާމަލާތް ކާޑުތަކުގެ ޒަރީއާއި ން ހިންގާފައިވާއިރު 2023 ވަނަ އަހަރު އެ އަދަދުވަނީ 56.49 މިލިއަނަށް އިތުރުވެފަ އެވެ. އެގޮތުން 2022 ވަނަ އަހަރު ކާޑުތަކުން ހަދާފައިވާ މުއާމަލާތްތަކުގެ އަގަކީ 17.92 ބިލިއަން ރުފިޔާ އެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދުވަނީ 22.96 ބިލިއަނަށް އިތުރުވެފަ އެވެ. ނުވަތަ 1.4 ބިލިއަން ޑޮލަރު ބޭރުކުރާނެ އެވެ.
ގިނަ މީހުންނަށް ނޭނގޭ ކަމަކީ މި ޑޮލަރަކީ މަރުކަޒީ ބޭންކް އަށް ލިބޭ ޑޮލަރުން ބޭންކްތަކަށް ވިއްކާ ޑޮލަރެވެ. ހަމަ ހިތަށް އަރާއިރަށް އަލީބާނާ ނުވަތަ ލަޒާޑާ އަށް އެޑްކޮށްލާފަ އިންނަ ކާޑުން ކަނޑާލާ ކޮންމެ ދިވެހި ރުފިޔާއަކީ އެ ގަންނަ މުދާ ރާއްޖެ އައުމުގެ ކުރިން އުނިވެގެންދާ ޑޮލަރެކެވެ. ކިތަންމެ އަތްމަތި ދަތިވިނަމަވެސް ގިނަ މީހުން ޗުއްޓީއަށް ބޭރަށް ދާން ޖެހެ އެވެ. ކޮންމެހެން އެންމެންނަކީ ބޭހަށް ބޭރަށްދާ މީހުންނެއް ނޫނެވެ. މިގޮތަށްދާ ކޮންމެ މީހަކު ބޮލަކަށް އެންމެ މަދު ވެގެން 500 ޑޮލަރު ބޭރު ކުރެ އެވެ. މި ޑޮލަރަކީ ރިޒާވުން ނަގައި ބޭންކްތަކަށް ވިއްކާ ޑޮލަރެވެ. މީގެ އިތުރުން ރާއްޖޭގައި ޑޮލަރު ލީކްވާ އެންމެ ބޮޑު ލޯވަޅަކީ ތެލަށް ކުރަން ޖެހޭ ހަރަދު މަތިވަމުން ދިއުމެވެ.
ރިސޯޓްތަކުގެ ކޮޓަރިތަކާއި އާއްމު ގޭބިސީތަކުގެ ކޮޓަރިތަކަށް ހަކަތަ އުފައްދަނީ އިމްޕޯޓް ކުރާ ތެލުންނެވެ. މި ތެލަކީ ވެސް ރިޒާވުން ހަރަދު ކުރާ ޑޮލަރުން ގަންނަ އެއްޗެކެވެ. އެވްރެޖުކޮށް ތެޔޮ ބިލަކަށް 120 މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހެ އެވެ. އިޔާދަކުރަނިވި ހަކަތައަށް ސަރުކާރުން ބިލިއަނުން ހަރަދު ކުރިނަމަވެސް މި ހަރަދު ދަށެއް ނުވެ އެވެ. ރިސޯޓުތަކުގައި "ފެންސީ ސޯލާ ޕެނަލްތައް" ޖެހިޔަސް ރިސޯޓުތަކުން ތެޔޮ ބޭނުންކުރާ މިންވަރު ދައްވާކަމުގެ ނިޝާނެއް ނެތެވެ.
ތެޔޮ ބިލްތައް ބަރާބަށް ފައިސާ ދައްކަން ދައުލަތަށް ދައްކަން މަޖުބޫރެވެ. ތެޔޮ ގަންނަވަމުން ގަންނަން ޖެހެ އެވެ. ތެލުގެ އެންމެ ބިލެއް ނުދެކުނަސް ގައުމު ބަނގުރޫޓުވީ އެވެ. ލަންކާ އަށް ވީ އެގޮތެވެ. ލަންކާ ބޭންކްރަޕްސީ އިއުލާނުކޮށް ގައުމުން ކަރަންޓު ކަނޑަން ޖެހުނީ ތެޔޮ ބިލަކަށް ފައިސާ ނުދެއްކުމާ ހަމައިންނެވެ.
އަނެއް މައްސަލައަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ. ބިދޭސީން ރާއްޖެ އަންނަނީ ދިވެހިންގެ ވަޒީފާ އަށެވެ. އެކަމަކު ދިވެހި ކުންފުނިތަކަށް އައިސް ތިބި 180،000 ބިދޭސީން އެތިބެ ގަވައިދާ ހިލާފަށް "އަމިއްލަ މަސައްކަތް" ކުރަނީ އެވެ. އެ މީހުން އެވްރެޖުކޮށް މީހަކު 800 ޑޮލަރު ނުވަތަ 12،000ރ. މަހަކު ރާއްޖޭން ބޭރުކުރާ ކަމަށް އަންދާޒާ ކުރިނަަވެސް އެއީ މަހެއްގެ މައްޗަށް 144 މިލިއަން ޑޮލަރެވެ. އަހަރެއްގެ މައްޗަށް ބަލާނަމަ މި އަދަދު 1.7 ބިލިއަން ޑޮލަރު ފަހަނަ އަޅާދެ އެވެ. މި ހުރިހާ ލޯވަޅު ތަކެއް މިހެން ހުއްޓައި ހަމަ މާރުކުރަން ފަށާއިރަށް އެއް މަހު ތެރޭގައި އޭގެ ނަތީޖާ ނުފެނިދާނެ އެވެ. އެކަމަކު ދުރު މުސްތަގުބަލުގައި މީގެ ހެޔޮ ފައިދާ ކުރާނެކަމަށް މާހިރުން ގަބޫލު ކުރައްވަ އެވެ.
މިގޮތުން މާރުކުރާނަމަ އަންނާނެ އެންމެ ބޮޑު ބަދަލަކީ ކަޅު ބާޒާރުގައި ހުރި ޑޮލަރު މަދުވުމެވެ. ކުރިން ކަޅު ބާޒާރަށް ނެރުނު ޑޮލަރު ބޭންކިން ނިޒާމަށް މާރުވުމަކީ މުދާ އެތެރެ ކުރަން ބޭނުންވާ ވިޔަފާރިވެރިން ކަޅު ބާޒާރުން ހޯދަން ޖެހޭ ޑޮލަރު މަދުވާނެ ކަމެކެވެ. މި ވަގުތުގެ ހާލަތު ބަދަލުވަމުން ދަނީ އެ މަގަށެވެ. ކުރިން ކަޅުބާޒާރުގައި ހުރި ޑޮލަރު މިހާރު ބޭންކިން ނިޒާމަށް ވަންނަން ފަށައިފި އެވެ. އެހެންވެ އަންދާޒާއަކީ މި އަހަރުގެ ފަހުކޮޅާ ހަމައިން މިގޮތުގައިދާނަމަ ނަތީޖާ ފެންނަން ފަށާނެ އެވެ. ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ފެށުމާއެކު ބޭންކްތަކުގެ މާލީ ގާބިލްކަން އިތުރު ވެގެންދާނެ އެވެ. ބޭންކްތަކާ ޓޫރިޒަމާ ދެމެދު ގުޅުމެއް އުފެދިގެންދާނެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދު ވިދާޅުވި ގޮތުގައި މި ބަދަލަކީ ވިޔަފާރީގެ މަންފާ ރާއްޖެ އިން ބޭރަށް ނުގެންދެވޭ ގޮތް ހެދުމަށް ގެނައި ބަދަލެއް ނޫންކަމަށާއި، އެ ބަދަލުގެ ހަމައެކަނި މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާއިން އުފައްދާ އާމްދަނީ ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށްފަހު ނޫނީ ބޭރުނުކުރެވޭ ގޮތް ހެދުން ކަމަށްވެސް އިމާދު ވިދާޅުވި އެވެ. މިފަދަ އިން ބޭރު ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ މިންވަރު އިތުރުވާނަމަ، އެކަމުން ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ފައިދާވާނެކަން ފާހަގަކުރައްވަމުން ޑެޕިއުޓީ ގަވަނަރު ވިދާޅުވީ ބޭންކިން ނިޒާމެއްގައި އަބަދު ދައުރުކުރާ ފައިސާ އިތުރުވެ، ބޮޑު އަދަދެއްގެ ފައިސާ މާލީ ނިޒާމުގައި ދައުރުވާނަމަ، ބޭންކުތަކުން ފަތުރުވެރިކަމުގެ ސެކްޓާ އަށް ބޭރު ފައިސާއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރުވާނެ ކަމަށެވެ.
އިތުރަށް، އިމާދު ވިދާޅުވީ މި ގަވާއިދާއެކު ބޭންކުތަކަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވުމުން ބޭންކުތަކުން ދޭ ހިދުމަތްތައް ފުޅާކޮށް ރާއްޖޭގައި ބޭރު ފައިސާ ހިފަހެއްޓުމަށް ހިތްވަރުދޭ ފަދަ ބަދަލުތަކެއް ގެނައުމާ ގުޅޭ ގޮތުން އެމްއެމްއޭ އިން މިހާރު ވެސް ބޭންކުތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ބޭންކިން ނިޒާމުގައި ދައުރުކުރާ ބޭރު ފައިސާ އިތުރުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ފުޅާކުރުމަށް ތަނަވަސްވާ ޖާގައެއް ކަމުގައި ވެސް އިމާދު ވިދާޅުވި އެވެ.
ޑޮލަރު މާރުކުރަން ފެށުމަކީ ރަނގަޅު ބަދަލެކެވެ. އެކަމަކު މި ބަދަލުގެ ނަތީޖާ އެއް މަހުން ދެ މަހުން ނުފެނިދާނެ އެވެ. އެކަމަކު މާ ދުރުނޫން މުސްތަގުބަލެއްގައި އެ ފައިދާ ދިވެހި އާއްމު މީހާ އަށް އިހުސާސްވާ ފަށާނެ އެވެ. މިއީ ކޮންމެހެން ރާއްޖޭގެ ތަޖުރިބާއެއް ނޫނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިކަންވީ މިގޮތަށެވެ. އެހެންވެ ރާއްޖެ މިކަމުން އިސްތިސްނާއެއް ނުވާނެ އެވެ.
ކޮން ޤައުމެއްގެބާ އެހެންވީ؟؟ އެއްވެސް އޮއްޓަރު ހުރު މަސައްކަތެއް ނުކޮށް މި މައްސަލަ ޙައްލުވޭތޯ؟؟ އެއްޖީބުން އަނެއްޖީބަށްލީމަ ޑޮލަރު މައްސަލަނިމުނީ