އެއްކޮށްލި ޓޫރިޒަމާއި ތިމާވެށި | އެއް ފައިސާ ފޮތީގެ ދެފުށް

ޓޫރިޒަމް މިނިސްޓްރީ އާއި ތިމާވެށީ މިނިސްޓްރީއަކީ ގުޅުން ބޮޑު ދެ މިނިސްޓްރީ އެވެ. ޓޫރިޒަމް ބިނާވަނީ މި ދެ މިނިސްޓްރީގެ ގުޅުމަށެވެ. މިއަދުގެ ދުނިޔޭގައި ފަސޭހަ ފައިނޭންސިން ލިބެނީ ތިމާވެށީގެ ކަންކަމަށެވެ. ޓޫރިޒަމްގައި ތިމާވެށި މުހިންމެވެ.

ތިމާވެށި އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގު ސައިޑް އިވެންޓްގައި ވާހަކަ ދައްކަވަނީ

ރާއްޖޭގެ އިގްތިސޯދުގެ އެންމެ މުހިންމު އެއް ވުޒާރާއަކީ ޓޫރިޒަމް މިނިސްޓްރީ އެވެ. އަދި މިއަދުގެ ރާއްޖެ ޒަމާނުއްސުރެން ވަކާލާތު ކުރަމުންދާ "ތިމާވެށީގެ ދުނިޔޭގައި" އެންމެ މުހިންމު އެއް ވުޒާރާއަކީ ތިމާވެށީގެ މިނިސްޓްރީ އެވެ. ރައީސް ފަށާފަ އެވެ. މި ނިންމެވުމާއެކު ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ. އެއް ބައެއްގެ ނަޒަރުގައި ރާއްޖޭގެ ޓޫރިޒަމްގެ މައި ތަނބު ނިސްބަވްތާ ޓޫރިޒަމް އޮންނަން ޖެހޭނީ ވަކި މިނިސްޓްރީއެއްގެ ގޮތުގަ އެވެ. ޓޫރިޒަމް މިނިސްޓްރީ އިތުރު މިނިސްޓްރީއެއްގެ ތެރެއަށް ލައިގެން ބޮޑިބަތް ގަނޑެއްގެ ގޮތަށް ނުހިންގޭނެ އެވެ. ޓޫރިޒަމް ސިނާއަތުގެ އެހެން ބައެއް ފަރާތްތަކުގެ ސުވާބަކީ އެއްކޮށްލިއަސް ނޫނީ ވަކިން ހިންގިޔަސް މިހާތަނަށް ލިބުނު މޮޅަކީ ކޮބައި ހެއްޔެވެ؟ ރާއްޖޭގެ ރިސޯޓްތަކުގައި ތިބީ ކިތައް ދިވެހި މުވައްޒަފުންނަށް ޓޫރިޒަމް މިނިސްޓްރީ އަށް އެނގޭ ހެއްޔެވެ ؟ ދުނިޔޭގެ ޓޫރިޒަމަށް ވަމުންދާ ގޮތާއި ޓްރެންޑް ރާއްޖޭގެ ހަފޮޅުން އެތެރެކޮށް ރާއްޖޭގެ ޓޫރިޒަމަށް ފާއްދާލަން މިނިސްޓްރީއަށް މިހާތަނަށް ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ ވަކިން އޮތެއްކަމަކު މިނިސްޓްރީއަކީ ހަމަ ވަކިން ޖަހާފައިވާ ނަން ބޯޑެއް ނޫން ހެއްޔެވެ؟ އެ ތަން ހިންގަނީ ރިސޯޓް ވެރިންގެ ޖަމިއްޔާ "މަޓީ މިނިސްޓްރީ" ގެ ގޮތުގައި ނޫން ހެއްޔެވެ ؟ 

ސަރުކާރުކާރުން ޓޫރިޒަމް މިނިސްޓްރީ އާއި ތިމާވެށީގެ މިނިސްޓްރީ މިވަކީ އެއްކޮށްލުމުގައި ސަބަބެއް ވާނެ އެވެ. މި އެއްކޮށްލުމާއެކު ދެން މި ދެ ވުޒާރާ ހިންގަވާނީ ދެ ދައުރެއްގައި ތިމާވެށީގެ މިނިސްޓްރީ ހިންގެވި މިނިސްޓްރު ތޯރިގު އިބްރާހިމް އާއްމު ނަމުންނަމަ "ތޯބެ" ގެ ނިޔަމި ކަމުގަ އެވެ. ކޮންމެ ގޮތެއްގައި ނަމަވެސް އެއްކޮށްލި ދެ ވުޒާރާއަކީ އެއް ފައިސާ ފޮތީގެ ދެފުށް ކަމަށް ބުނެވިދާނެ އެވެ. އެއީ ޓޫރިޒަމްގެ އެންމެ މުހިންމު ބަޔަކީ ތިމާވެއްޓެވެ. ރާއްޖޭގެ ޓޫރިޒަމްގެ ބިއުޓީ ދެމިއޮތީ ތިމާވެށި ހިމާޔަތް ކުރަން މިހާތަނަށް ކުރެވުނު މަސައްކަތުންނެވެ. ދެ މިނިސްޓްރީ އެއްކޮށްލުމުން ފެންނާނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ ސުވާލަކީ މި އެވެ. 

މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓަށް މަރުހަބާ ކިޔުން -- ޓޫރިޒަމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ތިމާވެށި މިނިސްޓްރީ ވަކިން ހިންގުން މުހިންމުކަން މިއަދުގެ ދުނިޔޭގައި ރާއްޖެ އަށް ބޮޑެވެ. އެހެންވެ ދެ ވުޒާރާ އެއްކޮށްލުމާމެދު އެ މަނިކުފާނު ހިތްޕުޅާއެއް ނުވެ އެވެ. 

ޑރ. މައުސޫމް ފާހަގަ ކުރެއްވި އަނެއް ނުކުރާއަކީ ރައީސް ސޯލިހުގެ ވެރިކަމުގައި ކްލައިމެޓް ޗޭންޖް މިނިސްޓްރީ ވަކިން ހިންގެވީ ތިމާވެށީގެ ކަންކަމުގައި އޮތް މުހިންމުކަން ދުނިޔެ އަށް ދެއްކުމަށެވެ. މިގޮތަށް ޓޫރިޒަމް މިނިސްޓްރީ އާއި ތިމާވެށި މިނިސްޓްރީ އެއްކޮށްލުމުން ތިމާވެށީގެ ކަންކަމަށް އަހަމިއްޔަތުކަން ކުޑަވާނެކަމުގެ މެސެޖެއް ދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ވުޒާރާއަކާ އެއްކޮށްލުން އާކަމެއް ނޫން

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވާހަކަ ދައްކަވަނީ -- އެމްއެމްއައިއެފް

ރާއްޖޭގެ ޓޫރިޒަމްގެ 50 އަހަރުގެ ތާރީހުގައި މިހާތަނަށް 17 ވަޒީރުން ޓޫރިޒަމް މިނިސްޓްރީ ހިންގަވާފައިވާއިރު، މިއީ ޓޫރިޒަމް އެހެން ވުޒާރާއަކާ އެއްކޮށްލި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. 

ޑރ. އަބްދުﷲ މައުސޫމް މިނިސްޓަރުކަން ކުރެއްވި 2008 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީ އޮތީ ސިވިލް އޭވިއޭޝަންގެ ދަށުގަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ސިވިލް އޭވިއޭޝަނާ އެއްކޮށްލި ޓޫރިޒަމް މިނިސްޓްރީގެ ވަޒީރުކަން ކުރައްވާފަ އެވެ. އަދި 2008 އިން 2010 ގެ ނިޔަލަށް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު އަލީ ސަވާދުގެ ވަޒީރުކަމުގައި އެ މިނިސްޓްރީ އޮތީ އާޓްސް އެންޑް ކަލްޗަރުގެ ދަށުގަ އެވެ. އަދި ޑރ. މަރިޔަމް ޒުލްފާ މިނިސްޓަރުކަން ކުރެއްވި 2012-2010 ގެ ނިޔަލަށް ޓޫރިޒަމް އޮތީ އާޓްސް އެންޑް ކަލްޗަރު މިނިސްޓްރީއާ އެއްކޮށެވެ. އަދި އަހުމަދު އަދީބު ވަޒިރުކަން ކުރެއްވިއިރު ވެސް އޮތީ މިގޮތަށެވެ.

ދެން އޮތީ ރާއްޖެއާ ވާދަވެރި ކަމަށް ބުނާ ގައުމުތަކުގައި ޓޫރިޒަމް މިނިސްޓްރީތައް ހިންގާ ގޮތަށް ބަލައިލުމެވެ. ސީޝެލްގައި ޓޫރިޒަމްގެ ކަންކަން ބަލަހައްޓަން ވަކިން މިނިސްޓްރީއެއް ނުހުރެ އެވެ. އެ ގައުމުގައި އޮންނަނީ ޑިޕާޓްމަންޓެކެވެ. ފިލިޕީންސްގައި ވެސް އެއީ ވަކިން ހިންގާ ޑިޕާޓްމަންޓެކެވެ. ސްރީލަންކާގައި އޮންނަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އޭވިއޭޝަން މިނިސްޓްރީ އެވެ. އެހެންވެ ކޮންމެހެން ޓޫރިޒަމް މިނިސްޓްރީ ހިންގޭނީ ވަކިން އޮވެގެންނޭ ނޫނީ އެއްކޮށްލައިގެންނޭ ބުނެވޭކަށްވެސް ނެތެވެ.

ހިންގޭނީ ވަކިން ނޫނީ އެއްކޮށްލައިގެންނެއް ނޫން

ޓޫރިޒަމާ ތިމާވެށީ އެއްކޮށްލައިގެން މާ ކަންބޮޑު ވެގެން އުޅުނަސް ވަކިން މިހާތަނަށް ހިންގިއިރު ލިބުނީ ކޮން މޮޅެއް ތޯ ވެސް ބަލަން ޖެހެ އެވެ.

ޓޫރިޒަމް މިނިސްޓްރީ ވާން ޖެހޭނީ ޓޫރިޒަމް ރަނގަޅަށް ރެގިއުލޭޓް ކުރެވޭނެ ތަނަކަށެވެ. އެ މިނިސްޓްރީ އަށް އެކަންވޭ ހެއްޔެވެ ؟ ޓޫރިޒަމްގައި ހުރިހާ ކަމެއް ހުސްކޮށްފަ ވަޒީރެއް ބެހެއްޓިޔަސް، އެ ތަނަށް ހުއްދައެއް ހޯދަން ލާ ސިޓީ ގަނޑު މިނިސްޓަރުގެ މޭޒު ކޮޅުމަތީގައި މަސް ދެ މަސް އޮންނަނަމަ އެތަން ވަކިން ހިންގުމެކޭ ޑިޕާޓްމަންޓެއްގެ ގޮތުގައި އޮތުމެކޭ މިނިސްޓްރީއަކާ އެއްކޮށްލުމެކޭ ތަފާތަކީ ކޮބައި ހެއްޔެވެ ؟ 

ޓޫރިޒަމް ފެސިލިޓީތައް ގަވައިދުން އިންސްޕެކްޓް ނުކުރެވޭނަމަ މިނިސްޓްރީ ވަކިން އޮވެގެން ލިބުނު މޮޅާމެދު މިއަދު ސުވާލު ނުކުރެވޭ ހެއްޔެވެ؟ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރަން ނަގާ ހުއްދައެއްގެ ޕްރޮޕޯސަލެއް މިނިސްޓަރުގެ މޭޒު މަތީގައި ބާއްވައިގެން ދައުރެއް ނިންމާލި ވަޒީރުން ވެސް އެ މިނިސްޓްރީގެ ވަޒީރުކަން ކޮށްފައި ވަޑައިގެންފި އެވެ.

ދެން އޮތީ ޓޫރިޒަމާއި ތިމާވެށި މިނިސްޓްރީގެ ގުޅުމު ވާހަކަ އެވެ. ޓޫރިޒަމާއި ތިމާވެށީ މިނިސްޓްރީގެ ގުޅުމަކީ ކޮބައި ހެއްޔެވެ ؟ މިފަހަރު އެއްކޮށްލުމުން ލިބޭނެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ މިނިސްޓަރު ތޯބެއަށް މިކަންވާނެ ހެއްޔެވެ؟ 

ޓޫރިޒަމްގެ ހުރިހާކަމެއްގައި ތިމާވެށި މިނިސްޓްރީއާ މިއަދު ގުޅުން ބޮޑެވެ. ބައެއް ފަހަރު މި ދެ މިނިސްޓްރީއަކީ "ތަޅާފޮޅާ" ބައެކެވެ. ފަޅެއް ހިއްކިޔަސް ރިސޯޓެއްގެ ގޮނޑުދޮށަކަށް ވެލިއެޅިޔަސް ތިމާވެށީގެ މިނިސްޓްރީގެ ކުޑައިގެ ދަށުގައި އޮންނަ ކޮންމެވެސް ތަނަކަށް ދާން ޖެހެ އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވި ގޮތުގައި ދެ ވުޒާރާ އެއްކޮށްލުމާމެދު ހިތްހަމަ ނުޖެހުނަސް މީހަކަށް މިކަންވާނަމަ މިފަަހަރުވާނެ އެވެ.

"ތޯބެއާމެދު ނެގެޓިކް ކޮމެންޓެއް ނުފެނޭ. އެ ބޭފުޅާއަކީ ގާބިލް ބޭފުޅެއް. މީހަކަށްވާނަމަ ތޯބެ އަށް މި ފަހަރު ވާނެ،" މައުސޫމް ވިދާޅުވި އެވެ.

ތިމާވެށި ފައިނޭންސިންނާ ޓޫރިޒަމް ގުޅުވައިލެވޭނެ

ތިމާވެއްޓާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައިގެން ރާއްޖެއަށް އިތުރު ދޮރުތަކެއް ހުޅުވިދާނެ އެވެ. މިއަދުގެ ދުނިޔޭގައި ކްލައިމެޓް ފައިނޭންސްއަކީ އެންމެ ފަސޭހައިން ލިބޭ އެއް މާލީ އެހީތެރިކަމެވެ. މި ދެ މިނިސްޓްރީއެއްކޮށް މަސައްކަތް ކޮށްގެން ޓޫރިޒަމް ފެސިލިޓީތައް ތަރައްގީ ކުރަން މި ބާވަތުގެ ފައިނޭންސް ހޯދަން އެހީތެރިކަން ހޯދޭނެ އެވެ. ސަބަބަކީ މިނިސްޓަރު ތޯބެއަކީ ވެސް ޓޫރިޒަމްގެ ނޯހަރު ދަންނަ ބޭފުޅަކަށް ނުވުމެވެ. އެ މަނިކުފާނަކީ ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގައި އިންވެސްޓްކޮށްފައިވާ ބޭފުޅެކެވެ. އަދި ދެ ފަަހަރު ކްލައިމެޓް ފައިނޭންސިން ހޯދުމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވި ބޭފުޅެކެވެ. އެ މަނިކުފާނު ތިމާވެށި މިނިސްޓްރީ ހިންގެވި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް އެ ދާއިރާއިން "ގްރީން ފައިނޭންސިން" ހޯދެވި އެވެ. އެގޮތުން އެންމެ ފާހަގަ ކުރެއްވޭ އެއް މަޝްރޫއަކީ ތިލަފުށިން ދުން އެރުން ހުއްޓުވަން އޭޑީބީއިން ހޯދެވި ފައިނޭންސިން އެވެ. އެމަނިކުފާނުގެ ދައުރުގައި އެކަމުގެ ބޮޑުބައި އޮތީ ފުރިހަމަ ކުރައްވާފަ އެވެ. އެކަން ތަންފީޒުވީ ރައީސް ސޯލިހުގެ ސަރުކާރުގަ އެވެ. 

އެހެންވެ ދުނިޔޭގައި ހުރި މިފަދަ "ގްރީން ފަންޑުތަކު" ގެ އެހީ ހޯދުމުގެ ފުރުސަތު މި "މާޖް" އާއެކު އެބައޮތެވެ. ރާއްޖޭގެ ޓޫރިޒަމަށް އިންވެސްޓްމަންޓް އިންތިހާ އަށް ބޭނުންވެ އެވެ. އަދި ރާއްޖެއަކީ ދެމެހެއްޓެނިވި ތިމާވެށީގެ ޗެމްޕިއަނުންގެ ގޮތުގައި އަބަދު އޮންނަ ގައުމެވެ. އެހެންވެ މިފަހަރު ގްރީން ފަންޑުތަކުން ހޯދާ ފައިނޭންސުގެ ބޭނުންކޮށްގެން ނުހެދި ހުރި ރިސޯޓްތައް ހެދުމާއި އަލަށް ހަދާ ރިސޯޓްތައް ހަދަން ފައިނޭންސް ހޯދިއްޖެނަމަ އެ މިނިސްޓްރީ އެއްކޮށްލުމުގެ ނަތީޖާ ފެނުނީ އެވެ. މި ދެ މިނިސްޓްރީ އެއްކޮށް އެއް ވަޒީރެއްގެ ބެލުމުގެ ދަށުން ހިންގައިގެން މިފަދަ އެތައް މަންފާއެއް ރާއްޖެއަށް ނުނެގޭނެ ސަބަބެއް ނެތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.