ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބީ ކޮންމެހެން ބަންދުގައި ތިބެން ޖެހޭ މީހުން ކަމަށް އިއްތިފާގުވެއްޖެ

އޭގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ ބިދޭސީންގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނާ ހިއްސާކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް މި ފޯރަމުގައި ވަނީ ނިންމާފަ އެވެ.

އިއްޔެ ބޭއްވި "ބަންދު ފޯރަމް"

ޝަރީއަތް ނިމެންދެން މިހާރު ބަންދުކޮށްފައި ތިބީ ކޮންމެހެން ބަންދުގައި ބައިތިއްބަން ޖެހޭ މީހުން ކަމަށް ކޯޓުތައް ފިޔަވައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކެއް އިއްތިފާގުވެއްޖެ އެވެ.

މިގޮތަށް ނިންމާފައި ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމާގުޅޭ މައްސަލަތައް ހައްލުކުރުމަށް، ކޯޓުތައް ފިޔަވައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކެއް ހިމެނޭ ގޮތަށް، އިއްޔެ ބޭއްވި "ބަންދު ފޯރަމް" ގައެވެ. މި ފޯރަމް ބާއްވާފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިންތިޒާމް ކޮށްގެންނެވެ.

އެ އޮފީހުން ބުނީ އެ ފޯރަމް ބޭއްވި މަގުސަދަކީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގެ ޝަރުތުތައް މުރާޖައާކުރުމުގައި ގެންގުޅޭނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގައާއި، މި ނިޒާމު މިހާރަށްވުރެ ފުރިހަމަކޮށް، ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ހައްގުތަކާއި މުޖުތަމައުގެ ހައްގުތައް ރައްކާތެރިކޮށް އެއްހަމަކުރެވޭނެ ގޮތަށް، ނިޒާމަށް އީޖާދީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށުމަށް ކަމަށެވެ.

މި ފޯރަމުގައި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ބަދަލުގައި އެޅިދާނެ އެހެން ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް އެޅުމަށް މިހާރު އޮތް ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާއި، މޮނިޓަރިން މެކޭނިޒަމްއެއް ތަންފީޒުކުރުމަށް ތަންފީޒީ އިދާރާތަކުން ތައްޔާރުވެފައިވާ މިންވަރާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ވަނީ ޕެނަލް ޑިސްކަޝަން ކުރިއަށް ގެންގޮސްފަ އެވެ. 

އޭގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ ބިދޭސީންގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނާ ހިއްސާކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް މި ފޯރަމުގައި ވަނީ ނިންމާފަ އެވެ. އަދި ޕީޖީ އޮފީހުން އެދިގެން ޝަރީއަތް ނިމެންދެން ބަންދުކުރާ ބިދޭސީންގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނާ ގަވާއިދުން ހިއްސާ ކުރުމަށް ވެސް ނިންމި އެވެ.

މި ފޯރަމްގެ ޕެނެލް ޑިސްކަޝަންގައި ބައިވެރިވެފައި ވަނީ ޕީޖީ އޮފީހާއި، އެޓާނީ ޖެނެރަލްގެ އޮފީހާއި، ފުލުހުންނާއި، ކަރެކްޝަނަލް ސާވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަނުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.