ޕަލަސްއިން މީގެ ކުރިން ވަނީ ޑޮލަރު މާރުކުރަން ޖެހުމުން ސާވިސް ޗާޖާއި އިނާޔަތް ރުފިޔާއިން ދޭން ޖެހިފައިވާ ކަމަށް ބުނެފަ އެވެ. މި ކުންފުނީގެ އެމްޑީއަކީ ރައީސްގެ ޓޫރިޒަމް އެޑްވައިޒަރު ހަލީމް އެވެ.
ޓޫރިސްޓެއްގެ ބޮލަކަށް ޑޮލަރު މާރުކުރަން ޖެހުމުން ދަތިވެ، މުވައްޒަފުންނަށް ދޭ އިނާޔަތްތައް ރުފިޔާ އިން ދޭން ޖެހިދާނެ ކަމަށް ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީމްގެ ހިއްސާ އޮންނަ ކުންފުނިން ބުނިމަވަވެސް އެ ކުންފުނިން މާރުކޮށް މުވައްޒަފުންނަށް އިނާޔަތްތައް ދިނީ ވެސް ޑޮލަރުންނެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ޓޫރިޒަމް ވިޔަފާރިކުރާ ޔުނިވާސަލްގެ ކުންފުނީގެ ބައެއް ހިއްސާދާރުންވެސް ހިމެނޭ ޕަލްސްއިން ހިންގާ ރިސޯޓްތަކުން ވަނީ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު މާރު ކުރަން ޖެހުމުން މުވައްޒަފުންނަށް ސާވިސް ޗާޖާއި މުސާރަ ޑޮލަރުން ދޭން ދަތިވާނެ ކަމަށް ބުނެ މުވައްޒަފުންނަށް ނޯޓެއް ވެސް ކުރިން ފޮނުވާފަ އެވެ. މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ މި ސަރުކާރުގެ ޓޫރިޒަމް އެޑްވައިޒަރު ހަލީލް (މަޓާޓޯ ހަލީލް) އެވެ.
ރާއްޖޭގެ ޑޮލަރު ކަޅު ބާޒާރަށް ލޯޑު އަންނަ ޑޮލަރު މަދުކުރަން، ރާއްޖޭގެ ވިޔަފާރިތަކާއި އާއްމުންގެ ބޭނުންތަކަށް އިތުރު ޑޮލަރު ފޯރުކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުގެ އިސް ނެގުމަކާއެކު މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ގާނޫނެއް ހަދައި ބޭންކިން ނިޒާމަށް ޑޮލަރު މާރު ކުރަން ފެށީ މިދިޔަ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މަރުކަޒީ ބޭންކުން ވަނީ މާރުކުރަން ހުށަހަޅާފައިވާ ސޭލްސް ރިޕޯޓްތަކަށް ބަލާއިއިރު 30 މިލިއަން ޑޮލަރާއި 40 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއް ބޭ ރުފައިސާ މާރުކުރުމުގެ ގަވާއިދުގެ ސަބަބުން ބޭންކު ތަކަށް މާރުކުރެވިގެންދާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ރާއްޖޭގައި 175 ރިސޯޓެއް ހިންގާއިރު މިދިޔަ މަހުގެ 28 ގެ ނިޔަލަށް ހުރިހާ ރިސޯޓްތަކުން ވަނީ މާރުކޮށްފަ އެވެ.
މިމަހުގެ 30 ވަނަ ދުވަހު ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ. ރައީސް ވަނީ ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން މިދިޔަ 14 މަސްދުވަހުގެ ތެރޭގައި ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަ ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ދިވެހި އިގްތިސާދު ރަނގަޅު ކުރުމަށް ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތަށް އޮތް އެންމެ ބޮޑު އެއް މައްސަލައަކަށް ވީ ޑޮލަރުގެ މައްސަލަ ކަމަށެވެ. ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ ރައްޔިތުންގެ ހައްގު ގައި އެޅުއްވި މުހިންމު ފިޔަވަޅެއްކަމުގައި ވިދާޅުވި އެވެ.
ބޭރު ފައިސާ މާރު ކުރަން ހަދާ ގާނޫނުގައި މާރުކުރުމާ ގުޅޭ ގޮތުން ތައާރަފުކޮށްފައިވަޏީ ތިން އިސްތިސްނާ ހާލަތެއް ދީފައިވެ އެވެ.
މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު ރިސޯޓުތަކަށް ލިބުނު އާމްދަނީއަށްވުރެ 2023 ވަނަ އަހަރު ލިބުނު އާމްދަނީވަނީ 34 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. ހިސާބުތައް ދައްކާ ގޮތުގައި ރިސޯޓުތަކަށް 2019 ވަނަ އަހަރު ޖުމްލަ ސޭލްސްގެ ގޮތުގައި ލިބުނީ 3.4 ބިލިއަން ޑޮލަރެވެ. 2023 ގައި އެ އަދަދުވަނީ 4.5 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އެ ހިސާބުތަކަށް ބަލާއިރު ޑޮލަރުން ލިބުނު އާމްދަނީ އިތުރުވި ނަމަވެސް ރިސޯޓުތަކުން ޑޮލަރު ބޭންކުތަކަށް ވެއްދި މިންވަރުވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން 2019 ވަނަ އަހަރު އާމްދަނީގެ 74 އިންސައްތަކަމަށްވާ 2.5 ބިލިއަން ޑޮލަރުވަނީ ބޭންކުތަކަަށެވެ.
ޑޮލަރުން ރިސޯޓުތަކަށް 2023 ގައި ލިބުނު އާމްދަނީ 2019 އާ އަޅާބަލާއިރު އިތުރުވި ނަމަވެސް ރިސޯޓުތަކުން ބޭންކުތަކަށް ވެއްދި ޑޮލަރުވަނީ އާމްދަނީގެ ނިސްބަތުން ވަރަަށް ބޮޑަށް މަަދުވެފަ އެވެ. އެގޮތުން 2019 ވަނަ އަހަރު ރިސޯޓުތަކުގެ އާމްދަނީގެ 74 އިންސައްތަ ބޭންކުތަކަށް ވެއްދި ނަމަވެސް 2023 ގައި ވައްދާފައިވަނީ އާމްދަނީގެ 52 އިންސައްތަަކަމަށްވާ 2.3 ބިލިއަން ޑޮލަރެވެ.
ބޭންކުތަކަށް ރިސޯޓުތަކުން މާރުކުރި ނުވަތަ ބޭންކުތަކަށް ވިއްކި ޑޮލަރު ވެސް 2019 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރު ވަރަށް ބޮޑަށް މަދުވެފައިވެ އެވެ. އެގޮތުން 2019 ވަނ އަހަރު ޓޫރިޒަމުން ބޭންކުތަކަށް ވަން ފައިސާގެ %6 ބޭންކުތަކަށް ވިއްކި އެވެ. އެއީ 152 މިލިއަން ޑޮލަރެވެ. ނަމަވެސް 2023 ވަނަ އަހަރު ބޭންކުތަކަށް ވަން ޑޮލަރުގެ ތެރެއިން ބޭންކުތަކަށް ވިއްކާފައިވަނީ އެންމެ 3 އިންސައްތަ އެވެ. އެއީ 68 މިލިއަން ޑޮލަރެވެ.
ރިސޯޓުތަކުން ޑޮލަރު ބޭންކުތަކަށް ވަން މިންވަރު މަދުވިއިރު އެ މުއްދަތުގައި ބޭންކުތަކަށް އެމްއެމްއޭއިން ޑޮލަރު ވިއްކި މިންވަރުވަނީ އިތުރުވެފަ އެވެ. އެގޮތުން 2019 ވަނ އަހރު 76.6 މިލިއަން ޑޮލަރު ވިޔަފާރި ބޭންކުތަކަށް އެމްއެމްއޭ އިން ދޫކުރިއިރު 2023 ގައި ބޭންކުތަކަަށް ދޫކުރި ޑޮލަރު 27 އިންސައްތައިން އިތުރުވެ 480.1 މިލިއަން ޑޮލަރު އެމްއެމްއޭއިން ދޫކުރި އެވެ. ބޭންކިން ނިޒާމަށް ޑޮލަރު ވައްދަން ފިޔަވަޅު އަޅަން މަޖުބޫރުވި ހާލަތަކީ މި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް އެއާޕޯޓުން ދޫކުރަމުންދާ 500 ޑޮލަރު 1،000 ޑޮލަރަށް އިތުރުކުރެވުމެވެ. ގަވާއިދު ރަނގަޅަށް ތަންފީޒުކުރެވޭނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް 1،000 ޑޮލަރު ދޫކުރެވޭނެ ކަމަށާއި، އެއީ އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ވަރަށް ބޮޑަށް ފައިދާވާނެ ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
"ޑޮލަރު މާރުކުރާ ގަވާއިދު ރަނގަޅަށް ތަންފީޒުވާނަމަ އަޅުގަނޑުމެން ބޭނުންވަނީ 2026 ގެ ފުރަތަމަ ކުއާޓާއަށް ދާއިރު މި 500 ޑޮލަރުގެ ބަދަލުގައި 1،000 ޑޮލަރުގެ ގަތުމުގެ ފުރުސަތު ދޭން. ދެން މިކަމަށް ހުރަސްއަޅަންވީ ކީއްވެތޯ؟،" ރައީސް ސުވާލު ކުރެއްވި އެވެ.
އޭގެ އިތުރަށް އަންނަ ޖަނަވަރީން ފެށިގެން ދެމެހެއްޓެނެވި ގޮތަކަށް ޑޮލަރު މާރުކުރުމުގެ ކަންކަން ކުރެވޭނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް އަންނަންވާއިރަށް ކްރެޑިޓު ކާޑުތަކުގެ ލިމިޓު 750 ޑޮލަރުން 1،400 ޑޮލަރަށް އިތުރުކުރެއްވޭނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އަންނަ ޖަނަަވަރީން ފެށިގެންގޮސް 2026 ގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް ސަސްޓައިނަބަލް ގޮތަކަށް ޑޮލަރު މާރުކުރުމުގެ ކަންތައް ކުރިއަށްދާނަަމަަ، 1،400 ޑޮލަރާ ހަމައަށް ކްރެޑިޓް ކާޑުގެ ލިމިޓު ބޮޑުކޮށްދޭނަން،" ރިޔާސީ ވައުދުފުޅު ފުއްދަވާނެ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވި އެވެ.