މިއީ 474 މިލިއަން ރުފިޔާ ހަރަދުވާ މިމަޝްރޫއެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މި މަަޝްރޫއު ވެގެންދާނީ ދިވެހިންގެ ފުދުންތެރިކަމަށާއި ތަރައްގީއަށް ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫއެއް ކަމަށެވެ.
ހއ. އިހަވަންދޫގައި އިމާރާތްކުރާ ފިޝަރީޒް ކޮމްޕްލެކްސް ތަރައްގީކޮށް ނިމި އެތަން ހިނގައިގަތުމުން އިހަވަންދޫގައި 150 ވަޒީފާ އުފެދި، މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްގީ ވެގެންދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށުގައި މިއަދު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިހަވަންދޫއަކީ މަސްވެރިކަމުގެ ރަށެއްކަމަށާ ބިންގާ އެޅިގެންދިޔަ ފިޝަރީޒް ކޮމްޕްލެކްސްގެ މަޝްރޫއަކީ ސިނާޢަތުގެ ކުރިމަގަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އަދި، މިއަހަރުގެ މޭމަހު އަމަލީ މަސައްކަތްފެށި، 18 މަސްދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
މިމަޝްރޫއުގެ ދަށުން، 1000 ޓަނުގެ ކޯލްޑްސްޓޯރޭޖް ކެޕޭސިޓީ، އަދި 50 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ ގާއިމު ކުރެވޭހެ އެވެ. އަދި، މަސްކިރުން ފަސޭހަކުރުމަށްޓަކައި ތިން ޕޮއިންޓަކުން މަސްކިރޭގޮތަށް ޖެޓީއަކާއި ބަނދަރެއްވެސް މި ކޮމްޕްލެކްސްގައި ހިމެނެ އެވެ.
މިއީ 474 މިލިއަން ރުފިޔާ ހަރަދުވާ މިމަޝްރޫއެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މި މަަޝްރޫއު ވެގެންދާނީ ދިވެހިންގެ ފުދުންތެރިކަމަށާއި ތަރައްގީއަށް ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫއެއް ކަމަށެވެ.
އެމަނިކުފާނުގެ ރިޔާސީ އަމާޒަކީ، ރައްޔިތުންގެ ބޭނުންތަކަށް ހައްލު ހޯއްދަވައިދެއްވުން ކަމަށާއި ދައުލަތުގެ ހުރިހާ މަސައްކަތްތަކެއް ބައްޓަންވެފައިވަނީ އެ އުސޫލުގެ ދަށުން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، މިހާރު އިއުލާންކޮށްފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން، ހއ. އިހަވަންދޫގައި 200 ހައުސިން ޔުނިޓް އެޅުމަށް ބަޔަކާއި ހަވާލު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި މި ރަސްމިއްޔާތުގައި ހއ. އިހަވަންދޫގައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ ހިދުމަތާއި ޕާސްޕޯޓުގެ ހިދުމަތް ތައާރަފު ކޮށްފައިވެއެވެ. މީގެއިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުން އިހަވަންދޫގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ރަސްމީ ގޮތުން ރަށު ކައުންސިލާ ވަނީ ހަވާލު ކޮށްފަ އެވެ. އަދި އިހަވަންދޫގައި ޒަމާނީ ފެންވަރަށް ގާއިމްކުރާ ހޮސްޕިޓަލާއި ދަނޑުގެ މަސައްކަތާއި އިހަވަންދޫ ހުރަވީ ދަނޑު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.