ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ތަކަންދޫއަށް ތާރީހީ ދަތުރުފުޅެކެވެ.
ޕީޕީއެމް / ޕީއެންސީ ފިކުރުގެ ރައީސަކު ފުރަތަމަ ފަހަރަށް ހއ. ތަކަންދޫއަށް ވަޑައިގަތުމުން މި ރަށަށް އަދަކީ ތާރީހީ ދުވަހަކަށް ވެއްޖެ އެވެ.
ތަކަންދޫ އަކީ ރަށުގައި ދިރިއުޅޭ އާބާދީ ކުޑަ ނަމަވެސް ސިޔާސީ ގޮތުން ވަރަށް ފާހަގަކޮށްލެވޭ ރަށެކެވެ. ސިޔާސީ ދާއިރާ އިން ފާހަގަކޮށްލެވޭ ބޭފުޅުން ވެސް ނިސްބަތެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުތުރުގެ 10 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ތަކަންދޫއަށް ވަޑައިގެންފަ އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ތަކަންދޫއަށް ތާރީހީ ދަތުރުފުޅެކެވެ. މިއީ ޕީޕީއެމް / ޕީއެންސީ -- ކުރީން ޑީއާރުޕީ ފިކުރަށް ބެލި ނަމަވެސް އެ ފިކުރަށް ނިސްބަތްވާ ރައީސަކު މި ރަށަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ކެމްޕެއިން ދަތުރުފުޅެއް ގައި ވެސް ރައީސަކު ވަޑައިގެންފަ އެއް ނުވެ އެވެ. ރައީސް މައުމޫނާއި ރައީސް ޔާމީން ވެސް ވަޑައިނުގަންނަވަ އެވެ.
އެހެން ކަމުން މިއީ އެ ފިކުރުގެ ރައްޔިތުންނަށް އަދި ރަށުގެ ގިނަ ބަޔަކަށް ވެސް ހާއްސަ ދުވަހެކެވެ.
ތަކަންދޫ ރައްޔިތުންގެ ބައްދަލްވުމުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
މެންބަރު ޝުޖާއު ވެސް ވިދާޅުވީ މިއަދަކީ ތަކަންދޫއަށް ވަރަށް ތާރީހީ ދުވަހެއް ކަމަަށެވެ. ރައީސް މި ރަަށަށް ވަޑައިގެންނެވީތީ ޝުކުރު ވެސް އަދާކުރެއްވި އެވެ.
މި ފިކުރުގެ ރައީސަކު ތަކަންދޫއަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ ރައީސުން މީގެ ކުރީން އެތައް ފަހަރެއްގެ މަތީން ތަކަންދޫއަށް ވަޑައިގެންފައިވެ އެވެ.
ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެތައް ފަހަރަކު މި ރަަށަަށް ވަޑައިގެންފައިވެ އެވެ.