"ދެން އިރާދު ކުރެއްވިއްޔާ އަޅުގަނޑު އަންނާނީ އެ އެއާޕޯޓަށް [ދިއްދޫގައި ހަދާ އެއާޕޯޓަށް] ޖައްސާ މަތިންދާބޯޓުގައި އެ އެއާޕޯޓު ހުޅުވަން،"
ތިލަދުންމަތީ އުތުރުބުރީގެ ވެެރިރަށް ދިއްދުއަަށް ދެން ވަޑައިގަންނަވާނީ އެ ރަށުގައި ހަދާ އެއާޕޯޓް ހުޅުވަން އެ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓު ގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ތިލަންދުންމަތީ އުތުރުބުރީގެ 10 ރަަށަކަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި ރައީސް މުއިއްޒު ދިއްދޫއަށް ވަޑައިގެންނެވީ މިއަދު އިރޮއޮއްސުނު ވަގުތު އެވެ. މިއީ މިއަދުގެ ހަތަރުވަނަ މަންޒިލެވެ.
ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދިއްދޫ އެއާޕޯޓް މަޝްރޫއުއަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށާ އެ ވައުދުފުޅު ފުއްދަވާނެ ކަމަަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ދިއްދޫ އެއަޕޯޓަކީ އެރަށާއި އުތުރުގެ ހަތަރު އަތޮޅު ތަރައްގީ ކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގައި ވެސް ހިމެނޭ މުހިންމު މަޝްރޫއެކެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫއުއަށް މަޑުޖެހުމެއް ނައިސް ބާރު ސްޕީޑްގައި ގެންގޮސް ނިންމަވާ ދިއްދޫ އެއާޕޯޓްގެ ހުވަފެން ހަގީގަތަކަށް ހައްދަވާ ދެއްވާނެ ކަމަަށެވެ.
"ދެން އިރާދު ކުރެއްވިއްޔާ އަޅުގަނޑު އަންނާނީ އެ އެއާޕޯޓަށް [ދިއްދޫގައި ހަދާ އެއާޕޯޓަށް] ޖައްސާ މަތިންދާބޯޓުގައި އެ އެއާޕޯޓު ހުޅުވަން،"
ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ މި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ. އެންމެ ބޮޑަށް އެދެނީ އެ މަޝްރޫއު ހިންގައި ދިނުމަށެވެ.
ރައީސަށް މަރުހަބާ ދެންނެވުމަށް އިއްވެވި ލަވައިގައި ވެސް ބޮޑަށް ހިމަނާފައި އެއާޕޯޓާއި ގުޅޭ ވާހަކަތަކެވެ. ރައީސަށް ފާޑުކިޔާ އިދިކޮޅުން ދަމާފައިވާ ބެނާތަކުގައި ވެސް ލިޔެފައި ވަނީ އެއާޕޯޓާ ގުޅޭ ޝުއޫރުތަކެވެ.