ޓޫރިޒަމް ވަޒީރުގެ މަގާމަކީ ގިނަ ބަޔަކު އެ ބޭފުޅެއްގެ ވަށައިގެން އެނބުރޭ މަގާމަކެވެ. އަދި ވަކިވި މަދު ބޭފުޅެއް ނޫނީ އަބަދުވެސް ސީރިއަސް ތުހުމަތުތަކެއް ކުރެވެ އެވެ. ބައެއް ބޭފުޅުންގެ ބޮލުގައި ވައްކަމުގެ ތުހުމަތުވެސް އަޅުވަ އެވެ.
ރާއްޖޭގެ ޑިމޮކްރަސީގެ ތާރީހުގައި ޓޫރިޒަމް މިނިސްޓަރު ވެވަޑައިގެންފައިވަނީ ނުފޫޒު ގަދަ ބޭފުޅެއްގެ ގޮތުގަ އެވެ. ސަބަބެއް ކަމަށްވަނީ އެ މިނިސްޓަރަކީ ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބު ކަމަށްވާ ޓޫރިޒަމް ހިންގުމުގައި އެންމެ އިސްކޮށް ހުންނަވާ ވެރިޔާއަށްވުމެވެ. ރާއްޖޭގެ ބިލިއަން ޑޮލަރުގެ އިގްތިސޯދު މެނޭޖުކުރުމުގައި ބަސް ވިދާޅުވާ ވެރިޔާގެ ގޮތުގައި ހުންނެވުމެވެ. ރާއްޖޭގެ ބައި ގަރުރުވީ ޓޫރިޒަމް ތާރީހުގައި މިހާތަނަަށް ތަފާތު ގިނަ ވަޒީރުން ޓޫރިޒަމް ވަޒީރުގެ ގޮނޑީގައި އިންނަވާފައިވެ އެވެ. ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރަކު އައްޔަން ކުރެއްވީ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެވެ. ރައީސް މައުމޫންގެ ވެރިކަމުގައި އައްޔަން ކުރެއްވި ފުރަތަމަ ޓޫރިޒަމް މިނިސްޓަރަކީ ބޮޑުފެންވަޅުގޭ، އަހުމަދު މުޖުތަބާ އެވެ. އެ މަނިކުފާނު މިނިސްޓަރުކަމުގައި 5، ޖެނުއަރީ 1989 އިން 29، މެއި 1990 ގެ ނިޔަލަށް ހުންނެވި އެވެ. އޭގެފަހުން އިއްޔެ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިކުރެއްވި މިނިސްޓަރު އިބްރާހިމް ފައިސަލްއާ ހަމަ އަށް 16 ވަޒީރުން ވަނީ މި "ހޫނު ގޮނޑީ" ގައި އިށީންނަވާގަ އެވެ.
ޓޫރިޒަމް ގޮނޑީގައި 16 ވަޒީރުން އިށީންނަވައި 17 ވަނަ ވަޒީރަށް ގޮނޑި ހުސްވެފައިވާއިރު، ބައެއް ފަރާތުން ތަފާތު ސުވާލުތައް އުފައްދަވަ އެވެ. ބައެއް މީހުންގެ ނަޒަރުގައި ޓޫރިޒަމް މިނިސްޓަރަށް ވަޑައިގަންވަން ޖެހޭނީ އެ ދާއިރާގެ ބޭފުޅެކެވެ. އެ މީހަކަށް ޓޫރިޒަމަށް ވާގޮތާއި ޓޫރިޒަމް ތާރީހު އެނގެން މަޖުބޫރެވެ. ޓޫރިޒަމްގެ ބާނީ ފަރިތަވާން ޖެހެ އެވެ އަނެއް ބައެއްގެ ނަޒަރުގައި އެ މީހަކީ މޮޅަށް ދެ ބަހުން ވާހަކަ ދެކެވޭ މީހަކަށްވާން މަޖުބޫރެވެ. ރާއްޖޭގެ މިދިޔަ ހަަތަރު ވެރިކަމުގައި މިހާތަނަށް ޓޫރިޒަމް "ހޫނުގޮނޑީ" ގައި ތަފާތު ސެޓްފިކެޓް ހާސިލް ކުރައްވައިގެން ތިއްބެވި ގިނަ ބޭފުޅުން އިށީންނަވާފައިވެ އެވެ. އެކަމަކު ފެންނަން އޮތް ހަގީގަތަކީ އަތުގައި އޮތް ސެޓްފިކެޓަކަށް ވުރެ ބޮޑަށް ނަތީޖާ ފެންނާން އޮތީ އަމަލީ މައިދާނުގައި މަސައްކަތް ކުރި ވަޒީރުންގެ ދައުރުގައި ކަމަށެވެ.
ވަޒީރުގެ މަގާމު މިހާތަނަށް އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅަކީ ރައީސް މައުމޫންގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި އިބްރާހިމް ހުސެއިން ޒަކީ އެވެ. މިނިސްޓަރު ޒަކީ ވަޒީރުކަމުގައި ހަ އަހަރު ހުންނެވި އެވެ. އޭގެފަހުން ދެން އެންމެ ގިނަ ދުވަހު ވަޒީރުގެ ގޮނޑި ފުރުއްވީ ވެސް ރައީސް މައުމޫންގެ މިިނިސްޓަރު ހަސަން ސޯބިރު އެވެ. ސޯބިރު ފަސް އަހަރު މިނިސްޓަރުކަން ކުރެއްވި އެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމު މިހާތަނަށް އެންމެ ކުރު މުއްދަތެއްގައި ފުރުއްވި ބޭފުޅަކީ ރައީސް މައުމޫންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްވަރު މިނިސްޓަރުކަން ކުރެއްވި ޑރ. މުސްތަފާ ލުތުފީ އެވެ. ތައުލީމީ ދާއިރާގައި ވެސް ހިދުމަތް ކުރެއްވި ޑރ. މުސްތަފާ ލުތުފީ މިނިސްޓަރުކަން ކުރެއްވީ 15، ސެޕްޓެމްބަރު 2004 އިން 13، ޖުލައި 2005 ގެ ނިޔަލަށެވެ. މީގެ އިތުރުން ދެ ބޭފުޅަކު ދެ ފަހަރެއްގެ މަތިން ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އެވެ. މީގެ އެއް ބޭފުޅުންނަކީ ރައީސް މައުމޫންގެ ވެރިކަމުގައި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މިނިސްޓަރުކަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމް އެވެ. ޑރ. މައުސޫމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް ޓޫރިޒަމް ވަޒީރުކަން ކުރައްވާފަ އެވެ. އަނެއް ބޭފުޅަކީ ޑރ. އަހުމަދު އަލީ ސަވާދު އެވެ. ޑރ. ސަވާދު ވަނީ 2008 އިން 2010 އަށް އަދި 7، ޖުލައި 2010 އިން 12، އޯގަސްޓް 2010 ގެ ނިޔަލަށް ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފަ އެވެ.
ރާއްޖޭގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމު އަދާ ކުރެއްވި ދެ ބޭފުޅަކު ދައުލަތުގެ އެންމެ މަތީ މަގާމު ވެސް ފުރުއްވާފައިވެ އެވެ. މިގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ 2008 ސެޕްޓެމްބަރުން އެ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި ރައީސް ޔާމީންގެ ނައިބް ރައީސް އަހުމަދު އަދީބު ވަނީ 2012 އިން 2015 ގެ ނިޔަލަށް ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފަ އެވެ.
ދައުލަތުގެ ހަޒާނާގެ ތަޅުދަނޑު އޮންނަ ބޭފުޅާ ކަމަށް ބައެއް ފަރާތްތަކުން ދެކޭ ޓޫރިޒަމް މިނިސްޓަރުންގެ ތެރޭން ބައެއް ބޭފުޅުން އެ މަގާމުން ދުރުވެފައިވަނީ ބޮޑެތި ތުހުމަތުތަކާއެކުގަ އެވެ. މިގޮތުން އެންމެ ސީރިއަސް ތުހުމަތެއް ކުރެވޭ އެއް ބޭފުޅަކީ ރައީސް ޔާމީންގެ ޓޫރިޒަމް މިނިސްޓަރު / ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށެވެ.
ދައުލަތަށް ފައިސާ ބަލައިގަންނަ މީރާގެ ބަދަލުގައި މާކެޓިން ކުންފުނިން ފައިސާގައި "އަތް ޖެހެވޭ ގޮތަށް" ބަދަލު ގެނެސް ހިންގި މި ކޮރަޕްޝަން ވެގެން ގޮސްފައިވަނީ މިހާތަނަށް ދައުލަތުން އެންމެ ގިނަ ފައިސާ ގެއްލުނު މައްސަލައަށެވެ. މި މައްސާގައި ގެއްލުނު ފައިސާގެ އަދަދު ރާއްޖޭގެ ޓޫރިޒަމަށް އެއް އަހަރަކު ލިބޭ އާމްދަނީއަށްވުރެ ބޮޑެވެ. މި މައްސަލާގައި އަދީބު މައްޗަށް ޖަލަށް ވެސްލި އެވެ. އަދި އޭރުގެ ރައީސް ޔާމީނގެ މައްޗަށް ވެސް އެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތުކޮށް ދަނީ މައްސަލަތަކެއް ފުލުފުލުގައި ކޯޓުގައި ހިންގަމުންނެވެ. މީގެ އިތުރުން ސިޔާސީ ޕާޓީ ބަދަލު ކުރަން ފައިސާގެ މުއާމަލާތް ހިންގި ކަމަށް ފުރަތަމަ ތުހުމަތު ކުރެވުނު މައްސަލަ ރައްދުވަނީ ވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅަކަށެވެ. އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ޑީއާރުޕީން ޕާޓީ ބަދަލުކުރެއްވި އަލީ ވަހީދުގެ ޓޫރިޒަމް މިނިސްޓަރުކަމުން ރައީސް ސޯލިހު ސަރުކާރުގައި ވަކިކުރެއްވީ ވެސް ސީރިއަސް ތުހުމަތުތަކެއްގަ އެވެ. ބަދުއަގުލާގީ މައްސަލައެއްގެ ތުހުމަތު އެ މަނިކުފާނު ހައްޔަރު ކުރަން ވެސް އުޅުނެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަގާމުން ދުރުކުރުމާއެކު ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުގެ ގޮނޑި އަނެއްކާ ވެސް މިވަނީ ހުސްވެފަ އެވެ. މި ގޮނޑި ހުސްވުމާއެކު އެ މަގާމަށް އަތުވެދާނެ ބޭފުޅުންގެ އަޑުތައް ވެސް ވަނީ ގަދަވަފަ އެވެ. އަޑު ފެތުރިފައިވާ ގޮތުގައި ކެބިނެޓަށް އަންނަ ބަދަލަކާއެކު މި މަގާމަށް ކުރީގެ މިނިސްޓަރު މޫސާ ޒަމީރު ވެސް ވަޑައިގެންފާނެ އެވެ. އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއަކީ ވެސް މި މަގާމަށް ވަޑައިގަތުން ގާތް ބޭފުޅެކެވެ.
ކޮންމެ ބޭފުޅަކު މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވި ނަމަވެސް އެ ބޭފުޅަކަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވާނެ އެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ޓޫރިޒަމް ފުރިހަމައަށް ރެގިއުލޭޓް ކުރުމެވެ. ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމްގައި ތިބި ދިވެހިންގެ އަދަދު އިތުރު ކުރުމަކީ ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަށްވާނެ އެވެ. އަނެއް ގޮންޖެހުމަކީ ޓޫރިޒަމުން ލިބޭ އާމްދަނީ މައްޗަށް ޖެއްސުމެވެ.