މި ޕްރޮގްރާމް ކުރިއަށްދާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށެވެ.
ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން "އެއްގެ އިން އަނެއްގެ އަށް" ތަކެތި ހަދިޔާކުރުމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުވެއްޖެ އެވެ.
އެޗްޑީސީ އިން ބުނީ ރަމަޟާން މަހާ ދިމާކޮށް ގޭބީސީ ތަކުން އުކާލާ ތަކެތީގެ ތެރެއިން ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރޭގެ އާބާތުރަ ފިލުމަށް ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނު އާކުރުމަކީ ދިވެހިންގެ ތެރޭގައި އޮންނަ އާދަ އެކެވެ. އެގޮތުން އުކާލާ ތަކެތީގެ ތެރޭގައި މާބޮޑަށް ބާނުވާ އަލުން ބޭނުންކުރެވޭނެ ތަކެތި ހިމެނޭކަން ފާހަގަކުރެވެ އެވެ.
އެޗްޑީސީގެ ފަރާތުން މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ "އެއްގެއިން އަނެއްގެއަށް" ކެމްޕެއިނަކީ އެއްގެއިން ބޭނުން ނުވާ ނަމަވެސް ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި ނެގުމަށްފަހު އެތަކެތި ބޭނުންވާ އެހެން ފަރާތަކަށް ހަދިޔާ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަށް ހުޅުމާލޭގެ ކޮންމެ ގެއަކުން ވެސް ތަކެތި ހަދިޔާ ކުރެވިދާނެ އެވެ. މި ޕްރޮގުރާމުގެ ދަށުން ބޮޑަށް އަމާޒުކުރަނީ ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗަށެވެ.
މި ފެށޭ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގުރާމުގެ ދަށުން ގޭގެއިން ތަކެތި ނެގުމަށްފަހު އެތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސޭނެ އެވެ. އެގޮތުން ގޭގެއިން ތަކެތި ނެގުން ހުއްޓާލާނީ ފެބްރުއަރީ 16 ވަނަ ދުވަހު އެވެ. ތަކެތި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ބާކީ އެއްވެސް އެއްޗެއް ހުރެއްޖެނަމަ އެތަކެތި ދޫކުރާނީ ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމަށްފަހު އެ ފަރާތްތަކަށެވެ.
މި ޕްރޮގުރާމުގެ މަގްސަދަކީ ރަމަޟާން މަހުގައި އެކަކު އަނެކަކަށް ތަކެތި ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރު އެޅުމެވެ. އަދި މިއީ ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ނައްތާލަންޖެހޭ ކުނި މަދުކޮށް އަލުން ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެހެންކަމުން އެއްވެސް ފަރާތަކުން މި ޕްރޮގުރާމަށް ތަކެތި ހަދިޔާކުރަން ބޭނުންނަމަ ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.