"މިއަހަރަކީ ތަރައްގީގެ އަމަލީ މަސައްކަތްތައް ރަށްރަށުގައި ފެށިގެންދާނެ އަހަރެއް. އެކަން މިމަހުގެ ތެރޭގައި، މި ޖެނުވަރީ މަހުގެ ތެރޭގައި ވެސް އެކި ރަށްރަށުގައި ވަނީ ފެންނަން ފަށާފައި. ހުއްޓިފަ ހުރި މަޝްރޫއުއަށް ފެށިގެން އެދަނީ،"
މިއަހަރަކީ ރަށްރަށުގައި ތަރައްގީގެ އަމަލީ މަސައްކަތްތައް ފަށާނެ އަހަރު ކަމަށާއި، ހުއްޓިފައި ހުރި މަޝްރޫއުތަކާއި އަލަށް ފަށާ މަޝްރޫއުތަކަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ހއ. އަށް ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު މުރައިދޫއަށް ވަޑައިގެން ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ފަށާފައި އެކަމަކު ވެރިކަން ނިމުމުގެ ކުރިން ހުއްޓިފައި ހުރި އެތައް މަޝްރޫއެއް އެބަހުރި ކަމަށެވެ. ކުންފުނިތަކާއި ސަރުކާރުގެ ވުޒާރާތަކާއި މަޝްވަރާ ކުރައްވައިގެން އެ މަޝްރޫއުތައް ފަށައިގަތުމަށް ހުރި ދަތިތަކަށް ހައްލު ގެންނެސްފައިވާ ކަމަށެވެ.
"ދެން ފެނިގެންދާނީ އިރާދަކުރެއްވީތީ އަޅުގަނޑުމެން މި ފާސްކުރި ބަޖެޓުގަ މިހިރި ފުރުސަތުތަކުގެ ތެރެއިން މިދެންނެވި މަސައްކަތްތައް ހިނގައިގަންނަތަން. މިދެންނެވި ހުއްޓިފަ ހުރި މަޝްރޫއުތަކާ، އިންތިހާބުތެރޭ އަޅުގަނޑު އަލަށް ފަށާނެކަމަށް ވައުދުވި ކަންކަމާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބަޖެޓް ނެތި އަދި ޕްލޭނެއް ވެސް ނެތި އެމަނިކުފާނު ވައުދުތައް ވެޑައިގަންނަވަމުން ގެންދަވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހުރިހާ ކަމަކީ ވެސް ވަރަށް ރަގަޅަށް ޕްލޭން ކުރެވިގެން ކުރައްވާ ކަންކަން ކަމަށް ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.
"ޕްލޭން ކުރެވި، ތަރުތީބެއްގެ ތެރެއިން، އުސޫލެއްގެ ތެރެއިން ހިނގާ ކަންކަން މިކުރަނީ. ޕްލޭންގެ ވާހަކަ ދައްކާއިރުގަ ދުރު ރާސްތާއަށްވެސް އަޅުގަނޑުމެން ޕްލޭނެއް ހަދަން ފަށާފަ މިވަނީ، 20 އަހަރު ދުވަހަށް ރާއްޖެ ތަރައްގީ ކުރާނެ ޕްލޭން ވެސް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މުރައިދޫގައި އެންމެ ބޮޑަށް އޮތް މައްސަލައަކީ ލަފާ ފުރުމަށް އޮތް ދަތިތައް ކަމަށެވެ. ކުރީ ސަރުކާރުން ވެސް މަސައްކަތް ފަށައި ނަމަވެސް ހައްލެއް ނުލިބި އޮތް ކަމެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެރަށުގައި އެންމެ ބޮޑަށް އިސްކަން ދެއްވާނީ އެކަމަށް ކަމަށެވެ.
އޭގެ އިތުރުން ވެސް އިންތިހާބުތެރޭގައި ވައުދުވެވަޑައިގެންނެވި މަގު ހެދުން ފަދަ ކަންކަން މި ދެ އަހަރުތެރޭ ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން އެރަށެއްގެ ނިސްބަތުން ކޮންމެ ރަށެއްގައި ވެސް ސިއްހީ ދާއިރާގެ ފެންވަރު ރަގަޅު ކޮށްދެއްވާނެ ކަމަށް ވެވަޑައިގަތް ވައުދު ތަކުރާރު ކުރެއްވި އެވެ. ސިއްހީ އަދި ތައުލީމީ ދާއިރާއަށް އިންސާނީ ވަސީލަތް އިތުރު ކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަހަރާއި އަންނަ އަހަރު ވަރަށް ބާރު ސްޕީޑުގައި ތަރައްގީގެ މަޝްރޫއުތައް ހިނގައިގަންނާނެ ކަމަށެވެ. މި މަސްތެރޭގައި ހުއްޓިފައި ހުރި މަޝްރޫއުތައް މިހާރު ވެސް ފެށިގެން ކުރިއަށްދާކަން ވެސް ފާހަގަކުރެއްވި އެވެ.
"މިއަހަރުގެ ބަޖެޓު އިއުލާނުކުރިއިރު އަޅުގަނޑު ދެންނެވިފަދައިން، ތަކުރާރުކޮށް އެކި ބައްދަލުވުންތަކުގައި ދެންނެވި ފަދައިން، މިއަހަރަކީ ތަރައްގީގެ އަމަލީ މަސައްކަތްތައް ރަށްރަށުގައި ފެށިގެންދާނެ އަހަރެއް. އެކަން މިމަހުގެ ތެރޭގައި، މި ޖެނުވަރީ މަހުގެ ތެރޭގައި ވެސް އެކި ރަށްރަށުގައި ވަނީ ފެންނަން ފަށާފައި. ހުއްޓިފަ ހުރި މަޝްރޫއުއަށް ފެށިގެން އެދަނީ. އަޅުގަނޑުމެން އެއަށް ފޯމިއުލާ ނުވަތަ މައްސަލަތައް ހައްލުކުރެވޭނެ ގޮތް އެވަނީ ހޯދާފަ. އަދި އާ މަޝްރޫއުތައް ފެށިގެން އެދަނީ،" ރައީސް ވިދާޅުވި އެވެ.