ޑިސެމްބަރު މަހު ކަަރަންޓު ބިލްތަކުގެ އަގުތައް ވަނީ -2.28 ޕަސެންޓު ދަށްވެފަ އެވެ. ޑިސެމްބަރު މަހު އަގު އުފުލުމުގެ މައިގަނޑު ސަބަބަކީ ސިނގިރޭޓުގެ އަގުތައް އުފުލިފައިވުމެވެ.
މިދިޔަ ޑިސެމްބަރު މަހު މާލެ އަށް ވުރެ އަތޮޅު ތެރޭގައި ހިދުމަތާއި ތަކެތީގެ އަގުތައް އުފުލިގެން ދިޔަނަމަވެސް ކަރަންޓު ބިލްތަކުގެ އަގުތައް ދަށްވެފައިވާ ކަމަށް ދައްކައިފި އެވެ.
ގައުމީ ތަފާސް ހިސާބު ބަލަހައްޓާ އޮފީސް، މޯލްޑިވްސް ސްޓެޓިސްޓިސްޓިކް ބިއުރޯގެ ކޮންސިއުމާ ޕްރައިސް އިންޑެސް (ސީޕީއައި) ދައްކާ ގޮތުން ޑިސެމްބަރު މަހު މާލޭގައި ހިދުމަތާއި ތަކެތީގެ އަގުތައް ވަނީ 0.92 ޕަސެންޓު އުފުލިފަ އެވެ. އަދި އަތޮޅުތެރޭގައި ތަކެތީގެ އަގުތައް 1.39 ޕަސެންޓުގެ އުފުލުމެއް އައިސްފައިވާ ކަމަށް ދައްކަ އެވެ. އަގު އުފުލުގެ މައިގަނޑު ސަބަބަކީ ސިނގިރޭޓުގެ ޑިއުޓީ މަތިކޮށްލުމެވެ.
އަގު އުފުލުނު ދާއިރާތައް - މާލެ އާއި އަތޮޅުތެރޭގައި ވެސް ތަކެތީގެ އަގުތައް ޑިސެމްބަރު މަހު އުފުލުމުގެ މައިގަނޑު ސަބަބަކީ ރެސްޓޯރެންޓާއި ކެއުމުގެ ތަކެތި އަދި އެކޮމޮޑޭޝަން ހިމެނޭ ބައިގެ އަގުތައް މައްޗަށް ޖެހިލުމެވެ. މިބައިގެ އަގުތައް މާލޭގައި 11.71 ޕަސެންޓު ވަނީ އުފުލިފަ އެވެ. މާލޭގެ ރެސްޓޯރެންޓް ކެފޭތަކުގައި ސިނގިރޭޓުގެ އަގުތައް 50 ޕަސެންޓް އުފުލިފައިވެ އެވެ. އަދި އަތޮޅުތެރޭ ރަށްރަށުގައި އަގުތައް އުފުލުމުގެ މައިގަނޑު ސަބަބަކީ ދުފަން ބޭނުން ކުރާ ފޯކާއި ސިނގިރޭޓުގެ އަގުތައް އުފުލުމެވެ. އަތޮޅުތެރޭގައި ސިނގިރޭޓުގެ އަގުތައް ވަނީ 19.54 ޕަސެންޓް އުފުލިފައިވެ އެވެ.
އަގު ދަށްވި ދާއިރާތައް - މާލެ އާއި އަތޮޅުތެރޭގައި ޑިސެމްބަރު މަހު ބައެއް ބައިތަކުގެ އަގުތައް ދަށަށް ވެސް ގޮސްފައިވެ އެވެ. މާލޭގައި ފޯނުގެ ހިދުމަތުގެ ބައިން އަގުތައް ވަނީ -3.73 ޕަސެންޓު ދަށްވެފަ އެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި މިދިޔަ ޑިސެމްބަރު މަހު ގޭހާއި ކަރަންޓާއި ފެނުގެ އަގުތައް ހިމެނޭ ބައިން ވަނީ -1.35 ޕަސެންޓުގެ ދަށްވުމެއް ފާހަގަވެ އެވެ. މިބައިގެ އަގުތައް ތިރިވުމުގެ މައިގަނޑު ސަބަބަކީ ކަރަންޓުގެ އަގު -2.50 ދަށްވެފައިވުމެވެ.
ޑިސެމްބަރު މަހު މުޅި ރާއްޖެ އެއްކޮށް ބަލާނަމަ ޖުމްލަކޮށް އިންފްލޭޝަން ހުރީ 1.11 ޕަސެންޓް މަތީގަ އެވެ. އަދި މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ ޑިސެމްބަރު މަސް އަޅާ ކިޔާނަމަ އިންފްލޭޝަން 4.80 ޕަސެންޓް އުފުލިފައިވެ އެވެ.
ޑިސެމްބަރު މަހަށް ބަލާއިރު މައިގަނޑު ގޮތެއްގައި މުޅި ރާއްޖޭގައި މޮބައިލް ކޮމިއުނިކޭޝަންގެ އަގުތައް ވަނީ -3.73 ޕަސެންޓް ދަށްވެފަ އެވެ. އަދި ކަަރަންޓު ބިލްތަކުން -2.28 ޕަސެންޓުގެ ދަށްވުމެއް ދައްކަ އެވެ. މީގެ އިތުރުން ފެން ބިލްތަކުން ވެސް -0.69 ޕަސެންޓުގެ ދަށްވުމެއް އައިސްފައިވާ ކަމަށް ދައްކަ އެވެ.