ޖާހު އިންވެސްޓްމަންޓާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް ދިނުމަށް، އެޗްޑީސީގެ ބޯޑުން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޖާހު އިންވެސްޓްމެންޓްސް އިން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ "ދަ ގާޑެންސް" އެޕާޓްމެންޓުތައް ނިންމަން ފަހުގެ ނޯޓިސް ދީފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި ހައުސިން މަޝްރޫއު ޖާހު އިންވެސްޓްމެންޓާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. ދެ އަހަރުން ނިންމަން ހަވާލުކުރި މި މަޝްރޫއަށް ހަތް އަހަރު ވެގެން ދިޔައިރު، މިހާތަނަށް ވެސް ނިމިފައެއް ނުވެ އެވެ.
އެޗްޑީސީ އިން މިއަދު ބުނީ މި މަޝްރޫއު ނިންމުމަށްޓަކައި އެކިފަހަރު މަތިން ޖާހު އިންވެސްޓްމަންޓަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް މި މަޝްރޫއު ނިންމާފައިނުވާތީ، ޖާހު އިންވެސްޓްމަންޓާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް ދިނުމަށް، އެޗްޑީސީގެ ބޯޑުން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ނޯޓިސް ޖާހު އިންވެސްޓްމެންޓަށް ފޮނުވީ މިއަދު އެވެ.
"މި ނޯޓިސްގައި ބަޔާންކުރާ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، މި އެއްބަސްވުން ބާތިލުކޮށް، އެ ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އަތުން ނެގުމަށް މިކުންފުނީގެ ބޯޑުން ވަނީ ނިންމާފައި،" އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެ ކުންފުނިން އެޅި ފިޔަވަޅު އަޅާފައި ވަނީ ޖާހު އިންވެސްޓްމަންޓަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގު ފަހި ކުރުމުގެ ބޭނުމުގައި ކަމަށެވެ.