އެޗްއާރްސީއެމްގެ ނައިބް ރައީސްގެ މަގާމަށް މޫމިނާ އައްޔަނު ކުރައްވާފައި ވަނީ، މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކުރުމުންނެވެ.
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ނައިބް ރައީސަކަށް އެ ކޮމިޝަނުގެ މެންބަރު މޫމިނާ ވަހީދު އައްޔަނު ކުރައްވައިފި އެވެ.
އެ މަގާމަށް އިއްޔެ މޫމިނާ އައްޔަނު ކުރައްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެޗްއާރްސީއެމްގެ ގާނޫނަށް ގެނައި ބަދަލާއެކު، އެ ކޮމިޝަންގެ ރައީސާއި ނައިބް ރައީސް އައްޔަނު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ރައީސްގެ ނިންމެވުން ފާސްކުރަނީ މަޖިލީހުންނެވެ.
އެޗްއާރްސީއެމްގެ ނައިބް ރައީސްގެ މަގާމަށް މޫމިނާ އައްޔަނު ކުރައްވާފައި ވަނީ، މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކުރުމުންނެވެ.
އެޗްއާރްސީއެމްގެ ނައިބް ރައީސްގެ މަގާމަށް މޫމިނާ އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ވަނީ ރައީސް ސިޓީއަކުންނެވެ. ދައުރުން ބޭރުން ބޭއްވި ދެވަނަ ޖަލްސާގައި، އެ މަގާމަށް މޫމިނާ އައްޔަނު ކުރަން މަޖިލީހުން ފާސްކޮށްފައި ވަނީ 67 މެންބަރުންގެ ވޯޓުންނެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަދުހަމް އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މިދިޔަ އަހަރު އިސްތިއުފާ ދެއްވީ އޮފީހަށް ނުނިކުމެ ބަރާބަރަށް މުސާރަ ނަގަމުންދާކަން ހާމަވުމުންނެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމަށް މޫމިނާ އައްޔަންކުރެއްވީ ސެޕްޓެމްބަރު 8، 2020 ގަ އެވެ.