ޗައިނާ ސަފީރު ފަޒީލް ވިދާޅުވި ގޮތުގައި ކުރިއަށް އޮތްތަނުގައި ޗައިނާ މާކެޓު ބޮޑުތަނުން ރަނގަޅު ވެގެންދާނެ އެވެ.
ޗައިނާގައި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަށް ބޮޑު ޝައުގުވެރި ކަމެއް އެބައޮތް ކަމަށާ މިހާރު އެންމެ މުހިންމުކަމެއް ދޭން ޖެހޭނީ މި ދަތުރުތައް ދެމެހެއްޓުން ކަމަށް ސަފީރު ވިދާޅުވި އެވެ.
ރާއްޖޭން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޒީލް ނަޖީބު ވިދާޅުވީ ގައުމީ އެއާލައިންގެ ދަތުރުތަކަށް ބޮޑު ޝައުގުވެރިކަމެއް އެބައޮތް ކަމަށެވެ. ލަހުން ނަމަވެސް މި ދަތުރުތައް ފެށިގެން ދިއުމަކީ ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމެއްގެ ގޮތުގައި ސަފީރު ފާހަގަ ކުރެއްވި އެވެ. އެހެންވެ މިހާރު އެންމެ އިސްކަމެއް ދޭން ޖެހޭނީ މި ދަތުރުތައް މިގޮތުގައި ދެމެހެއްޓުމަށް ކަމަށް ފަޒީލް ވިދާޅުވި އެވެ.
"ފެންނަ މަންޒަރުތަކުން އުންމީދު ބޮޑު. ޗެންދޫއިން ވެސް 90 ޕަސެންޓް ފިލްކުރެވުނު. ލަސްވެފައިނަމަވެސް މި ފެށުނީ [މޯލްޑިވިަން] މިއީ މިޑުލް ކްލާސްގެ އެންމެ ބޮޑު މާކެޓް. އެހެންވެ މިގޮތުގައި މި ސެކްޓާ ދަމަހައްޓައިފިނަމަ ވާނީ މޯލްޑިވިއަން އަށް ވަރަށް ސަކްސަސްފުލް ސެކްޓާއަކަށް،" ގައުމީ ޓީވީ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ފަޒީލް ވިދާޅުވި އެވެ.
އެމްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރެއްވި ފަޒީލް ވިދާޅުވީ މިހާރުގެ މަންޒަރުން ފެންނަނީ ރާއްޖޭގެ ޓޫރިޒަމަށް ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅު ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.
ޗައިނާއަކީ މިދިޔަ އަހަރު ވެސް ރާއްޖޭގެ އެންމެ ބޮޑު މާކެޓެވެ. އެ މާކެޓުން މިދިޔަ އަހަރު 260،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މިއަހަރުގެ މިހާތަނަށް ޗައިނާއިން 23,186 މީހުން އައިސްފައިވެ އެވެ.