މީޑިއާތަކާއި އިންޓަނެޓުގެ ޕްލެޓްފޯމުތައް ރެގިއުލޭޓުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ވިދާޅުވީ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް އެވެ.
މީޑިއާތަކާއި އިންޓަނެޓް ރެގިއުލޭޓުކުރަން ކަމަށް ބުނެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން އުޅޭ ވާހަކަ ދޮގު ކޮށްފި އެވެ.
މީޑިއާތަކާއި އިންޓަނެޓުގެ ޕްލެޓްފޯމުތައް ރެގިއުލޭޓުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ވިދާޅުވީ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް އެވެ.
ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވެފައި ވަނީ ނޫސްވެރިކަމާއި އިންޓަނެޓްގެ ވަސީލަތްތައް މިހާރު އޮންނަ ނިޒާމުގެ ތެރެއިން ސެލްފް ރެގިއުލޭޓްނުކުރެވޭނެ ކަމަށެވެ. މި ބިލަކީ އެކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ހުށަހަޅާ ބިލެއް ކަމަށާއި، މިހާރު ކުރިއަށް ދަނީ ބިލު ފަރުމާ ކުރުމުގެ ފަހުގެ މަރުހަލާ ކަމަށް ވެސް ވިދާޅުވި އެވެ.
މި ހަބަރު މީޑިއާތަކަށް އެރުމުން ސަރުކާރުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. ހީނާ ވިދާޅުވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އެފަދަ ބިލެއް ހިމަނާފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ބިލެއް ތައާރަފް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"ކުރިންވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު. މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ގާއިމްކޮށް ދެމެހެއްޓުން،" ހީނާ ވިދާޅުވި އެވެ.
އެ އިންޓަވިއުގައި ނާޒިމް ވިދާޅުވީ މީޑިއާތައް އަމިއްލައަށް ރެގިއުލޭޓް ކުރެވޭނެ ކަމަށް ބުނި ނަމަވެސް އެކަން ވާތަން ފެންނަމުން ނުދާ ކަމަށެވެ. މީޑިއާތަކުގެ ޒިންމާދާރުކަން ކުޑަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބިލާއެކު ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ކަމަށްވާ އެކްސް، އިންސްޓަގްރާމް، ޓެލެގްރާމް އަދި ޓިކްޓޮކްވެސް ރާއްޖޭގައި ރެގިއުލޭޓް ކުރެވިގެންދާނެ ފަދަ މޭރުމަކުން އޭނާ ވާހަކަދައްކަވާފައިވެ އެވެ.
މީޑިއާތައް ކޮންޓްރޯލް ކުރުމަށް މީގެ ކުރިން ވެސް މަޖިލީހަށް ބިލެއް ހުށަހަޅާފައިވެ އެވެ. ނަމަވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވުމުން އެ ބިލު ވަނީ އަނބުރާ ގެންގޮސްފަ އެވެ.