"މީހަކު މަރާލާފަ ފިލައިގެން އެހެން ގައުމަކަށް ދިޔައިމަ، ދުވަސްކޮޅަކު އުޅެލާފަ އައިމަ ދެން އެމީހަކު އެކަމުން ސަލާމަތް ވެވޭކަމަށްވަންޏާ، އެމީހަކަށް ދައުވާއެއް ނުކުރެވޭކަމަށްވަންޏާ މި ނިޒާމު ކިހިނެއްތޯ މިއޮތީ،"
މީގެ 10 އަހަރު ކުރިން މަރާލާފައިވާ ޖައިލަމް އަހްމަދު ޝާކިރު ގަޔަށް ވަޅި ހެރިކަމަށް ދައުލަތުން ބުނާ ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ނުކުރުމުން އެ ކޯޓުގެ ފަނޑިޔާރުން ނުރުހުން ފާޅުކުރައްވައި ވަރަށް ގިނަ ސުވާލު ދައުލަތާ ކުރިމަތި ކުރުވައިފި އެވެ.
ފެބްރުއަރީ، 2015 ގައި ދަރުބާރުގެ ކައިރީގައި ޖައިލަމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި، ވ. ސިނަމާލެ އިސްމާއިލް އަނީގާއި، ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާންގެ އިތުރުން ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.
މީގެ ތެރެއިން ހުމައިދުގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދެން ތިބި ތިން މީހުން މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ އެވެ.
މި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ މާޗް 10، 2022 ގައެވެ. ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާފައި ވަނީ ހެކި ނެތުމުން ކަމަށް ދަށު ކޯޓުން ފާހަގަކޮށްފައިވެ އެވެ.
ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ ނަސީބް، އަނީގް އަދި އިރުފާނުގައި ބައި އެކަންޏެވެ. ހުމައިދުގެ ބައިގައި ހެކިބަސް ނުލިބޭ ކަމަށް ބުނެ އިސްތިއުނާފް ކޮށްފައެއް ނުވެ އެވެ.
ހައިކޯޓުގައި މިއަދު މި މައްސަލައިގެ އިސްތިއުނާފް ފަށާފައިވާއިރު، ހުމައިދުގެ ބައި އިސްތިއުނާފް ނުކުރުމުން ފަނޑިޔާރުން ވަނީ ދައުލަތާ ވަރަށް ގިނަ ސުވާލު ކޮށްފަ އެވެ. ދައުލަތުން ބުނީ ހުމައިދުގެ މައްސަލަ އިސްތިއުނާފް ނުކުރެވުނީ ކަންހިނގައިދިޔަ ގޮތުން، އޭނާއާ ދެކޮޅަށް އެއްވެސް ހެކިބަހެއް ލިބިފައި ނުވާތީ ކަމަށެވެ.
އެގޮތުން، ހާދިސާ ހިނގުމާއެކު އޭނާ ރާއްޖޭން ފިލައިގެން ދިޔައީ ކަމަށާއި، އޭނާ އެނބުރި ރާއްޖެ އައީ އަނެއް ތިން މީހުންގެ ބައި ކޯޓުގައި ކުރިއަށް ދަނިކޮށް ކަމަށެވެ. އޭނާގެ މައްޗަށް ދައުވާ ކުރިއިރު އަނެއް ތިން މީހުންގެ ބައިގައި މުހިންމު ސިއްރު ހެއްކެއްގެ ހެކިބަސް ވެސް ނަގައި ނިމިފައިވާ ކަމަށެވެ.
ދައުލަތުން ކިޔައިދިން ގޮތުގައި މައްސަލައިގައި ކަން ހިނގާފައި ވަނީ؛
"މީހަކު މަރާލާފަ ފިލައިގެން އެހެން ގައުމަކަށް ދިޔައިމަ، ދުވަސްކޮޅަކު އުޅެލާފަ އައިމަ ދެން އެމީހަކު އެކަމުން ސަލާމަތް ވެވޭކަމަށްވަންޏާ، އެމީހަކަށް ދައުވާއެއް ނުކުރެވޭކަމަށްވަންޏާ މި ނިޒާމު ކިހިނެއްތޯ މިއޮތީ،" ފަނޑިޔާރު ހުސެއިން މަޒީރު ދައުލަތަށް އަމާޒުކޮށް ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނެފައި ވަނީ ހުމައިދުގެ މައްޗަށް ދައުވާ ނުކޮށް ލަސްވީ އޭނާ ފިލައިގެން ދިޔައިރު ތަހުގީގަށް ބަޔާނެއް ވެސް ދީފައި ނުވާތީ ކަމަށެވެ. ތުހުމަތު ކުރެވޭ މީހާގެ ބަހެއް ނެތި ތަހުގީގު ފުރިހަމަ ނުވާނެ ކަމަށާއި، ތަހުގީގު ފުރިހަމަ ނުކޮށް ދައުވާ ވެސް ހުށަނޭޅޭނެ ކަމަށެވެ. އަދި މީހާގެ ޣައިރު ހާޒިރުގައި ޝަރީއަތް ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
"ބަޔާނެއް މީހަކު ނުދޭކަމުގަ ވަންޏާ ނުވަތަ ބަޔާނެއް ނެގޭ ހިސާބަށްވުރެ ދުރަށް މީހަކު ގޮސްފި ކަމަށްވަންޏާ ދެން އެމީހެއްގެ މައްޗަށް އެ ދައުވާއެއް ނުކުރެވެނީތޯއޭ، ކިހިނެއްތޯއޭ ގާނޫނު ނުދަންނަނީ، އެހެންވެއްޖެކަމަށްވަންޏާ ޖިނާއީ އަދުލުގެ ނިޒާމުގަ އޮތް ވަރަށް ބޮޑު އައިބެއް ނޫންތޯ އެއީ؟ ވަރަށް ބޮޑު ލޯވަޅެއް ނޫންތޯ އެއީ؟ މި ދައްކަނީ މީހަކު މަރާލި ވާހަކަ މިތާނގަ،" ފަނޑިޔާރު މަޒީދު ތަކުރާރުކޮށް އެއްސެވި އެވެ.
ހުމައިދުގެ ބައިގައި ކަންތައްވީ ގޮތާމެދު ފަނޑިޔާރު ސުވާލު އުފެއްދެވިއިރު، ދައުލަތުން ބުނެފައި ވަނީ އޭނާގެ ބައި ދަށު ކޯޓުގައި ކުރިއަށް ގެންދިޔައީ ވަކިން ކަމަށެވެ. ނަމަވެސް ސިއްރު އެއް ހެކިވެރިޔެއް ފިޔަވައި ދެންތިބި ހުރިހާ ހެކިންގެ ހެކިބަސް ނެގީ ހަތަރު މީހުން އެއް ހާޒިރެއްގައި، އެ ޝަރީއަތެއްގަ އެވެ. ހުކުމް ކުރީވެސް އެއްކޮށެވެ.
ދައުވާ ލިބޭ ފަރާތްތަކުން މިއަދު ކޯޓުގައި އެކަން ފާހަގަކުރި ނަމަވެސް، ދަށު ކޯޓަށް ހާޒިރުވި ދައުލަތުގެ ވަކީލުންނާ ހަވާލާދީ މިއަދު ހައިކޯޓަށް ހާޒިރުވި ވަކީލުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެހެންވެ، ފަނޑިޔާރުންގެ ބެންޗުން ވަނީ ހުމައިދުގެ ބައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ހުށަހަޅަން އެދިވަޑައިގެންފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ނަސީބް އަދި އަނީގަށް ވަކީލަކު އައްޔަނު ކުރަން ދެ ހަފްތާގެ ފުރުސަތެއް ވެސް ވަނީ ދީފަ އެވެ.
ހައިކޯޓުގައި މައްސަލަ ބައްލަވަނީ ފަނޑިޔާރު މަޒީދުގެ އިތުރުން ފަނޑިޔާރު ދީބާނާޒް ފަހުމީ އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ.