ސަމާނާ ކުންފުނިން ހިންގާ މި މަޝްރޫއުގެ ދަށުން ހަނިމާދޫ ކައިރީގައި ތަރައްގީ ކުރާ މި ރިސޯޓުގައި 190 ރެސިޑެންސް ވިލާ ހުންނާނެ އެވެ.
ދުބާއީގެ އެންމެ ބޮޑު ރިއަލްއެސްޓް ކުންފުނިން ކަމަށްވާ ސަމާނާ ޑެވެލޮޕާސް އިހަވަންދިއްޕޮޅުގައި 600 މިލިއަން ޑޮލަރުގެ ޓޫރިޒަމް މަޝްރޫއުއެއް ހިންގަން ނިންމައި އެ މަޝްރޫއު އިފްތިތާހުކޮށްފި އެވެ.
ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ބްރޭންޑް އެލީ ސާބްއާ ގުޅިގެން ރާއްޖޭގައި ހިންގާ މި މަޝްރޫއު ސަމަނާ ޑެވެލޮޕާސް އިން ދުބާއީގެ މަދީނަތު ސަރަހައްދުގައި މިދިޔަ ހަފުތާގައި ދުބާއީގައި އޮތް ރަސްމިއްޔާތެއްގައި ލޯންޗްކޮށްފަ އެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގެ އަގު ބޮޑު މި މަޝްރޫއު ހިންގަނީ މިހާރު ތަރައްގީކޮށް އަލުން ހުޅުވަން ތައްޔާރު ވަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގަ އެވެ. ހަނިމާދޫ އާ 20 މިނެޓުން ސީޕްލޭންގައި އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން 45 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީ ކުރާ ރިސޯޓް ވެގެންދާނީ އެ ކުންފުނން ބުނި ގޮތުގައި އުތުރުގައި ތަރައްގީ ކުރާ އެންމެ ބިޔަ މަޝްރޫއަށެވެ.
ސަމާނާ ޑިވެލޮޕާސްގެ ސީއީއޯ އިމްރާން ފާރޫގު ވިދާޅުވީ މިއީ ކުންފުނި ތަރައްގީ ކުރުމުގެ ސްޓްރެޓެޖިކް ދުރުވިސްނުމުގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށާ މިއި އެ ކުންފުނި މިހާރު ދުބާއީގެ އެންމެ ބޮޑު ހަތް ވަނައަށް ޑިވެލޮޕަރުންގެ ތެރޭގައި ހިމެނިފައިވާ ކަމަށެވެ.
ސަމާނާ ކުންފުނިން ވަނީ 600 މިލިއަން ޑޮލަރުގެ ބިޔަ މި މަޝްރޫއު ނިންމައި 2029 ގައި ރިސޯޓް ހުޅުވުމަށެވެ.