ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާއަށް ހުޅުވާލައިފި

"މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 2025 ޖަނަވަރީ 23 ވާ ބުރާސްފަތި ދުވަހުން 2025 ފެބުރުވަރީ 10 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް،" އީސީގެ ބަޔާނުގައިވެ އެވެ.

އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އީސީ އިން ކުރި އިއުލާނެއްގައި ބުނީ ސިޔާސީ ޕާޓީތަކުގައި މެންބަރުންގެ ގޮތުގައި ދަފްތަރު ކޮށްފައިވާ މީހުންގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި މެންބަރުންގެ މައުލޫމާތު ހިމެނޭ ލިސްޓެއް އިއްޔެ އާންމުކޮށްފައިވާ ކަމަށެވެ. އެ ލިސްޓަށް އީސީގެ މައި ޕޯޓަލް ނުވަތަ ޝަކުވާ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އެވެ.

އީސީން ބުނީ ޝަކުވާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާއިރު، ޝަކުވާ ހުށަހަޅަން އެދޭ މީހާގެ މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއަކާއެކު އެ ޕޯޓަލްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކުރަން ވާނެ ކަމަށެވެ. އަދި އެމީހެއްގެ ސާފު ފޮޓޯއެއް ވެސް ހުށަހަޅަންވާނެ ކަމަށެވެ. 

"މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 2025 ޖަނަވަރީ 23 ވާ ބުރާސްފަތި ދުވަހުން 2025 ފެބުރުވަރީ 10 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް،" އީސީގެ ބަޔާނުގައިވެ އެވެ. 

އީސީގެ މައި އޮފީހަށް ގޮސްގެންވެސް ޝަކުވާ ހުށަހެޅޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި އެތަނަށް ގޮސް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައި މިވަނީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް ވަގަށް ބަޔަކު ވައްދާފައިވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. ސައްހަ ނޫން ފޯމުތަކެއް އީސީއަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުންނާއި ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

އީސީގެ ދަފްތަރުން ދައްކާ ގޮތުގައި މިހާރު އެންމެ ގިނަ މެންބަރުން ތިބީ ޕީއެންސީގަ އެވެ. އަހަރުތަކެއްވަންދެން އެންމެ ގިނަ މެންބަރުން ތިބި އެމްޑީޕީ އޮތީ ދެވަނައިގަ އެވެ.

ޕާޓީތަކުގެ ދަފްތަރުގައި މެންބަރުން ތިބި އަދަދު

  • ޕީއެންސީ - 68،968
  • އެމްޑީޕީ - 43،755
  • ޖޭޕީ - 13،826
  • އެމްޑީއޭ - 9،210
  • އަދާލަތު ޕާޓީ - 9،049
  • އެމްއެންޕީ - 6،050
  • ދަ ޑިމޮކްރެޓްސް - 3،667
  • ޕީއެންއެފް - 2،822

މިދިޔަ ޖުލައި މަހު ޕީއެންސީގައި ތިބީ 28،000 އެއްހާ މެންބަރުންނެވެ. ހަ މަސް ތެރޭގައި އެންމެ މެންބަރުން ގިނަ ޕާޓީއަށްވެފައި ވަނީ 39،000 އެއްހާ މެންބަރުން އިތުރުކޮށްގެންނެވެ.

އެމްޑީޕީގައި ކުރިން 50،000 މެންބަރުން ތިއްބެވެ. އެމްޑީޕީން ބުނީ އެޕާޓީގެ 3000 އެއްހާ މެންބަރުން ވަގަށް ޕީއެންސީއަށް ވައްދާފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.