"އޭގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއާ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ނ. ހޮޅުދޫއަށް ޒިޔާރަތްކޮށް މި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި،"
ނ. ހޮޅުދޫއިން ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ސެޕްޓެމްބަރު 10، 2024 ވަނަ ދުވަހު އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮތީ އޭނާ ދިރިއުޅޭ ގޭގެ ހުރި ގުދަނުގެ ދޮރު ކައިރީންނެވެ. އަދި އޭނާގެ ކަރަށް ފުން ޒަހަމްތަކެއް ލިބިފައިވާއިރު ހަށިގަނޑު ކައިރީގައި ވަޅިއެއް އޮތެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ނެތް ކަމަށެވެ. އަދި ޒަކިއްޔާ މަރާލި ކަމުގެ ހެއްކެއް ވެސް ނެތް ކަމަށެވެ.
މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާންކަން ފާހަގަކުރަމުން ފުލުހުން މިއަދު ބުނީ މި މައްސަލައަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް އެފްބީއައި އާއި ހިއްސާކޮށް، އެހީތެރިކަން ހޯދަމުންދާ ކަމަށެވެ.
"އޭގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއާ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ނ. ހޮޅުދޫއަށް ޒިޔާރަތްކޮށް މި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި،" ފުލުހުން ބުންޏެވެ.
މި މައްސަލައިގެ މައުލޫމާތު ދެމުން ފުލުހުން ކުރިން ބުނެފައި ވަނީ ޒަކިއްޔާ މަރުވެފައި ވަނީ ކަރަށް ލިބުނު ފުން ޒަހަމްތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ކަރުގެ ދެ ފަރާތަށް ފުން ޒަހަމްތަކެއް ލިބިފައިވާއިރު، ކަރުގެ މެދުގައި ތިލަ ޒަހަމްތަކެއް ހުރި ކަމަށް ބުންޏެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޒަކިއްޔާ އޮތީ މަރުވެފަ އެވެ.
އެއްޗެއް ބާރަށް ހަރާލުމުގެ އެއްވެސް ނިޝާނެއް ކަރުގައި ނެތް ކަމަށާއި ނަމަވެސް ހަމަލާ ދޭން ފަސްޖެހިފައިވާ ކަމުގެ ނިޝާން ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ ކަރުގައި ތިލަކޮށް ހުރި ނިޝާންތަކެވެ. ޒަކިއްޔާ ކައިރީ އޮއްވާ ފެނުނު ވަޅި އަކީ އެގޭ ބަދިގޭގައި ގެންގުޅޭ ވަޅިއެކެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގެއަށް އެދުވަހު ހެނދުނު 9:53 ހާއިރު ކުނި ނަގަން ވަތް މީހަކަށެވެ. މަރުވެފައި އޮއްވާ ފެނުނީ އެގޭގައި ހުންނަ ގުދަނެއްގެ ދޮރު ކައިރިންނެވެ. އެ ގުދަނަކީ ބޭރުން ވެސް ވަދެވޭ ގޮތަށް ދޮރެއް ލާފައި ހުންނަ ގުދަނެކެވެ. އެގޭގެ ކުނި ބަހައްޓަނީ އެ ގުދަނުގަ އެވެ. އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތަކަށް ބަލާއިރު ކުނި ނަގަން ވަތް މީހާ ފިޔަވައި އޭގެ ކުރިން އެގޭތެރެއަށް އެއްވެސް މީހަކު ވަދެފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މިހެން ބުންޏަސް އެރަށު ރައްޔިތުން އެކަން ގަބޫލެއް ނުކުރެ އެވެ. ޒަކިއްޔާގެ އާއިލާ އަދި ރަށު ރައްޔިތުން ގަބޫލުކުރާ ގޮތުގައި މީހަކު ޒަކިއްޔާ މަރާލީ އެވެ.