މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް ބަލާއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 135 ބިލިއަން ރުފިޔާގަ އެވެ.
ނިމިދިޔަ އަހަރު ރާއްޖޭން އެކި ދުވަސްވަރު ނަގާފައިވާ ލޯނުތައް ދައްކަން ދައުލަތުގެ ބަޖެޓުން 150 މިލިއަން ޑޮލަރު ނުވަތަ 2.3 ބިލިއަން ރުފިޔާ ހަރަދު ކުރިކަމަށް ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް 2.3 ބިލިއަން ރުފިޔާ ލޯނު ދައްކަން ހަރަދު ކުރިއިރު މިއީ ލޯނަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރުވުމެކެވެ. އަދި މިއީ ކުރީ 2023 ވަނަ އަހަރު ލޯނު ދައްކަން ހަރަދު ކުރި 2.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ވެސް އިތުރުވެކެވެ.
މިދިޔަ އަހަރު 2.3 ބިލިއަން ރުފިޔާ ލޯނު ދައްކަން ހަރަދު ކުއިއިރު މިއީ ކުރީ އަހަރު ލޯނުތައް އަދާކުރަން ހިމަނާފައިވަނީ 2.2 ބިލިއަން ރުފިޔާއާ ބަލާއިރު އިތުރުވުމެކެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ނެރުނު ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 135 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖީޑީޕީގެ ނިސްބުން ބަލާނަމަ 124 ޕަސެންޓުގަ އެވެ. އަދި އެ މުއްދަތާ ހަމައަށް އެތެރޭގެ ދަރަނި ހުރީ 54,7 ބިލިއަން ރުފިޔާގަ އެވެ. އަދި ބޭރުގެ ދަރަނީގެ ނިސްބަތަކީ 80 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި ވަނީ މިދިޔަ އަހަރު އަލަށް ނެގި ލޯނުތަކުގެ ތަފުސީލް އާއްމުކޮށްފަ އެވެ. ފިނޭންސުގެ ލޯނު ކަރުދާސް ދައްކާ ގޮތުން ޖުމްލަ 334 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ) ގެ ލޯނު ވަނީ ނަގާފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ އަހަރު ލޯނު ނަގާފައިވާ ބައެއް މަޝްރޫޢުތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށާއި ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުން ހިމެނޭ. ވަކިން ހާއްސަކޮށް މާލޭ ނޫން ރާއްޖޭގެ އެހެން ރަށްރަށުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލްތައް ބިނާކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔާފާރިކުރިއެރުވުމަށާއި މާލީ ނިޒާމް ހަރުދަނާ ކުރުމަށްވެސް ލޯނު ވެސް ހިމެނެ އެވެ. ދެން ހިމެނެނީ ތިމާވެށި ހިމާޔަތްކުރުމަށާއި ބޭރުގައުމުތަކުން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ދަށްކޮށް، ރާއްޖޭގައި އަމިއްލައަށް ކާބޯތަކެތި އުފެއްދުމަށް އެހީތެރިވުމަށް ނެގި ލޯނެކެވެ.
މިދިޔަ އަހަރު ސަރުކާރުން ވަނީ ޖުމްލަ 9 ލޯނު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި ލޯނުތައް ނަގާފައި ވަނީ ކޮންސެޝަނަލް އަދި ސެމީ ކޮންސެޝަނަލް ރޭޓުތަކުގަ އެވެ. މީގެ ތެރޭގައި ބައިލޭޓްރަލް އަދި މަލްޓިލޭޓަރަލް ފަރާތްތަކުން ނަގާފައިވާ ލޯނުތައް ވެސް ހިމެނެ އެވެ. އެހެންކަމުން މިއީ ކުރިން ނަގަމުން ދިޔަ ހަތް ޕަސެންޓުން މަތީގެ އިންޓްރެސްޓް ރޭޓުގައި ހުރި ލޯނުތަކާ ބަލާއިރު ދަށް އަދަދެކެވެ. އަދި މީގެ ލޯނެއް ދައްކަން އާއްމުކޮށް ދިގު މުއްދަތެއް ލިބެ އެވެ.
ފިނޭންސުން މި އަހަރު ދައުލަތުގެ ދަރަނި 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.