އޮޑިދޯނިފަހަރު ބަންނަ މީހުންނަށް ހާއްސަ ލޯނު ސްކީމެއް ތައާރަފް ކުރަނީ

ރައީސް ވިދާޅުވީ އޭރުން މި ދާއިރާގައި ރާއްޖޭގައި މަސައްކަތް ކުރާ ފަރާތްތަކަށް މި ދާއިރާ ފުޅާ ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

ރައީސްއަށް ރޭ އިންނަމާދޫގެ އޮޑިވެރިއަކު ކުޑަ ދޯންޏެއް ހަދިޔާ ކުރަނީ --

އޮޑިދޯނި ފަހަރު ބަންނަ ފަރާތްތަކަށް ރަހުނަކާ ނުލައި ނެގޭނެ ލުއި ލޯނު ސްކީމެއް ތައާރަފް ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިކަން ރައީސް އިއުލާނުކުރެއްވީ ރޭ ރ. އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އެރަށަކީ އޮޑިދޯނިފަހަރާއި ޔޮޓުފަހަރު ބަނުމަށް މަޝްހޫރު ރަށެކެވެ. 

ރައީސް ވިދާޅުވީ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއަށް ހާއްސަކޮށްގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމަނާފައި ވާނެ ކަމަށެވެ. އެގޮތުން އެއްކަމީ، މި ދާއިރާއަކީ ހަމައެކަނި ދިވެހިންނަށް ހާއްސަ ދާއިރާއަކަށް ހެދުމަށް މަސައްކަތް ކުރުން ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

"މިރޭ އަޅުގަނޑާ މިރަށުގައި އިސްކޮށް މަސައްކަތްކުރާ ބައެއް މާވަޑިންނާ މަޝްވަރާ ކުރެވުނު. މައިގަނޑު ގޮތެއްގަ އޮތް ދަތިކަމަކީ ފައިނޭންސިން ނުވަތަ ފައިސާ ހޯދާ އެ އިންޑަސްޓްރީގަ ކުރިއަށް ދިއުމުގެ ދަތިކަން. ލޯނު ނެގުމުގަ ބޭންކިން ނިޒާމުގެ ތެރެއިން މާބޮޑު ފަހިކަމެއް އަދި ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ވަރަށް އަވަހަށް މާވަޑިންނަށް ލޯނު ސްކީމެއް ތައާރަފްކޮށްދެއްވާނެ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން މިރޭ ކުރި މަޝްވަރާގެ އަލީގައި އަދި އަޅުގަނޑުމެންގެ މިދެންނެވި ސިޔާސަތުގެ ތެރެއިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެއް ކަމަކަށް މި ދާއިރާގަ މަސައްކަތް ކުރާ ބޭފުޅުންނަށް ބޭނުންވާ ކަންކަމުގެ ތެރެއިން ލުއި ގޮތެއްގަ ރަހުނަކާ ނުލައި ލޯނު ނެގޭނެ ގޮތް އިރާދަކުރެއްވިއްޔާ ބޭންކިން ނިޒާމުގެ ތެރެއިން ހަމަޖެހޭނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭރުން މި ދާއިރާގައި ރާއްޖޭގައި މަސައްކަތް ކުރާ ފަރާތްތަކަށް މި ދާއިރާ ފުޅާ ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިންނަމާދޫ ރައްޔިތުންނާ މުހާތަބުކުރައްވަނީ --

މި ދާއިރާގައި ބޭރުމީހުން ގެންގުޅުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ. މި ފަންޑަށް ޒުވާނުން ޝައުގުވެރި ކުރުވައި، މި ފަންނު ދަސްކޮށްދިނުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ މިރަށުގަ މި ދާއިރާއަށް ތަމްރީނު ދޭ މަރުކަޒެއް ހެދުމަކީ އަޅުގަނޑު ކުރަން ގަސްތު ކުރާކަމެއް ކަމުގައި ތިބޭފުޅުންނަށް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓްރީގެ ތެރެއިން އެ އޮންނަ އުސޫލުގެ ދަށުން އެކަމަށް ބޭނުންވާ ކަންކަން ހަމަޖައްސައިދީ، އެރަށުގައި މި ފަންނުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ތަމްރީނު ލިބޭނެ ގޮތް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.