އެ ކޮމިޝަނުގެ ރައީސްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާގެ ދައުރު ހަމަވުމުންނެވެ. ރައީސަކަށް ސަފާ އައްޔަނު ކޮށްފައި ވަނީ މިއަދު ބޭއްވި ކޮމިޝަން ބައްދަލުވުމުގަ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ރައީސަކަށް އެ ކޮމިޝަންގެ މެންބަރު ސަފާ ޝަފީގު މިއަދު އައްޔަނު ކޮށްފި އެވެ.
އެ ކޮމިޝަނުގެ ރައީސްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާގެ ދައުރު ހަމަވުމުންނެވެ. ރައީސަކަށް ސަފާ އައްޔަނު ކޮށްފައި ވަނީ މިއަދު ބޭއްވި ކޮމިޝަން ބައްދަލުވުމުގަ އެވެ.
މަރިޔަމްގެ އިތުރުން ކޮމިޝަނަރު އަލީ ޔޫސުފްގެ ދައުރު ހަމަވެފައިވާތީ އެ މަގާމަށް ދެ މެންބަރުން އިއްޔެ ވަނީ އައްޔަނުކޮށްފަ އެވެ. އެއީ ކޮމިޝަންގެ ކުރީގެ މެންބަރުކަން ކުރެއްވި އައިމިނަތު ސަރާހަތު އިއްޒަތު އާއި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އެވެ. މި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ބްރޯޑްކޮމްގެ ރައީސްގެ މަގާމަށް އައްޔަނުކޮށްފައިވާ ސަފާ އަކީ ގިނަ ދުވަސްތަކެއްވާންދެން ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިހާރު ވެސް ޓީވީއެމްގެ ބައެއް ޕްރޮގްރާމްތައް ޕްރެޒެންޓް ކުރައްވަ އެވެ.
އޭނާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވާސިޓީން މަތީ ތައުލީމު ހާސިލްކުރައްވާފަ އެވެ. ބްރޯޑްކޮމްގެ މެންބަރު ކަމަށް ސަފާ އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފައި ވަނީ އޭޕްރީލް، 2023 ގައެވެ.
ބްރޯޑްކޮމްގައި ތިބޭ ހަތް މެންބަރުން މިހާރު ވަނީ ހަމަވެފަ އެވެ. އެއީ އަލަށް އައްޔަނު ކުރި ދެ މެންބަރުންގެ އިތުރުން ރައީސް ސަފާ އަދި ނައިބް ރައީސް މުހައްމަދު ފަޒީނާއި ކޮމިޝަނަރުންގެ ގޮތުގައި ތިއްބަވާ އައިމިނަތު ނުޒުހާ އާއި އައިމިނަތު އަމީނާގެ އިތުރުން ޝިފްޒާ މުސްތަފާ އެވެ.