"އުންމީދަކީ ސެޕްޓެމްބަރުގެ ކުރިން ހުރިހާ ސްކޫލެއް އޭސީ ކުރުން"

"މިއަހަރުގެ ދެން އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ މިރަށާ، ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލުތަކެއްގެ ކްލާސްރޫމްތަކެއް އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކޮށްގެން އޭސީ ކޮށްދީ ފިނިކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުދުއްފާރަށް ވަޑައިގަތުމުން އެރަށުން މަރުހަބާ ދަންނަވަނީ --

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގައި އެއާކޮންޑިޝަނާ ހަރުކޮށް ނިންމާލެވޭނެތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހުރި ސަރުކާރުގެ ހުރިހާ ސްކޫލެއް ފިނި ކުރުން ނުވަތަ އޭސީ ކުރުމުގެ މަޝްރޫއުގެ ގޮތުގައި ހިންގާ "ކޫލް ސްކޫލް ޕްރޮޖެކްޓް" ފަށާގައި ވަނީ ޖޫން 2، 2024 ގައި ކ. މާފުށީ ސްކޫލުންނެވެ. އެއީ ދެ އަހަރުތެރޭގައި ނިންމާލުމަށް ފެށި މަޝްރޫއެކެވެ.

ރ. ހުޅުދުއްފާރުގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހަރުދަނާ ގޮތެއްގައި ރަގަޅު ފެންވަރެއްގައި، ހިތްހަމަޖެހޭ މާހައުލެއް ކިޔަވާ ކުދިންނަށް ފަހިކޮށްދިނުމުގެ ސަބަބުން ނުކުންނަ ނަތީޖާ ވެސް ރަގަޅު ވާނެ ކަމަށެވެ. އެހެންކަމުން ސްކޫލްތަކަށާއި ތައުލީމީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްގީ އާއި އަދި އެހެނިގެން ހިދުމަތްތައް އިތުރުކޮށް ގާއިމްކޮށްދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. މި ދެ އަހަރުގައި މިކަންކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަޝްރޫއަކީ ވެސް މި އަމާޒުގައި ފެށި މަޝްއޫއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް އަށެއްކަ މަސް ތެރޭގައި އެ މަޝްރޫއު ނިންމާލެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

"އޭސީ ހަރުކުރުމާ އަދި އެޔަށް ބޭނުންވާ ޕަވާ ރިނިއުއަބަލް އެނާޖީގެ ތެރެއިން، ސޯލާ ޕަވާގެ ތެރެއިން ފޯރުކޮށްދިނުން، މިހާރު އެ މަޝްރޫއު ވަނީ ފެށި، އެކަމަށް ބޭނުންވާ ކަންކަން ހަމަޖެހިގެންގޮސް ވަރަށް ރަގަޅު ހިސާބަކަށް ގެންދެވިފަ. މިއަހަރުގެ ދެން އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ މިރަށާ، ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލުތަކެއްގެ ކްލާސްރޫމްތަކެއް އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކޮށްގެން އޭސީ ކޮށްދީ ފިނިކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ހުޅުދުއްފާރު ސްކޫލުގެ ޖާގައިގެ ދަތިތަކަން ހައްލުކުރުމަށް ކުރީ ސަރުކާރުން އަޅަން ފަށާފައިވާ 12 ކްލާސްރޫމުގެ މަސައްކަތް ކޮންޓްރެކްޓަރާ ވާހަކަދައްކައިގެން އަވަހަށް ނިންމާލެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެ ސްކޫލުގައި އިދާރީ ކަންކަމާއި އެހެނިހެން ހިދުމަތްތައް ހަރުދަނާކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

"ސަބަބަކީ އަޅުގަނޑު ގަބޫލުކުރާ ސިޔާސަތަކީ، އިމާރާތެއް އެކަނި ހެދުމަށްވުރެ ގައުމެއްގަ ތަރައްގީ ގެނެވޭނީ އަޅުގަނޑުމެންގެ ޒުވާން ޖީލަށް ރަގަޅު ގޮތުގަ ތައުލީމު ދީގެން، ތަރުބިއްޔަތު ދީގެން ކަމުގަވާތީ ސްކޫލުތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދިނުމަކީ ހަގީގީ ތަރައްގީ، ވަށައިޖެހޭ ތަރައްގީ އަށް އެންމެ މުހިންމު އެއް ކަންތައް،" ރައީސް ވިދާޅުވި އެވެ.

"ކޫލް ސްކޫލް ޕްރޮޖެކްޓް" ގެ ދަށުން އޭސީ ކުރާއިރު އެކަމަށް ބޭނުންކުރާ 30 ޕަސެންޓް ކަރަންޓު ނަގާނީ ސޯލާ ޕެނެލް މެދުވެރިކޮށް އިޔާދަހަކަތައިން އުފައްދާ ކަރަންޓެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.