އެމެރިކާ އިން ޓިކްޓޮކް މަނާ ކުރަން ހިފާފަ، އުނބަށް ޖެހީ ކީއްވެ؟

އެމެރިކާގައި ޓިކްޓޮކް މަނާކުރަން ހިފުމަށްފަހު މިހާރު ވަނީ އެކަން އަނބުރާ ގެންނަން ނިންމާފަ އެވެ. އެކަމަކު ޝަރުތަކީ އެމެރިކާ ކުންފުންޏަކާއެކު ޖޮއިންޓް ވެންޗާއެއް ހެދުމެވެ. ސުވާލަކީ ޓިކްޓޮކުން އެކަން ކުރާނެ ހެއްޔެވެ؟

އެމެރިކާ އާއި ޗައިނާއާ ދެމެދު މި އޮންނަނީ އަމަށަކު ވާދަވެރިކަމެއް ނޫނެވެ. މި ވާދަވެރިކަން ގުޅިފައިވަނީ ދުނިޔޭގެ "ސުޕަ ޕަވާ" ނުވަތަ ގަދަބާރަށް ޗައިނާ ހިފާ ގަދަހިފުމާ އެވެ. އެހެންވެ ޗައިނާގެ ކޮންމެ އެއްޗެއް އެމެރިކާގެ ހަފޮޅުން އެތެރެވާ ހިސާބުން އެ މީހުން މޭކަރަން ފަށަ އެވެ. މިހާރު މި އުފެދިގެން އުޅެނީ ވެސް އެ ބާވަތުގެ ޒުވާބެކެވެ. ޓިކްޓޮކް ދުނިޔޭގައި މަގުބޫލު ވެގެން ދިޔަ ގޮތަށް އެމެރިކާގެ ކޮންމެ ގޭބިސީއެއްގެ ތެރެއަށް ހަލުވިކަމާއެކު ވަދެގަތެވެ. މިހާރު ޓިކްޓޮކާ ނުލައި އެމެރިކާގެ ޒުވާން ޖީލަށް ފެން ފޮދެއް ވެސް ދިރުވާ ލެވޭ ކަމަކަށް ނުވެ އެވެ. 

މި ވަރަށް ޓިކްޓޮކުގެ މަގުބޫލުކަން އެމެރިކާގައި ބޮޑުވެފައިވަނިކޮށް އެމެރިކާ ސަރުކާރުން ވަނީ ޗައިނާ ޓިކްޓޮކުން އެމެރިކާގައި ޖާސޫސުކޮށް އެ ގައުމުގެ ގައުމީ ސަލާމަތަށް ނުރައްކާވާ ޒާތުގެ މައުލޫމާތު އެއްކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެ ހިސާބުން އެމެރިކާ އިން ހިފީ ޓިކްޓޮކް އެމެރިކާގައި އަނދިރިކޮށްލާށެވެ. އެކަމަކު ޓިކްޓޮކުން ތިބީ އެންމެ ތަން ފުކެއް ވެސް ދޫކުރާ ގޮތަކަށްނޫނެވެ. ސަބަބަކީ އެމެރިކާގައި މި ނެޓްވޯކުގެ މަގުބޫލުކޮށް އޮތް މިންވަރެވެ. 

ޓިކްޓޮކުން އެމެރިކާގެ ކޯޓަށް މައްސަލަ ވެއްދި އެވެ. އެކަމަކު އެ މައްސަލާގައި ޓިކްޓޮކަށް ނާކާމިޔާބުވެ، އެމެރިކާ އިން ފައިބަން މަޖުބޫރުވި އެވެ. މިކަން ކުރަން ޓިކްޓޮކް ތައްޔާރުވަމުން ދަނިކޮށް އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޓް ޓްރަމްޕް ހަވާލުވެވަޑައިގަތެވެ. 

އެމެރިކާގެ ގާނޫތައް ބުނާގޮތުން ރައީސަށް ގަރާރެއް މެދުވެރިކޮށް މި ބާވަތުގެ މައްސަލަތަކުގެ ހައްލު ހޯދެން އޮވެ އެވެ. އެކަމަކު ރައީސް ޓްރަމްޕަކީ ވެސް ކުރިން "ޗައިނާ ޓިކްޓޮކް" އާ ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅެކެވެ. ނަމަވެސް ކެމްޕޭން ތެރޭގައި ވަނީ އެމެރިކާ ޒުވާން ޖީލު ނުވަތަ "ޖެންޒީ" އަށް ޓިކްޓޮކާ ނުލައި މިހާރު ނޫޅެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ ވެރިކަމަށް ވަޑައިގެން އެކަމަށް ހައްލު ގެނެސް ދެވާނެ ކަމަށް ވިދާޅުވެފަ އެވެ. 

ޓްރަމްޕް ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ނެރުއްވި އެއް ގަރާރަކީ ޓިކްޓޮކް އެމެރިކާގައި މައިތިރި ކުރަން ނިންމެވި ނިންމެވުމެވެ. މި ނިންމެވުމަށްފަހު ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ޓިކްޓޮކް އެމެރިކާގައި އޮންނަން ބޭނުންނަމަ މި ކުންފުނީގެ 50 ޕަަސެންޓް ހިއްސާ އެމެރިކާ ކުންފުންޏަކަށް ދޭން ޖެހޭނެ ކަމަށެވެ. ނުވަތަ ހިންގޭނީ ޖޮއިންޓް ވެންޗާއެއް ހަދައިގެންނެވެ. 

ޓްރަމްޕުގެ މި ވާހަކަފުޅަށް ޓިކްޓޮކުން "ރިއެކްޓް" އެއް ނުކުރެ އެވެ. އެކަމަކު އެމެރިކާ އިން ޓިކްޓޮކް ނެރި އެއްލާލަން ނިންމި ނިންމުން ބަދަލު ކުރުމުން ޓިކްޓޮކުން ވަނީ ރައީސް ޓްރަމްޕް އަށް ޝުރުކު އަދާކޮށްފަ އެވެ. ރައީސް ޓްރަމްޕުގެ މި ނިންމެވުމާއެކު ޓްރަމްޕް ކެމްޕޭނަށް އެންމެ ބޮޑު ހަރަދެއް ކުރެއްވި ބިލިއަނަރު އެލޮން މަސްކް ޓިކްޓޮކް ގަންނަން އުޅޭ ވާހަކަތަކެއް ވެސް ވަނީ ފެތުރިފަ އެވެ. މިއާއެކު މަސްކް ވަނީ ފުރުސަތުގެ ބޭނުން ހިފައި އޭނާގެ ވިޔަފާރި ޗައިނާގައި ފުޅާ ކުރާނެ ވަންނާނެ ކުޑަ ދޮރެއް ހޯދުމުގެ މަސައްކަތް ވެސް ފަށާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.