ތާރީހީ ފެށުމެއް | ތިން އަހަރަށްފަހު ގައުމީ އެއާލައިނަށް ދިރުން، އުދުހި ޗައިނާއަށް

ޗައިނާއަށް މޯލްޑިވިއަން އުދުހެން ފަށާފައިވަނީ ކުރިން ގެންގުޅުނު ބޯޓު މިދިޔަ ސަރުކާރުން ފޮނުވާލުމާއެކު ބޭރު އުދުހުންތައް މެދުކެނޑުމަށްފަހު އެވެ. އެ ބޯޓު ފޮނުވާލި ނުއުދުހި ގިނަ ދުވަސްވުުމުން ގެއްލުންވާތީ އެވެ.

މޯލްޑިވިއަންގެ ބޯޓުގައި ދަތުރު ފެށުމުގެ މުނާސަބަތުގައި ކޭކެއް ފަޅަނީ -- މޯލްޑިވިއަން

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާގެ މަންޒިލްތަކަށް އުދުހުންތައް ފަށައިފި އެވެ. 

ގައުމީ އެއާލައިން އަށް ގެނައި ވައިޑް ބޮޑީ އެއާބަސް 330 ގެ ބޯޓުގައި މިއަދު ހެނދު ވަނީ ފުރަތަމަ ފަހަރަށް ޗައިނާގެ ޗެންގްޑޫ އަށް ޖައްސާފަ އެވެ. މިއީ ގައުމީ އެއާލައިން ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އިންޑިއާގެ މަންޒިލްތަކަށް ނޫން އެހެން ދިމާލަކަށް ޝެޑިއުލް ފެށި ފުރަތަމަ ފަހަރެވެ. އަދި މިއީ ޗައިނާއަށް ކުރިން އުދުހުނު ނެރޯބޮޑީ މަތިންދާ ބޯޓު މިދިޔަ ސަރުކާރުން ފޮނުވާލުމާއެކު ދަތުރުތައް މެދުކެނޑުމަށްފަހު އުދުހެން ފެށުމެވެ. 

ގައުމީ އެއާލައިންއިން ޗައިނާގެ ޗެންގްޑޫއަށް ދިޔަ ފްލައިޓުން ދިވެހިންގެ ގިނަ ބައެއްގެ އިތުރުން ރާއްޖޭގައި ތިބި ޗައިނާގެ ގިނަ އަދަދެއްގެ ޓޫރިސްޓުންވެސް ވަނީ އެ ގައުމަށް ދަތުރުކޮށްފަ އެވެ. މި ބޯޓުގައި ވަޑައިގަތް ސަރުކާރުގެ އެންމެ އިސް އޮފިޝަލަކީ ކުރީގެ ނައިބް ރައީސް އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ. 

ޗައިނާއަށް ބޯޓު ޖެއްސުމުން މަރުހަބާ ކިޔަނީ -- މޯލްޑިވިއަން

ގައުމީ އެއާލައިން އިން އަލަށް ގެނައި ވައިޑް ބޮޑީ އެއާބަސް 330 ގެ ބޯޓުގައި ޗައިނާއަށް ކުރާ މި ދަތުރުގައި ތިން މަންޒިލަކަށް އުދުހެން މިހާތަނަށް ޝެޑިއުލްގައި ހިމަނައި ޓިކެޓު އަގުތައް އާއްމުކޮށްފައިވެ އެވެ. މި ދަތުރުތަކުގައި ދާ ކޮންމެ މީހަކަށް 40 ކިލޯ ލިބެ އެވެ. މިއީ ރާއްޖޭން ޗައިނާއަށްދާ ފްލައިޓަކުން ދޭ އެންމެ ބޮޑު ބެގޭޖު އެލަވަންސެވެ. 

މޯލްޑިވިއަން ޗައިނާ ފްލައިޓުގެ އަގުތައް (ދެކޮޅު)

  • ޝެންހާއީ - މާލެ 777 ޑޮލަރު
  • ބީޖިން - މާލެ 788 ޑޮލަރު
  • ޗެންޑޫ - މާލެ 688 ޑޮލަރު

މޯލްޑިވިއަން އިން ޗައިނާގެ މަންޒިލްތަކަށް މިހާރު އިއުލާނުކޮށްފައިވަނީ ފްލައިޓްތައް ފެށުމާ ދިމާކޮށް ކުރިއަށް ގެންދާ އިނޯގްރޭޝަން ފެއާ ތަކެވެ. މިއީ މިހާރު ރާއްޖޭން ސީދާ ޗައިނާގެ މަންޒިލްތަކަށް ދެވޭ ގޮތަށް މިހާރު ރާއްޖޭގައި ހުރި އެންމެ ހެޔޮ ފެއާ އެވެ. މިހާރު ރާއްޖޭން އެންމެ އަގުހެޔޮކޮށް ޗައިނާއަށް ޓިކެޓު ވިއްކާ އެއާލައިންގެ ޓިކެޓުގެ އަގުވެސް ހުރީ ޓެކްސް ނުހިމަނައި 500 ޑޮލަރަށްވުރެ މަތީގަ އެވެ. އެ އެއާލައިންއިން ސިންގަޕޫރު އެއާޕޯޓުގައި ގިނައިރުތަކެއް މަޑު ކުރަން ޖެހެ އެވެ. 

ގައުމީ އެއާލައިން - ގައުމީ އެއާލައިންއަކީ ސީޕްލޭން އާއި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއާލައިން ހިދުމަތް ދޭ ކުންފުންޏެވެ. އަދި އިންޓަނޭޝަނަލް ދަތުރުތަކުގައި މިވަގުތު ދަނީ އިންޑިއާގެ މަންޒިލްތަކަށެވެ. މިހާތަނަށް މޯލްޑިވިއަން އެންމެ ދުރަށް ޝެއިޑުލްކޮށް ދަތުރުކުރީ ޗައިނާ އަށެވެ. ގައުމީ އެއާލައިންއަކީ މި ދާއިރާގެ އެންމެ ބޮޑު ޓީމް އޮތް ކުންފުންޏެވެ. އެންމެ ކުޅަދާނަ އިންޖިއަރުން ތިބި ކުންފުންޏެވެ. ގައުމީ އެއާލައިންއަކީ ރާއްޖެ އަށް ޖައްސާ 90 ޕަސެންޓް އެއާލައިން ލައިން މެއިންޓަންސް ހިދުމަތް ދޭ ކުންފުންޏެވެ. މި ކުންފުނިން މިހާރު ފްލައިން ސްކޫލެއް ވެސް ހިންގަ އެވެ. އަދި 16 އެއާޕޯޓަށް ދަތުރު ކުރެ އެވެ. މި ކުންފުނިން 4 އެއާޕޯޓެއް ހިންގަ އެވެ. މިއީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުންޏެވެ. ގައުމީ އެއާލައިން އިން ދަނީ އަހަރު އެއް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެމުންނެވެ. އަދި އަހަރު 50،000 ފްލައި ސައިކަލް އަޅަ އެވެ. އަދި ސީޕްލޭން 11 ބޯޓާއި ޑޮމެސްޓިކް ދަތުރުތަކަށް ޑޭޝް 8 ގެ ހަ ބޯޓެއް ދުއްވަ އެވެ. އަދި ހަތަރު އޭޓީއާރު ބޯޓު ވެސް ބޭނުން ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.