ދައުވާކޮށްފައި ވަނީ އަމީން އެވެނިއުގެ ވެރިފަރާތް، ކަމަށްވާ އަމީން ކޮންސްޓްރަކްޝަންގެ އިތުރުން، އެފްއޭއެމްގެ އޭރުގެ ފައިނޭންސިއަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތް ތެރިވެފައިވާ މައްސަލައިގައި އެތަނުގެ ކުރީގެ އިސް ދެ ވެރިންނަށާއި އަމިން ކޮންސްޓްރަކްޝަނަށް ދައުވާ ކޮށްފި އެވެ.
ފީފާ އިން އެފްއޭއެމްއަށް އެހީގެ ގޮތުގައިދޭ ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ތިން ފަރާތެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.
މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައި ވަނީ އަމީން އެވެނިއުގެ ވެރިފަރާތް، ކަމަށްވާ އަމީން ކޮންސްޓްރަކްޝަންގެ އިތުރުން، އެފްއޭއެމްގެ އޭރުގެ ފައިނޭންސިއަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށެވެ.
މި ތިން ފަރާތުގެ މައްޗަށް ވެސް ކޮށްފައި ވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ.
ޕީޖީ އޮފީހުން ބުނީ ޖެނުއަރީ 26، 2021 ގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ އެކައުންޓުން ފައިސާ ދެއްކުމަށް ޗެކު ތައްޔާރު ކޮށްދީފައި ވަނީ އަގީލް ކަމަށެވެ. އަމީން ކޮންސްޓްރަކްޝަނަށް އެއް މިލިއަން ޑޮލަރުގެ އެ ޗެކް ޖަމާކުރުމުން، އެ ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ކަމުގައި ދެއްކުމުގެ ގޮތުން، އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ލިބިފައި ނުވަނީސް، އަމީލް ކޮންސްޓްރަކްޝަނުން އެފްއޭއެމްއަށް 15.4 މިލިއަން ރުފިޔާ ލިބުނު ކަމުގެ ސްޓޭމްޕް ޖަހައި އަގީލް ސޮއިކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ހަސަން ވަހީދަށް ކުރަނީ އެޕާޓްމެންޓް ގަތުމުގެ ގޮތުން ބައްސާމަށް އެހީތެރިވެދިނުމުގެ ގޮތުން އެއް ލައްކަ ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ 1.5 މިލިއަން ރުފިޔާ އެފްއޭއެމްއަށް ދެއްކުމުގެ ގޮތުން ވެކްމާކް ކުންފުންޏާއި، އައިއެސް އެންޓަޕްރައިޒަސްއިން ދޫކުރި ޗެކުތަކުގައިވާ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް އޭނާ އެހީތެރިވެދީފައިވާ ކަމަށެވެ.
މި ދެ މީހުން ވެސް އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުގެ އެޕާޓްމެންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާ ކުރުމަށް ބައްސާމަށް އެހީތެރިވެދީފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އަމީން ކޮންސްޓްރަކްޝަނަށް ދައުވާކޮށްފައި ވަނީ އެ ޗެކުގައިވާ ފައިސާ އަކީ އެފްއޭއެމްގެ ފައިސާކަން އެނގިހުރެ އެ ޗެކު ބަލައިގެންފައި ވާތީ އެވެ. އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބަޔާންކޮށް، ބޭންކް އޮފް ސިލޯނަށް ސިޓީ ފޮނުވައި، އަމީން ކޮންސްޓްރަކްޝަންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް އަނބުރާ ދެއްކުމަކާ ނުލައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ނަގުދު ފައިސާއިން ދީފައިވާކަން ދެއްކުމުގެ ގޮތުން އަމީން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށް، މަނީ ލޯންޑާކުރުމަށް އަމީން ކޮންސްޓްރަކްޝަނުން ބައްސާމަށް އެހީތެރިވެދީފައިވާ ކަމަށް އެ އޮފީހުން އެ ކުންފުންޏަށް ކޮށްފައިވާ ދައުވާގައި ބަޔާންކޮށްފައިވެ އެވެ.
މި މައްސަލައިގައި ދައުލަތުން އެދިފައި ވަނީ އޭގެ ސަބަބުން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ އެއް މިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަނުން ނަގައިދިނުމަށާއި، އެ ކުންފުނީގެ އަމަލުގެ ސަބަބުން، ބައްސާމް ބޭނުންކުރަމުން ގެންދިޔަ ދެ އެޕާޓްމެންޓް ވެސް ދައުލަތަށް ނަގައިދިނުމަށެވެ.
ދައުލަތުން ވަނީ ހިޔާނާތުގެ މި މައްސަލައިގައި ބައްސާމްގެ މައްޗަށް ވެސް ދައުވާ ކޮށްފަ އެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދެ ދައުވާ އާއި ހިޔާނާތްތެރިވުމުގެ ދެ ދައުވާ އެވެ.