ބައްސާމުގެ އެޕާޓުމެންޓުތައް ނެގި މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ބޭރު

ބައްސާމާއި އެފްއޭއެމްގެ ކުރީގެ ވެރިންގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލު ހުޅުމާލޭގެ އަމީން އެވެނިއުއިން ބައްލަަވައިގަނެފައިވާ ދެ އެޕާޓުމެންޓު ފުލުހުންނާ ހަވާލުކުރަން އަންގައި ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން އަމުރުކުރި މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ބޭރުކޮށްލައިފި އެވެ.

އަމީން އެވެނިއުއިން ބައްސާމް ބައްލަވައިގަނެފައިވާ ދެ އެޕާޓުމެންޓު ފުލުހުންނާ ހަވާލުކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރު ބައްސާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ.

އެހެންވެ، ބައްސާމްގެ ފަރާތުން ވަނީ ހައި ކޯޓު ފަނޑިޔާރުންގެ މަޖިލީހުގައި ރަޖިސްޓްރާގެ ނިންމުން މުރާޖައާކޮށްދިނުމަށް އެދިފަ އެވެ. ފަނޑިޔާރުންގެ މަޖިލީހުން މި މައްސަލަ ބަލައިނުގަތުމަށް ނިންމާފައި ވަނީ ރަޖިސްޓްރާގެ ނިންމުން ރަގަޅު ކަމަށް ފާހަގަކޮށެވެ.

އަމީން އެވެނިއުއިން ބައްސާމް ބައްލަވައިގަނެފައިވާ ދެ އެޕާޓުމެންޓު ފުލުހުންނާ ހަވާލުކުރުމަށް އެންމެ ފުރަތަމަ ކޯޓުން އަމުރުކޮށްފައި ވަނީ ފާއިތުވި ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެއީ 136 ގަޑި އިރުތެރޭ އެ އެޕާޓުމަންޓުތައް ފުލުހުންނާއި ހަވާލު ކުރުމަށް ކުރި އަމުރެކެވެ.

ނަމަވެސް އެޕާޓްމަންޓްތައް ހަވާލުކުރުން ފަސްކޮށްދިނުމަށް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ބައްސާމްގެ ފަރާތުން ސިޓީއެއް ފުލުހުންނަށް ފޮނުވާފައިވެ އެވެ. އަދި ބައްސާމްގެ ފަރާތުން އެދިފައިވާ ކަންކަމަށް ރިއާޔަތްކޮށް މިދިޔަ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭގަނޑު 12:00 އާ ހަމަޔަށް އެ މުއްދަތު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އިތުރުކޮށްދިނެވެ. އޭގެ ފަހުން އޭނާ ވަނީ ފުލުހުންނާ އެ ދެ އެޕާޓްމެންޓް ހަވާލުކޮށްފަ އެވެ.

ބައްސާމާއި އެފްއޭއެމްގެ ކުރީގެ ވެރިންގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭގެ ތެރެއިން ދެ މައްސަލައެއްގައި ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.