"ކައުންސިލުން އަދި ރައްޔިތުން ބޭނުންވާ ގޮތަށް ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަމުގަ ހަމަ ފުރިހަމަ އެއްބާރުލުން ދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތެރެއަށް ސިލްސިލާކޮށް ކުރައްވަމުން ގެންދަވާ ދަތުރުތަކަކީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އަރުވައި، ނަތީޖާ ނެރެދިނުމަށް ކުރައްވާ ދަތުރުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް މިއަދު ވަނީ ރ. އަތޮޅުގެ 11 ރަށަކަށް ދަތުރު ފައްޓަވާފަ އެވެ. މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ ވާދޫ އެވެ. އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބު ތެރޭގައި ވެވަޑައިގެންފައިވާ ފައުދުތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
"އަޅުގަނޑު މިދަތުރުތައް މިކުރަނީ ކަަންކަން ކޮށްދިނުމުގެ ޔަގީންކަން ރައްޔިތުންނަށް ފޯރުކޮށްދޭން. ކަމާގުޅޭ ވުޒާރާތަކުގެ ވަޒީރުން ރައްޔިތުންނާ ހަމައަށް އަޅުގަނޑާއެކީގަ ވަޑައިގެން، އެކަންކަމުގަ ތިބޭފުޅުން ބޭނުންވާ ގޮތްގޮތް އޮޅުންފިލުވައި އަދި އެކަންކަން ކުރެވޭނެ ގޮތް ސާފުކޮށް ރައްޔިތުންނަށް ކިޔައިދީ، ނަތީޖާ ނެރެދިނުމުގެ ބޭނުމުގަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވާދޫ އަކީ އަމިއްލަ އިސްނެގުމުގެ ދަށުން ތަރައްގީގެ ވިސްނުމުގައި ކަންކަން ކުރާ ރަށެއް ކަމަށެވެ. ރަށްރަށުގެ ތަރައްގީއަށް އެރަށްރަށުން އަމިއްލައަށް ކުރާ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ވާދޫއަށް ރައީސް ވައުދުވެވަޑައިގެންފައިވާ އެއް ކަމަކީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްދީ ބަނދަރު ހަދައިދިނުމެވެ. ރައީސް ވިދާޅުވީ އެމްޓީސީސީއަށް ހިލަ ލިބުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށްފަހު މުޅި ރާއްޖޭގައި ހުއްޓިފައިވާ ރަށް ގިރުމުގެ މަޝްރޫއުތަކާއި ބަނދަރު ހެދުމުގެ މަޝްރޫއުތައް ފަށައިގަންނާނެ ކަމަށެވެ. އެކަން ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ، އެމްޓީސީސީއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަން ވެސް ރައީސް ވަނީ ތަކުރާރު ކުރައްވާފަ އެވެ.
"ބަލްކުކޮށް ބޮޑު އަދަދެއްގެ ޝިޕްމެންޓްތަކެއްގެ ބޮޑު ހިލަ ގެނެސް، އިރާދަކުރެއްވިއްޔާ މިރަށުގައާ އެހެން ރަށްތަކުގަ ހުއްޓިފަ ހުރި ރަށް ގިރުމުގެ މައްސަލަތަކުގަ، މިހާރު ނުހިނގާ ހުރި މަސައްކަތްތައް އަލުން ފަށައިގެން ގެންދެވޭ ގޮތް ހަމަޖައްސަން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވެފައި ވަނީ ވާދޫ ސިއްހީ މަރުކަޒުގެ ވަގުތު އިތުރުކޮށްދިނުމުގެ ގޮތުން ހިއުމަން ރިސޯސަސް އިތުރުކޮށްދެއްވާނެ ކަމަށެވެ. އަދި އެތަނުގައި ލެބޯޓަރީއަކާއި އިތުރު ވަސީލަތްތައް ވެސް ގާއިމްކޮށްދެއްވާނެ ކަމަށެވެ.
އޭގެ އިތުރުން، އެރަށު ސްކޫލުގައި ކޮމްޕިއުޓަރު ލެބަކާއި ސްޓާފް ރޫމެއްގެ އިތުރުން ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ކައުންސިލުން އަދި ރައްޔިތުން ބޭނުންވާ ގޮތަށް ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަމުގަ ހަމަ ފުރިހަމަ އެއްބާރުލުން ދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ވެސް ބައްދަލުކުރައްވައިފަ އެވެ.