ރާއްޖެ-ޗައިނާ ފްރީ ޓްރޭޑަށް 20 ދުވަސް | 1.9 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މައި އެކްސްޕޯޓް ކަމަށްވާ މަހުގެ ބާވަތްތައް ޗައިނާއިން މާކެޓު ހޯދުމުގެ ފުރުސަތު ފަހިވެފައިވެ އެވެ.

އެމްޕީއެލް އިން ބަލަހައްޓާ ވިޔަފާރި ބަނދަރު : ފްރީޓްރޭޑާއެކު ގިނަ ބާވަތްތަކުގެ މުދާ ރާއްޖެއަށް ހިލޭ އެތެރެ ކުރަން ފުރުސަތު ފަހިވާނެ

ޗައިނާ އާއި ރާއްޖެއާ ދެމެދުވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ފެށިތާ 20 ދުވަސްވެފައިވާއިރު ޑިއުޓީ ނުނަގައި މިހާތަނަށް 1.9 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފި އެވެ. 

ރާއްޖޭން އެކްސްޕޯޓް ކުރާ ބާވަތްތައް ޗައިނާއިން ޑިއުޓީ ނުނަގާ ގޮތަށް އަދި ޗައިނާގެ ބައެއް މުދާ ރާއްޖެ އެތެރެކުރާއިރު ޑިއުޓީ ފްރީވާ އުސޫލުގެ ދަށުން ޗައިނާ-ރާއްޖެ ފްރީޓްރޭޑް އެއްބަސްވުން ގާއިމްކޮށް އަމަލު ކުރަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. 

ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް މި އެއްބަސްވުމުގެ ދަށުން ޗައިނާ އިން ރާއްޖެ އަށް 1.9 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. 

މިހާތަނަށް އެތެރެކުރި މުދަލުގެ ތަފުސީލް

  • ވައިގެ މަގުން ނުވަ ޝިޕްމަންޓް - ސީއައިއެފް ވެލިއު 882،381 ރުފިޔާ
  • ކަނޑުމަގުން ތިން ޝިޕްމަންޓް - ސީއައިއެފް ވެލިއު 1،040،875 ރުފިޔާ

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކުލަވާލި ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ގާއިމް ކުރިނަމަވެސް މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އެއްބަސްވުމަށް އަމަލު ކުރުން އޮތީ ހުއްޓުވާފަ އެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަނީ ދިވެހިންނަށް ބޮޑު މަންފާއެއް ލިބޭ ގޮތަށް އެއްބަސްވުން ފަހި ކުރައްވާފަ އެވެ.

ރާއްޖެ ޗައިނާ އެފްޓީއޭގެ ޓައިމްލައިނެއް

  • އެއްބަސްވުމުގައި ސޮއިކުރެއްވީ 14، ޑިސެމްބަރުގައި 2014 ގައި
  • އެއްބަސްވުމަށް ހުރުން ދިނީ ނޮވެމްބަރު 2017 ގައި
  • އެފްޓީއޭއަށް އަމަލުކުރަން ފަށަން މަޝްވަރާ ފެށީ މިދިޔަ އަހަރު ޖެނުއަރީ މަހު

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން

  •  ޗައިނާ އިން އެތެރެކުރާ މުދަލުގެ 91 ޕަސެންޓް މުދަލުން ޑިއުޓީ ނުނަގާނެ، ރާއްޖެއަށް 7،000 އަށް ވުރެ ގިނަ އައިޓަމް އެތެރެކުރޭ
  •  ރާއްޖޭން ޗައިނާއަށް އެކްސްޕޯޓް ކުރާ މަހުގެ ހުރިހާ ބާވަތްތަކުން ޑިއުޓީ މައާފުވާނެ
  •  ތާޒާ، ފިނިކޮށް ގަނޑުކޮށްފައި ހުންނަ ކަޅު ބިލަމަހާއި ފާނައިގެ ބާވަތްތަކާއި އަދި ކަންނެލީގެ ބާވަތްތަކާއި މަސް ދަޅާއި ވަޅޯ މަހާއި ލޮނު މަހުގެ އިތުރުން ސީފުޑްގެ ބާވަތްތައް ވެސް ހިމެނޭނެ
  •  ރާއްޖޭގައި އިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރާ މުދާ އަގުހެޔޮވާނެ
  •  އިމާރާތް ކުރުމުގެ ދާއިރާ އަށް އިންވެސްޓްކުރުމަށް އިތުރު ފުރުސަތުތައް ފަހިވާނެ
  •  އިމާރާތް ކުރުމަށް ބޭނުންވާ ގާތްގަނޑަކަށް ހުރިހާ ބާވަތަކުން ޑިއުޓީ މާފުވާނެ
  •  ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، އެކި ދާއިރާތަކުން ދިރާސާކުރުމަށް ޗައިނާގެ އެހީ ލިބުމާއި ދިވެހިންގެ ހުނަރު އިތުރުކުރުމަށް ވެސް ފުރުސަތު ލިބޭނެ. ޗައިނާ އިން އަންނަ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ދެ ގައުމުގައި އިންވެސްޓްމަންޓް ޕްރޮމޯޝަން ހިންގުމުގެ ފުރުސަތު ލިބޭނެ.
  •  އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ ޕްރޮޑަކްޓްތައް ޗައިނާއަށް ބޭރު ކުރަން ފުރުސަތު ފަހިވާނެ
  •  އެކްސްޕޯޓާއި ރިއެކްސްޕޯޓްގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ
  •  މިހާރު ފަރުނީޗަރުން ފަސް ޕަސެންޓްގެ ޑިއުޓީއެއް ނަގާ، މި އެއްބަސްވުމުގެ ސަބަބުން ޑިއުޓީ ކެނޑޭނޭ

ރާއްޖެއަށް އަހަރަކު 700 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރާ ޗައިނާއާ ދެމެދު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ސަރުކާރުން ވަނީ ޗައިނާ އާއި ރާއްޖޭގެ ވިޔަފާރި އަހަރު އެއް ބިލިއަން ޑޮލަރަށް މަތި ކުރާނެ ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.