މިދިޔަ އަހަރު ނެގި ލޯނުތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ސިއްހީ ދާއިރާ ތަރައްގީއަށް ނެގި ލޯނުތަކާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީއަށް ނެގި ލޯނެކެވެ. މި ލޯނުތައް ނަގާފައިވަނީ ކޮންސެޝަނަލް ރޭޓްތަކެއްގަ އެވެ.
މިދިޔަ އަހަރު ސަރުކާރުން ނެގި ލޯނުތަކުގެ ތަފުސީލް ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާއިރު އެ ލިސްޓުގައި މުޅިން ވެސް ހުރީ ސިއްހީ ދާއިރާ ތަރައްގީ ކުރަން ނެގި ލޯނުތަކާއެކު އުފެއްދުންތެރި ކަންކަމަށް ނެގި ލޯނުތަކެވެ.
ފިނޭންސް މިނިސްޓްރީގެ މިދިޔަ އަހަރުގެ ލޯނު ކަރުދާސް ދައްކާ ގޮތުން ޖުމްލަ 334 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ) ގެ ލޯނު ވަނީ ނަގާފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ އަހަރު ލޯނު ނަގާފައިވާ ބައެއް މަޝްރޫޢުތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށާއި ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުން ހިމެނޭ. ވަކިން ހާއްސަކޮށް މާލޭ ނޫން ރާއްޖޭގެ އެހެން ރަށްރަށުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލްތައް ބިނާކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔާފާރިކުރިއެރުވުމަށާއި މާލީ ނިޒާމް ހަރުދަނާ ކުރުމަށްވެސް ލޯނު ވެސް ހިމެނެ އެވެ. ދެން ހިމެނެނީ ތިމާވެށި ހިމާޔަތްކުރުމަށާއި ބޭރުގައުމުތަކުން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ދަށްކޮށް، ރާއްޖޭގައި އަމިއްލައަށް ކާބޯތަކެތި އުފެއްދުމަށް އެހީތެރިވުމަށް ނެގި ލޯނެކެވެ.
މިދިޔަ އަހަރު ސަރުކާރުން ވަނީ ޖުމްލަ 9 ލޯނު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި ލޯނުތައް ނަގާފައި ވަނީ ކޮންސެޝަނަލް އަދި ސެމީ ކޮންސެޝަނަލް ރޭޓުތަކުގަ އެވެ. މީގެ ތެރޭގައި ބައިލޭޓްރަލް އަދި މަލްޓިލޭޓަރަލް ފަރާތްތަކުން ނަގާފައިވާ ލޯނުތައް ވެސް ހިމެނެ އެވެ. އެހެންކަމުން މިއީ ކުރިން ނަގަމުން ދިޔަ ހަތް ޕަސެންޓުން މަތީގެ އިންޓްރެސްޓް ރޭޓުގައި ހުރި ލޯނުތަކާ ބަލާއިރު ދަށް އަދަދެކެވެ. އަދި މީގެ ލޯނެއް ދައްކަން އާއްމުކޮށް ދިގު މުއްދަތެއް ލިބެ އެވެ.
މިދިޔަ އަހަރު ނެގި ލޯނުތަކުގެ ތެރޭން ގިނަ ލޯނުތަކެއް ހުރީ ރަށްރަށުގައި ކުދި ހޮސްޕިޓަލްތައް އެޅުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރަން އަދި ވީއައިއޭ ތަރައްގީ ކުރުމަށެވެ. އެންމެ ބޮޑު ލޯނެއް ނަގާފައިވަނީ ވީއައިއޭއަށް ނެގި 100 މިލިއަން ޑޮލަރުގެ ލޯނެކެވެ.
މިދިޔަ އަހަރު ސަރުކާރުން ވަނީ ޖަޕާން ފަންޑު ފޯ ޕްރޮސްޕަރަސް އެންޑް ރެޒިލިއަންޓް އޭޝިއާ އެންޑް ދި ޕެސިފިކް އިން ހިލޭ އެހީގެ ގޮތުގައި ތިން މިލިއަން ޑޮލަރު ހަމަޖައްސާފަ އެވެ.
ފިނޭންސުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖުލައިގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 139 ބިލިއަން ރުފިޔާގަ އެވެ. މި އަހަރު ދައުލަތުގެ ދަރަނި 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.