ޖާހުގެ ފްލެޓްތައް ނުނިމި އަހަރުތަކެއްވެފައި ވާތީ ރައީސަށް ސިޓީއެއް

އެ ސިޓީ ރައީސަށް ފޮނުވާފައި ވަނީ މީގެ ދެ އަހަރު ކުރިން މި މައްސަލަ ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކަށް ހުށަހެޅުމަށްފަހު މިހާތަނަށް ހައްލެއް ލިބިފައި ނުވާތީ ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ.

ޖާހް ކުންފުނިން ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތައް --

ޖާހު އިންވެސްޓްމެންޓްސް އިން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ "ދަ ގާޑެންސް" އެޕާޓްމެންޓުތައް ނުނިމި ލަސްވަމުންދާތީ އާއި ކަމާ ގުޅުންހުރި ފަރާތްތަކުން އެކަމަށް ފިޔަވަޅެއް އަޅާފައި ނުވާތީ އެކަން ހައްލުކޮށްދިނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި ހައުސިން މަޝްރޫއު ޖާހު އިންވެސްޓްމެންޓާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. ދެ އަހަރުން ނިންމަން ހަވާލުކުރި މި މަޝްރޫއަށް ހަތް އަހަރު ވެގެން ދިޔައިރު ނިންމާފައި ނުވާތީ ފްލެޓްތަކަށް ފައިސާ ދެއްކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ފަރާތްތައް ތަމްސީލުކުރާ ލޯ ފާމް، ޝުނާނާ އެންޑް ކޯ އިން ރައީސަށް ސިޓީއެއް ފޮނުވާފައިވާކަން އެ ލޯ ފާމުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވަނީ ފާހަގަކޮށްފަ އެވެ. 

އެ ނޫސްބަޔާނުގައިވާ ގޮތުން، ޖާހް އިންވެސްޓްމެންޓު މެދުވެރިކޮށް އެ ފްލެޓްތައް ވިއްކުމަށް ރައްޔިތުންގެ އަތުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެ، އަދި ފްލެޓްތައް ނުނިމި ހަތް އަހަރަށް ލިގުލައިގެން ގޮސްފައިވާއިރު ވެސް އެޗްޑީސީއާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. ރައީސަށް އެ ލޯފާމުން ފޮނުވި ސިޓީގައި އެދިފައި ވަނީ މި މައްސަލަ ބަލައި، މިކަމަށް ހައްލު ހޯދައިދިނުމަށެވެ.

އެ ސިޓީ ރައީސަށް ފޮނުވާފައި ވަނީ މީގެ ދެ އަހަރު ކުރިން މި މައްސަލަ ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކަށް ހުށަހެޅުމަށްފަހު މިހާތަނަށް ހައްލެއް ލިބިފައި ނުވާތީ ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ. އެގޮތުން، މި މައްސަލަ ބަލައިދިނުމަށް ފުލުހުންނަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއޯ ކޮމިޓީ އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑަށް އޮކްޓޯބަރު 25، 2023 ގައި ހުށަހަޅާފައިވާ ކަމަށެވެ.

"މި ހައުސިން ޕްރޮޖެކްޓްގެ ސަބަބުން ރައްޔިތުންނަށް މިވަރުގެ ބޮޑު ގެއްލުމެއްވެފައި ވަނީ މި ޕްރޮޖެކްޓް ހިންގުމުގައި ކޮރަޕްޝަނާއި ހިޔާނާތާއި މަކަރާއި ހީލަތާއި ޓެކުމާއި އަދި އެޗްޑީސީން އިހުމާލުވުމުގެ ސަބަބުންކަމަށްވާތީ، އެ މައްސަލަ ބަލައިވައި ދެއްކެވައި، ފިޔަވަޅު އެޅުއްވުމަށް..."

މި މައްސަލައަށް ހައްލު ހޯދައިދިނުމަށް އެ މުއައްސަސާތަކުގައި މިހާރުވެސް އެދެމުންދާ ކަމަށް ޝުނާނާ އެންޑް ކޯ ލޯ ފާމުން ބުންޏެވެ.

ކޮންސްޓްރަކްޝަން ވިޔަފާރީގައި ނަންހުރި ޖައުސާ ކުންފުންޏާ އެއް ކުޑައެއްގެ ދަށުގައި އޮންނަ ޖާހު އިންވެސްޓްމެންޓުން އެ އިމާރާތްތަކުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުއެވެ. ނަމަވެސް 2021 ވަނަ އަހަރު ނިމުނު އިރު މަސައްކަތް އެއްކޮށްހެން ހުރީ ހުއްޓިފަ އެވެ. އެ ކުންފުނިން ބުނަމުން އައީ އެ މަސައްކަތް ހުއްޓުނީ ކުރިން އަންނާނެ ކަމަށް ބެލެވިފައި ނުވާ، މާލީ، އަދި އިންސާނީ ވަސީލަތްތަކުގެ ދަތިކަން މެދުވެރިވުމުން ކަމަށެވެ.

އެއަށްފަހު، ފެބްރުއަރީ، 2023 ގައި އެ ކުންފުނިން ވަނީ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ބުނެ، ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެ އަހަރުގެ ސެޕްޓެމްބަރަށް ހުރިހާ މަސައްކަތެއް ނިންމުމަށް ކަމަށެވެ. އަދި، އެ މަސައްކަތް ނިންމުމަށް އަވްހިރު ގްލޯބަލް ކުންފުންޏާ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސް ވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މަސައްކަތް ނިމިފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.