"ހެކިތައް އެއްފަރާތް ކޮށްގެން ގޮތެއް ނިންމުމަކީ ނާއިންސާފެއް"

ހައިކޯޓުގެ ނިންމުމުގައި އަލުން މައްސަލަ ބަލައި ގޮތެއް ކަނޑައަޅަން ނިންމާފައިވާއިރު، ދިފާއީ ހެކި ނަފީ ކުރުމަށް ޖިނާއީ އިޖުރާއަތު ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރުމަށް ވަނީ އަންގާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ދައުލަތުގެ ވަކީލް އަހުމަދު ޝަފީއު މީގެ ކުރިން ހައިކޯޓުގައި --

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރުމަށްފަހު މައްސަލައިގައި ހުކުމެއް ކުރުމަކީ ނާއިންސާފެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ދައުލަތް) އިން ބުނެފި އެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމުން ހައިކޯޓުން ވަނީ އިސްތިއުނާފު ބަލައި، އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްފަ އެވެ.

ހައިކޯޓުގެ ނިންމުމުގައި އަލުން މައްސަލަ ބަލައި ގޮތެއް ކަނޑައަޅަން ނިންމާފައިވާއިރު، ދިފާއީ ހެކި ނަފީ ކުރުމަށް ޖިނާއީ އިޖުރާއަތު ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރުމަށް ވަނީ އަންގާފަ އެވެ. އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައި ވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅު ނޫންކަމަށް ބަޔާން ކޮށެވެ. އެއީ، އެހެކިތަކާ ގުޅޭ ގޮތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ޖާގަ ދީފައި ނުވާތީ އެވެ.

އާ ހެކިތައް ބަލައިނުގަންނަން ހައިކޯޓުން ނިންމި ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވާފައިވާއިރު، ދައުލަތުގެ ވަކީލް އަހުމަދު ޝަފީއު ވިދާޅުވެފައި ވަނީ ދަށު ކޯޓަށް އަލުން މައްސަލަ ތަހުވީލު ކުރީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އެހެންކަމުން ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ދިފާއީ ހެކިތައް ނަފީކުރަން ހުށަހެޅި އާ ހެކިތަކާ ގުޅޭ ގޮތުން އެ މަރުހަލާގައި ވާހަކަދެއްކުމުގެ ފުރުސަތު ތަހުވީލުކޮށްފައިވާ މައްސަލައިގެ ތެރެއިން ލިބިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހެކިތައް ހާމަކުރެވިދާނެ ކަމާމެދު ހައިކޯޓުން ސުވާލު އުފައްދާފައި ވެސް ނުވާ ކަމަށެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ހެއްކަކު ކަނޑައެޅިގެން ދޮގެއް ހަދާކަން އެނގިހުރެ އެކަމަށް ރިއާޔަތް ނުކޮށް ހުކުމް ކުރުމަކީ ނާއިންސާފެއް ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

ހައިކޯޓުން އެ ހެކިތައް އެއްފަރާތްކޮށްފައި ވަނީ އިޖުރާއީ އައިބުތަކެއް ފާހަގަކޮށް ނަމަވެސް، ޝަފީއު ވަނީ މީގެ ކުރިން މިފަދަ ހާލަތްތަކާ ގުޅޭގޮތުން ގޮތް ނިންމާފައިވާ ބައެއް މައްސަލަތަކަށް ޝަފީއު ވަނީ އިޝާރާތް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މިފަދަ އެއް މައްސަލައެއްގައި، އިޖުރާއީ އައިބަކުން އަންނަ އުނިކަމަކީ ނުވަތަ އެ އައިބަކީ ރަނގަޅު ކުރެވިދާނެ ކަމެއް ކަމަށް ވާނަމަ އެކަމެއް ރަނގަޅުކޮށްގެން ކޯޓުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ފަނޑިޔާރު ހުސްނުއް ސުއޫދުގެ ރައުޔުގައި ބަޔާންކުރައްވާފައިވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ދެއްކި ވާހަކަތަކަށް ޔޫސުފް ނައީމާއި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ރައްދު ދީފަ އެވެ. މީގެ ކުރިން އޮތް އަޑުއެހުމުގައި ވެސް ދިފާއުން ބުނެފައި ވަނީ މިފަދަ މައްސަލައެއްގައި ގޮތް ކަނޑައެޅުމަކީ ގާނޫނުގައި އޮތް އުސޫލެއް ނޫން ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. ދެން މި މައްސަލައިގައި އޮންނާނީ ހުކުމް ކުރުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.