މެންބަރުންނަށް ނޭންގި "ވަގަށް" ޕީއެންސީއަށް ވައްދާފައިވާކަމުގެ 3000 ޝަކުވާ މިހާތަނަށް ލިބިފައިވާއިރު، އެ ޝަކުވާތަކުގެ ތެރެއިން މިއަދާ ހަމައަށް 68 މީހެއްގެ މައްސަލަ ތަހުގީގު ކުރަން ފުލުހަށް ހުށަހަޅާފައިވާ ކަމަށް މަހްފޫޒް ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕީއެންސީއަށް އިދިކޮޅު އެމްޑީޕީގެ 3000 މެންބަރުން "ވަގަށް" ވައްދާފައިވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އެޕާޓީން ބުނެފި އެވެ.
އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި ވަރަށް ގިނަ އާންމުންނަށް ނޭންގި އެ މީހުންގެ ނަމުގައި ފޯމް ފުރައިގެން ޕީއެންސީގެ ދަފްތަރުގައި ހިމަނަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
މި މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އެމްޑީޕީގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ މިއީ ޒާތީ މައުލޫމާތުން ވައްކަން ކުރުމުގެ މައްސަލައެއް ކަމަށެވެ.
އޭނާ ވިދާޅުވީ ކޮންމެ މީހެއްގެ ޒާތީ ދިރިއުޅުމުން ރައްކާތެރިވުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. ޕީއެންސީން އެ ހައްގަށް އަރައިގެންފައިވާ ކަމަށާއި، އެޔާއެކު ބައިވަރު ޖިނާއީ ކުށްތަކެއް ހިންގާފައިވާ ކަމަށެވެ.
މެންބަރުންނަށް ނޭންގި "ވަގަށް" ޕީއެންސީއަށް ވައްދާފައިވާކަމުގެ 3000 ޝަކުވާ މިހާތަނަށް ލިބިފައިވާއިރު، އެ ޝަކުވާތަކުގެ ތެރެއިން މިއަދާ ހަމައަށް 68 މީހެއްގެ މައްސަލަ ތަހުގީގު ކުރަން ފުލުހަށް ހުށަހަޅާފައިވާ ކަމަށް މަހްފޫޒް ވިދާޅުވި އެވެ.
ތަހުގީގު ކޮށްދޭން އެދިފައިވާ އެއްކަމަކީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައިވާ ކޮންމެ ފޯމެއްގެ މައްސަލަ އެވެ. އެގޮތަށް ހުށަހަޅާފައި ވަނީ މަހްފޫޒް ވިދާޅުވި ގޮތުގައި ދޮގު ހެކި ދީފައިވާތީ އެވެ.
އެމްޑީޕީގެ ލީގަލް ޓީމުގައި ހިމެނޭ އިބްރާހިމް ޝިޔާމް ވިދާޅުވީ ޕީއެންސީން ހުށަހަޅާފައިވާ "ވަގު" ފޯމުތަކުގައި މީހުންގެ ކުރީގެ އައިޑީކާޑު ފޮޓީ ޖަހައި، ސޮޔާއި އިނގިލީގެ ނިޝާން ވެސް ފޯޖުކޮށްފައިވާ ކަމަށެވެ.
"ސަރުކާރުގެ ހިއްސާއެއް ވާކަން މި ފާހަގަވާ ކަމަކީ، އާންމު އުސޫލެއްގެ ގޮތުން މިފަދަ ބޮޑު އާންމުންގެ މަސްލަހަތާ ގުޅިފަ އޮތް ކަމެއްގަ ޝަކުވާތަކެއް އުފެދެނީ ކަމަށްވަނީނަމަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން އެކަން ބެލުމަށް އެބަ އަމުރު ކުރޭ. އެފަދަ އެއްވެސް ހިނގީކީއެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީ އާއި ޑީއެންއާރުގެ މުވައްޒަފުން މި ފޯމުތައް ފުރިކަމަށް ތުހުމަތު ކޮށްފައިވާއިރު، އެތަނުގައި ހޯމްލޭންޑް މިނިސްޓަރު، އަލީ އިހުސާން ހުންނަވަނިކޮށް ނަގާފައިވާ ކަމަށް ބުނާ ފޮޓޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ. ނަމަވެސް ހޯމް މިނިސްޓަރާ އެކަމާ ގުޅުމެއް ނެތް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގެ ތަހުގީގު ނިމެންދެން ހޯމްލޭންޑް މިނިސްޓަރު އިހުސާން މަގާމުން އެކަހެރި ކުރުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.