ސްޓެލްކޯއިން ވަނީ ހިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކުރުމަށް ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެދިފަ އެވެ.
ހުޅުމާލޭގެ ދެ ފިޔަވަހިން ރޭ ކަރަންޓު ކެނޑިފައިވަނީ ފަހިދިރިއުޅުން ކޯޕަރޭޝަނުން ފްލެޓުގެ މަސައްކަތް ކުރަނިކޮށް ކޭބަލަަށް ގެއްލުން ވެެގެންނެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުމުގެ ސަބަބުން ރޭ ވަނީ އާއްމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފަ އެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ރޭ އޮތީ ކަނު އަނދިރީފަ އެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ރޭ މެދުކެނޑިފައިވަނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެންނެވެ،
ހިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކުރުމަށް ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ކަރަންޓު ކުންފުނިން ވަނީ އެދިފަ އެވެ.
ހުޅުމާލޭގައި މަސައްކަތް ކުރާ އެކި ކުންފުނިތަކުން ފަރުވާ ކުޑަކަމުން ކޭބަލަށް ގެއްލުންވުމަކީ އާއްމު ކަމެވެ. މީގެ ކުރިންވެސް ކޭބަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ.