ރާއްޖެއަކީ ކިތަންމެ ބޮޑު ޓޫރިޒަމް އިގްތިސޯދެއް އޮތް ގައުމެއްނަމަވެސް ރާއްޖޭގެ އާއްމު މީހާ އަބަދުވެސް އުޅެން ޖެހިފައިވަނީ ޑޮލަރެއް ނުލިބިގެންނެވެ. މި ހާލަތު ބަދަލުވާން ޖެހެ އެވެ.
އާއްމު މީހަކު މުދަލެއް އެތެރެ ކުރަން ބޭނުންވިޔަސް އުޅެން ޖެހެނީ ޑޮލަރެއް ނުލިބިގެންނެވެ. އެކަމަކ ރާއްޖެއަކީ ދުނިޔޭގައި އޮތް އާބާދީގެ ނިސްބަތުން އެންމެ ގިނަ ޑޮލަރު ވަންނަ އެއް ގައުމެވެ. ރާއްޖޭގެ އިގްތިސޯދުގެ ތެރެއަށް އަހަރެއްގެ މައްޗަށް ހަތަރު ބިލިއަން ޑޮލަރުގެ ޑޮލަރުގެ ޓޫރިޒަމް އިގްތިސޯދެއް އޮވެ އެވެ. އަދި ސީދާ ގޮތުން ދައުލަތުގެ މާލީ ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރުގެ އާމްދަނީ މިހާރު ވަނީ ބިލިއަން ޑޮލަރު ފަހަނަ އަޅާ ގޮސްފަ އެވެ. އެކަމަކު ރާއްޖެއަކީ އާއްމު މީހާ އަށް މީގެ އެއްވެސް މަންފާއެއް ނުލިބޭ ގައުމެވެ. ދައުލަތުން ޑޮލަރުގެ ރަސްމީ އަގު ކަނޑައަޅާފައިވިޔަސް އެ އަގު ހިފަހައްޓަން މިހާތަނަށް ކުރެވުނު މަސައްކަތެއް ނެތެވެ. އެކަން އޮތީ ޑޮލަރުވެރި ފައިސާ ވެރިން ބޭނުން ގޮތަކަށް މޮޑޭނެ ފުށްގަނޑެއްގެ ގޮތުގަ އެވެ. އާއްމު މީހާގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ އެތެރެ ކުރަން ވިޔަފާރިވެރިން ވެސް ދާން މަޖުބޫރުވެފައި އޮންނަނީ ކަޅު ބާޒާރު ކޮންޓްރޯލް ކުރާ މަދު ބައެއްގެ ފައި ބުޑަށެވެ. މިހާރުގެ ހާލަތު އޮތީ މިގޮތަށެވެ. އެނގޭ ކަމަކީ މިހާލަތު ބަދަލުވާން ޖެހޭ ކަމެވެ. އެކަން ކުރަން ފިޔަވަޅު އެޅުން ނޫން ގޮތެއް ދިވެހި ގައުމަކަށް މިވަގުތު ނެތެވެ. އެހެންވެ ސަރުކާރުން އެންމެފަހުން ވަނީ ތާއަބަދު ގިނަ ބަޔަކު ކިޔާ ބޭންކިން ނިޒާމުގައި ޑޮލަރު މަޑުކުރާނެ ފޯމިއުލާއެއް ނެރެން ހިފާފަ އެވެ. މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ ބޮލަކަށް ރިސޯޓް ތަކުން 500 ޑޮލަރު އަދި ގެސްޓްހައުސް ތަކުން 25 ޑޮލަރު މާރުކުރަން ވަނީ ފަށާފަ އެވެ.
މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި ހިންގާ 175 ރިސޯޓުގެ ތެރޭން 138 ރިސޯޓަކުން ވަނީ މާރުކުރަން ލިޔެކިޔުންތައް ހުށަހަޅާފަ އެވެ. މިހާރުގެ އަންދާޒާއަކީ މިދިޔަ އޮފް ސީޒަންގެ އޮގަސްޓް މަހުގެ ރާއްޖެ އައި ޓޫރިސްޓުންގެ ބޮލަކަށް ޖެހުނު މި އަދަދާއެކު ބޭންކިން ނިޒާމަށް އިތުރު 40 މިލިއަން ޑޮލަރު މާރުވާނެ އެވެ. މިއީ ބޭންކު ރޭޓުން ބަލާނަމަ ގާތްގަނޑަކަށް 618 މިލިއަން ރުފިޔާ އެވެ. މިހާރުގެ ކަޅުބާޒާރުގެ އަގުން ބަލާނަމަ 768 މިލިއަން ރުފިޔާ އެވެ.
މިހާރު އާއްމު މީހާގެ ހިތުގަ އުފެދޭ ސުވާލަކީ ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ފެށުމާއެކު އާއްމު މީހާއަށް މީގެ ފައިދާއެއް ކުރާނެ ހެއްޔެވެ؟ އެކަން ފެންނަން ފަށާނީ ކޮން ދުވަހަކުން ހެއްޔެވެ؟ މާރު ކުރިނަމަވެސް ކަޅު ބާޒާރުގެ ހާލަތު ގޯސްވެދާނެ ފުރުސަތެއް އެބައޮތް ހެއްޔެވެ؟
ޑޮލަރުގެ މައްސަލަ މީގެ ކުރިން ވެސް ގޯވެފައިވެ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގެންނެވި ބަދަލުތަކާއެކު ކަޅު ބާޒާރުގެ ހާލަތު ގޯސްވެ ޑޮލަރެެއްގެ އަގު 17ރ. އަށް އުފުލުނެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެފަދަ ޑޮލަރުގެ ކަޅު ބާޒާރުގެ މައްސަލަ ހައްލުކުރި ތަފާތު ފޯމިއުލާއެއް ބޭނުންކޮށްގެންނެވެ. އެކަމަކު އެ ހާލަތާއި މިހާރު ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތާވެސް ތަފާތެވެ. އެހެންވެ މިކަމަށް ހައްލު ހޯދަން އިތުރު ފޯމިއުލާއެއް ބޭނުން ކުރަން ސަރުކާރަށް މަޖުބޫރުވި އެވެ. އެހެން ވިސްނުމަކަށް ދާން ސަރުކާރަށް މަޖުބޫރިވި ހާލަތު ދައްކުގައި ދެނީ ދުވަހުން ދުވަހަށް ބޭންކިން ނިޒާމަށް ވަންނަ ޑޮލަރުގެ އަދަދު މަދުވަމުންދާތަން ހިސާބުތަކުން ފެންނަން އޮތުމެވެ.
މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު ރިސޯޓުތަކަށް ލިބުނު އާމްދަނީއަށްވުރެ 2023 ވަނަ އަހަރު ލިބުނު އާމްދަނީވަނީ 34 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. ހިސާބުތައް ދައްކާ ގޮތުގައި ރިސޯޓުތަކަށް 2019 ވަނަ އަހަރު ޖުމްލަ ސޭލްސްގެ ގޮތުގައި ލިބުނީ 3.4 ބިލިއަން ޑޮލަރެވެ. 2023 ގައި އެ އަދަދުވަނީ 4.5 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އެ ހިސާބުތަކަށް ބަލާއިރު ޑޮލަރުން ލިބުނު އާމްދަނީ އިތުރުވި ނަމަވެސް ރިސޯޓުތަކުން ޑޮލަރު ބޭންކުތަކަށް ވެއްދި މިންވަރުވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން 2019 ވަނަ އަހަރު އާމްދަނީގެ 74 އިންސައްތަކަމަށްވާ 2.5 ބިލިއަން ޑޮލަރުވަނީ ބޭންކުތަކަަށެވެ.
ޑޮލަރުން ރިސޯޓުތަކަށް 2023 ގައި ލިބުނު އާމްދަނީ 2019 އާ އަޅާބަލާއިރު އިތުރުވި ނަމަވެސް ރިސޯޓުތަކުން ބޭންކުތަކަށް ވެއްދި ޑޮލަރުވަނީ އާމްދަނީގެ ނިސްބަތުން ވަރަަށް ބޮޑަށް މަަދުވެފަ އެވެ. އެގޮތުން 2019 ވަނަ އަހަރު ރިސޯޓުތަކުގެ އާމްދަނީގެ 74 އިންސައްތަ ބޭންކުތަކަށް ވެއްދި ނަމަވެސް 2023 ގައި ވައްދާފައިވަނީ އާމްދަނީގެ 52 އިންސައްތަަކަމަށްވާ 2.3 ބިލިއަން ޑޮލަރެވެ.
ބޭންކުތަކަށް ރިސޯޓުތަކުން މާރުކުރި ނުވަތަ ބޭންކުތަކަށް ވިއްކި ޑޮލަރު ވެސް 2019 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރު ވަރަށް ބޮޑަށް މަދުވެފައިވެ އެވެ. އެގޮތުން 2019 ވަނ އަހަރު ޓޫރިޒަމުން ބޭންކުތަކަށް ވަން ފައިސާގެ %6 ބޭންކުތަކަށް ވިއްކި އެވެ. އެއީ 152 މިލިއަން ޑޮލަރެވެ. ނަމަވެސް 2023 ވަނަ އަހަރު ބޭންކުތަކަށް ވަން ޑޮލަރުގެ ތެރެއިން ބޭންކުތަކަށް ވިއްކާފައިވަނީ އެންމެ 3 އިންސައްތަ އެވެ. އެއީ 68 މިލިއަން ޑޮލަރެވެ.
ރިސޯޓުތަކުން ޑޮލަރު ބޭންކުތަކަށް ވަން މިންވަރު މަދުވިއިރު އެ މުއްދަތުގައި ބޭންކުތަކަށް އެމްއެމްއޭއިން ޑޮލަރު ވިއްކި މިންވަރުވަނީ އިތުރުވެފަ އެވެ. އެގޮތުން 2019 ވަނ އަހރު 76.6 މިލިއަން ޑޮލަރު ވިޔަފާރި ބޭންކުތަކަށް އެމްއެމްއޭ އިން ދޫކުރިއިރު 2023 ގައި ބޭންކުތަކަަށް ދޫކުރި ޑޮލަރު 27 އިންސައްތައިން އިތުރުވެ 480.1 މިލިއަން ޑޮލަރު އެމްއެމްއޭއިން ދޫކުރި އެވެ. ބޭންކިން ނިޒާމަށް ޑޮލަރު ވައްދަން ފިޔަވަޅު އަޅަން މަޖުބޫރުވި ހާލަތަކީ މި އެވެ.
މަރުކަޒީ ބޭންކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު އަހުމަދު މުނައްވަރު ފޮރެކްސް ގާނޫނަކާއެކު ކަޅު ބާޒާރުގެ މައްސަލަ ހައްލު ކުރަން ފިޔަވަޅު އަޅަން ޖެހުނު ސަބަބަކީ ބޭންކިން ނިޒާމަށް މާރުކުރާ ޑޮލަރުގެ އަދަދު މަދުވުމެވެ. މިކަން ފެށުމުން ކުރިން ނޭނގޭ ރާއްޖޭގެ އިގްތިސޯދުގެ ގިނަ މައުލޫމާތުތަކެއް ރަސްމީކޮށް މަރުކަޒީ ބޭންކް އަށް އެނގެން ފަށާފަ އެވެ. މަރުކަޒީ ބޭންކުން ވަނީ ބޭންކިން ނިޒާމަށް މާރުކުރާ ޑޮލަރުގެ ބޮޑުބައި އާއްމު މީހާއަށް ހަމައަށް ފޯރާނެ ނިޒާމެއް އެކުލަވާލާނެ ކަމަށް ބުނެފަ އެވެ. މިގޮތުން މުދާ ގަންނަން އަންނަ ވިޔަފާރިވެރިންނަށް ޑޮލަރު ޓީޓީ ހަދަން އިތުރު ޑޮލަރު ދޫކުރަން ބޭންކްތަކަށް ފުރުސަތު ދޭނެ އެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ފެށުމާއެކު ވަކިވަކި ފަރުދުންނަށް ދޭ ޑޮލަރުގެ ލިމިޓާއި ބޭރަށް ފުރަން ދޫކުރާ ޑޮލަރުވެސް އިތުރު ކުރާނެ ކަމަށް ބުނެފަ އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް އެއާޕޯޓުން ދޫކުރަމުންދާ 500 ޑޮލަރު 1،000 ޑޮލަރަށް އިތުރުކުރެވުމެވެ. ގަވާއިދު ރަނގަޅަށް ތަންފީޒުކުރެވޭނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް 1،000 ޑޮލަރު ދޫކުރެވޭނެ ކަމަށާއި، އެއީ އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ވަރަށް ބޮޑަށް ފައިދާވާނެ ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
"ޑޮލަރު މާރުކުރާ ގަވާއިދު ރަނގަޅަށް ތަންފީޒުވާނަމަ އަޅުގަނޑުމެން ބޭނުންވަނީ 2026 ގެ ފުރަތަމަ ކުއާޓާއަށް ދާއިރު މި 500 ޑޮލަރުގެ ބަދަލުގައި 1،000 ޑޮލަރުގެ ގަތުމުގެ ފުރުސަތު ދޭން. ދެން މިކަމަށް ހުރަސްއަޅަންވީ ކީއްވެތޯ؟،" ރައީސް ސުވާލު ކުރެއްވި އެވެ.
އޭގެ އިތުރަށް އަންނަ ޖަނަވަރީން ފެށިގެން ދެމެހެއްޓެނެވި ގޮތަކަށް ޑޮލަރު މާރުކުރުމުގެ ކަންކަން ކުރެވޭނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް އަންނަންވާއިރަށް ކްރެޑިޓު ކާޑުތަކުގެ ލިމިޓު 750 ޑޮލަރުން 1،400 ޑޮލަރަށް އިތުރުކުރެއްވޭނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އަންނަ ޖަނަަވަރީން ފެށިގެންގޮސް 2026 ގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް ސަސްޓައިނަބަލް ގޮތަކަށް ޑޮލަރު މާރުކުރުމުގެ ކަންތައް ކުރިއަށްދާނަަމަަ، 1،400 ޑޮލަރާ ހަމައަށް ކްރެޑިޓް ކާޑުގެ ލިމިޓު ބޮޑުކޮށްދޭނަން،" ރިޔާސީ ވައުދުފުޅު ފުއްދަވާނެ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވި އެވެ.
ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ފެށުމަކީ ރާއްޖެއަށް ހެވެކެވެ. ރާއްޖެއަށް މި ނޫން ޗޮއިއެއް ނެތެވެ. ސުވާލަކީ ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ފެށިނަމަވެސް އާއްމު މީހާއާ ހަމައަށް މީގެ ފައިދާއެއް ކުރާނީ ކޮން ދުވަހަކުން ހެއްޔެވެ؟