"މި އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން،"
އާންމު މަސްލަހަތު ނަގާލާ އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭ ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގި މީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގާފައި ވަނީ އިންޑިއާ ބައެކެވެ. އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު މިރޭ ވިދާޅުވީ މި މައްސަލައާ ގުޅިގެން ފުލުހުން ތިން ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
"މި އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން،" ޝަމްއާން ވިދާޅުވި އެވެ.
ހުކުރު ދުވަހާ ދިމާކޮށް ބިދޭސީންގެ ގިނަ ބަޔަކު އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވެ އެވެ. ކުރީން އެ ސަރަހައްދަށް އެެއްވަނީ ބަންގާޅު ފިރިހެނުންނާއި އަންހެނުންނެވެ. ނަމަވެސް މި ފަހުން ބީޗު ސަރަހައްދަށް އެއްވާ މީހުންގެ ތެރޭގައި ގިނައީ އިންޑިއާ މީހުންނެވެ.
އެ މީހުން އާންމު އިޖްތިމާއީ މިންގަނޑާ ހިލާފަށް އަމަލުތައް ބަހައްޓަ އެވެ. ދިވެހީންގެ ގިނަ ބަޔަކު ވެސް ކުޑަކުދީން ގޮވައިގެން އެ ސަރަހައްދަށް ދާއިރު، މި ފަހުން އެ ސަރަހައްދުގެ ކޮންޓްރޯލް މުޅިންހެން އޮންނަނީ ބިދޭސީންގެ އަތްމަތީގަ އެވެ. ބައެއް ބިދޭސީން ތިބެނީ ރާބޮއި މަސްތުވެގެން ކަމަށް ވެސް މީހުން ބުނެ އެވެ.
ވަރަށް ގިނައިން މާރާމާރީ ވެސް ހިންގަ އެވެ. ރޭ ވެސް ވަނީ މާރާމާރީ ހިންގާފަ އެވެ. އަދި އެ މަންޒަރު ރެކޯޑް ކުރި ދިވެއްސަކަށް އެ މީހުން ވަނީ ހަމަލާ ވެސް ދީފައިވެ އެވެ.