"މިއީ ކިހިނެއް ހިގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ވަނީ ފަށާފައި،"
ތ. ވިލުފުށީގައި މިސްކިތެއްގެ ތެރޭ ހުރުމަތްކެނޑޭ ފަދަ އަމަލުތަކެއް ހިންގި މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިސްކިތެއްގެ ތެރޭ ހުރުމަތްކެނޑޭ ފަދަ އަމަލުތަކެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯ ވެސް ވަނީ އާންމުވެފަ އެވެ. ވީޑިއޯގައި ފެންނަނީ ދެ ޖިންސުގެ ބަޔަކު ކުޅިވަރު ކުޅޭ ތަނެވެ.
އެ ހަރަކާތުގައި މުސްލިމު ނޫން މީހުން ވެެސް ބައިވެރިވާތަން ފެނެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ގަދަރާއި އިހްތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަ ވަނީ ސަމާލުކަމަށް އައިސްފައި ކަމަށެވެ.
"މިއީ ކިހިނެއް ހިގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ވަނީ ފަށާފައި،"
މިނިސްޓަރު ވިދާޅުވޫ މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.