ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތިން ހަތަރު އަހަރުގެ ތެރޭ، ސަރުކާރުން ފޯރުކޮށްދޭ އާންމު ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒް ކުރެވިގެންދާނެ އެވެ.
ސަރުކާރުގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒްކުރައްވަން ބޭނުންފުޅުވާކަމަށާއި، އަދި އެ މަސައްކަތުގައި އެސްޓޯނިއާއިން އެހީތެރިކަން ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)އަށް ދެއްވި ބަސްދީގަތުމެއްގަ އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެމަނިކުފާނު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަކީ އާންމު ހިދުމަތްތައް ޑިޖިޓަލައިޒްކުރުމާއި ޑިޖިޓަލް އިގުތިސާދެއް ބިނާކުރުމުގައި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ބޮޑު ކާމިޔާބެއް ހޯދާފައިވާ އެސްޓޯނިއާއިން އެ ދާއިރާތަކުން ހާސިލުކުރި ކާމިޔާބުގެ ތަޖުރިބާ ހޯއްދެވުމާއި، އެ ގައުމުގެ އެހީތެރިކަން އެކި ދާއިރާތަކުން ހޯއްދެވުމެވެ.
އެގޮތުން އެ ދަތުުރުފުޅުގައި ތިން ދާއިރާއަކުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި ފަހުމުނާމާތަކުގައި ސޮއިކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. ތިމާވެށީގެ ދާއިރާގެ އިތުރަށް ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާތަކުގައި ސޮއިކުރެވިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިއަށްދިއުމުގައި ތިން ދާއިރާއަކުން އެމްއޯޔޫގައި ސޮއިކުރެވިގެންދިޔަ. އޭގެ ތެރޭގައި ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ރާއްޖޭގެ ކަންކަން ބައްޓަންކުރުމުގައި އެ ބޭފުޅުންގެ އެހީތެރިކަން ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރުމާ ބެހޭ ގޮތުން ސޮއިކުރެވުނު އެމްއޯޔޫ. އަނެއް އެމްއޯޔޫއަކީ ތިމާވެއްޓާ ބެހޭ ކަންކަމާ [ގުޅޭ އެމްއޯޔޫ]" ރައީސް ވިދާޅުވި އެވެ.
ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދެއްވާކަން ހާމަކުރައްވަމުން ރައީސްވަނީ އެސްޓޯނިއާގެ ޖީނޯމް ޑޭޓާ ސެންޓަރަށް ވަޑައިގެންނެވިކަމާއި، އެ ގައުމުގެ ތައުލީމީ ވަޒީރާއި ސިއްހީ ވަޒީރާވެސް ބައްދަލުކުރައްވައި އެ ދެ ދާއިރާއިން ރާއްޖޭގައި ޑިޖިޓަލައިޒްކުރުމާ ގުޅޭ ގޮތުން މޝްވަރާކުރެއްވިކަން ފާހަގަކުރައްވާފަ އެވެ.
އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަކީ ދިވެހި ރައީސަކު އެ ގައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެ ޑިޖިޓަލައިޒްކުރުމުގެ ދާއިރާއިން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދެވުމަށް ދުނިޔޭގައިވެސް އެ ދާއިރާއިން ކުރިއަރާފައިވާ ގަައުމުން އެ މަސައްކަތްކޮށްފައިވާ ގޮތް ބަައްލަވައި ދިރާސާކުރެއްވުމުގެ ފުރުސަތު މި ދަތުރުފުޅުގައި އެސްޓޯނިއާ ސަރުކާރުން ފަހިކޮށްދެއްވާފައިވާ ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްއަކީ ބަލައިގަންނަންޖެހޭ ކަމެއް ކަމަށާއި، އެގޮތުން އާޓިފިޝަލް އިންޓެލިޖެންސްގެ މާސްޓާޕްލޭނެއް އެކުލަވާލައިގެން ރާއްޖޭގެ ތަރައްގީގައި އޭއައި ބޭނުންކުރަންޖެހޭ ކަމަށެވެ. އެ މަސައްކަތުގައި އެސްޓޯނިއާއިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމުގެ ޔަގީންކަަން ލިބިފައިވާ ކަމަށެވެ.
ކުރިއަށް އޮތް ތިން ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއާއި އާންމު ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށާއި، އެ މަސައްކަތުގައި އެންމެ ބޮޑަށް ބޭނުންވަނީ ސަރުކާރުގެ މުވައްޒަފުން އަދި ޖުމްލަކޮށް ހުރިހާ ރައްޔިތުންގެ އެހީތެރިކަން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.