މި ދެ ބޭފުޅުންގެ ނަން މަޖިލީހުން ފާސްކޮށްފައި ވަނީ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރުންގެ ހުސްވެފައިވާ ގޮނޑިތަކަށް ދެ ބޭފުޅުން އައްޔަނު ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އީސީއަށް އައްޔަން ކުރަން ފާސްކޮށްފައި ވަނީ އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި އަބްދުއްރަހްމާން ސޮލާހު ރަޝީދާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޒާހިދެވެ.
މި ދެ ބޭފުޅުންގެ ނަން މަޖިލީހުން ފާސްކޮށްފައި ވަނީ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
އީސީގެ މެންބަރުކަމުގެ ދެ ގޮނޑި ހުސްވެފައި ވަނީ ކޮމިޝަންގެ ނައިބް ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ދެބޭފުޅުން މަގާމުން އިސްތިއުފާ ދެއްވީ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައި ވާތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދެ މެންބަރުން ވަކިކުރުމަށް ފާސްކޮށްފައި ވަނިކޮށެވެ.
އީސީއަށް އައްޔަން ކުރި ޒާހިދަކީ ކުރިން އެޗްއާރުސީއެމުން ވަކިކުރި ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކޮށްފައި ވަނީ ކުރީގެ މަޖިލީހުގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކޮށްގެންނެވެ.
ކޮމިޝަނަށް އައްޔަނު ކުރި ސޮލާހު އެންމެ ފަހުން ހުންނެވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕީއެސްއަކަށެވެ.