ނޮވެމްބަރު މަހުގެ ޖީޑީޕީ ހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހު އިމާރާތް ކުރުމުގެ ޖީޑީޕީ ވަނީ 30 ޕަަސެންޓު ވެއްޓިފަ އެވެ.
އިމާރާތް ކުރުމުގެ ދާއިރާއަށް އައިސްފައިވާ ބޮޑު ހީނަރުކަމާއެކު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ ބޮޑުތަނުން ދަށްވެފައިވާ ކަމަށ ދައްކައިފި އެވެ.
ތަފާސް ހިސާބުތައް ބަލަހައްޓާ ގައުމީ އިދާރާ މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯގެ ޖީޑީޕީ ހިސާބުތައް ދައްކާ މިދިޔަ ނޮވެމްބަރު މަހު ރާއްޖޭގެ ޖީޑީޕީގެ ނިސްބަތަކީ 7.9 ބިލިއަން ރުފިޔާ އެވެ. މިއީ ކުރީ މަހު ހުރި 8.7 ބިލިއަން ރުފިޔާއާ އަޅާބާއިރު 3.5 ޕަސެންޓުގެ ޖީޑީޕީ ދަށްވުމެކެވެ. އަދި މަހުން މަހަށް ބަލާއިރު ޖީޑީޕީ ވަނީ 9.1 ޕަސެންޓު ދަށްވެފަ އެވެ. އޮކްޓޫބަރު މަހު ޖީޑީޕީ ހުރީ 11.6 ޕަސެންޓުގެ ކުރިއެރުމެއްގަ އެވެ.
ޖީޑީޕީ ހިސާބުތައް ދައްކާ ގޮތުން އެންމެ ބޮޑަށް ދަށްވެފައިވާ އިމާރާތް ކުރުމުގެ ދާއިރާއިން 30.9 ޕަސެންޓް ވަނީ ދަށްވެފަ އެވެ. އަދި ދެން އެންމެ ބޮޑަށް ދަށްވެފައިވަނީ ހޯލްސޭލް އަދި ރީޓެއިލް ދާއިރާ ވަނީ 34.7 ޕަސެންޓު ދަށްވެފަ އެވެ.
ސަރުކާރުން ދަނީ ރާއްޖޭގެ ޖީޑީޕީ މަތި ކުރަން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ. ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ އިކޮނޮމިކް ރިފޯމް އެޖެންޑާ ތަންފީޒުކުރުމުގެ ތެރެއިން 2028 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަން 10 ބިލިއަން ޑޮލަރާ ހަމައަށް ގެންދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފަ އެވެ.
މި އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ އިގުތިސޯދީ ގޮތުން ރާއްޖެ އޮތީ އަލުން ފަށަން ޖެހިފައިވާ ހިސާބެއްގައި ކަމަށެވެ. ނިޒާމީ ގޮތުން ހުރި މައްސަލަތައް ހައްލުކޮށް، ސަރުކާރުގެ ތަސައްވުރާ އެގޮތަށް މުޅި ރާއްޖޭ ތަރައްގީ ކުރުމަކީ އަމާޒެއް ކަމަށެވެ. މީގެއިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާބަން ސެންޓަރުތައް ގާއިމުކޮށް، ސަރަހައްދީ ތަރައްގީއަށް މަގުފަހިކުރުމަކީ ވެސް މި އެޖެންޑާގައި ތަސައްވުރުކޮށްފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސައްވުރު ކުރައްވަނީ މި ދަންނަވާލި ކަންކަން ހައްލުކުރުމަށް މިހާރު ވަޒީރުންގެ މަޖިލީހުން ފާސްކުރައްވާފައިވާ އިކޮނޮމިކް ރިފޯމް އެޖެންޑާ ތަންފީޒުކުރުމުގެތެރެއިން، ދިވެހިރާއްޖޭގެ ޖީޑީޕީ 2028 ވަނަ އަހަރު 10 ބިލިއަން ޑޮލަރާ ހަމައަށް ގެންދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.