"ޑީއެންއާރުގެ ޑޭޓާބޭސް ފަޅައިލައި އެތައް ބައެއްގެ މައުލޫމާތު ވަގަށް ނަގަން ފުރުސަތު ފަހިކޮށްދިން މިނިސްޓަރު ވަގުތުން މަގާމުން ވަކިކުރަން ޖެހޭ،"
ޑީއެންއާރުގެ ޑޭޓާބޭސް ފަޅައިލައި އެތައް ބައެއްގެ މައުލޫމާތު ވަގަށް ނަގަން ފުރުސަތު ފަހިކޮށް ދިނީ ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ކަމަށާ އޭނާ ވަގުތުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. ސަރުކާރު ހިންގާ ޕީއެންސީން މި ފަހުން ހުށައެޅި އެތައް ފޯމެއް ފުރާފައި ވަނީ އޮޅުވާލައިގެން ކަން ވަނީ ފަޅާއަރާފަ އެވެ.
އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި ވަރަށް ގިނަ އާންމުންނަށް ނޭންގި އެ މީހުންގެ ނަމުގައި ފޯމް ފުރައިގެން ޕީއެންސީގެ ދަފްތަރުގައި ހިމަނަން އީސީއަށް ވަނީ ހުށައަޅާފަ އެވެ.
އެކަމަށް އިޝާރާތް ކުރައްވާ ފައްޔާޒު ވިދާޅުވީ މިދިޔަ ހަ މަސް ދުވަހު އިލެކްޝަންސަށް ޕީއެންސީން ހުށަހެޅި ހުރިހާ ފޯމެއް ބާތިލު ކުރަން ޖެހޭ ކަމަށެވެ. އަދި މި މައްސަލަ މިނިވަންކަމާއެކު ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ޑީއެންއާރުގެ ޑޭޓާބޭސް ފަޅައިލައި އެތައް ބައެއްގެ މައުލޫމާތު ވަގަށް ނަގަން ފުރުސަތު ފަހިކޮށްދިން މިނިސްޓަރު އިހުސާން ވަގުތުން މަގާމުން ވަކިކުރަން ޖެހޭ،"
ރައީސް މުއިއްޒުގެ އެސްޓޯނިއާގެ ދަތުރުފުޅުގައި އިހުސާން ބައިވެރިވެވަޑައިގެންފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ފައްޔާޒު ވިދާޅުވީ ޑިޖިޓަލް ކުރިއެރުމަށް އެސްޓޯނިއާގެ އެހީތެރިކަން ހޯދުމަށް އެ ގައުމަށް ރައީސް ވަޑައިގެން ހުންނެވިއިރު ފެންނަނީ ރާއްޖޭގައި ޑިޖިޓަލް ކަންކަމާ ހުންނެވި ވަޒީރު ރޯމާދުވާލު ރައްޔިތުންގެ އައިޑެންޓިޓީއިން ވައްކަން ކުރަމުންދާ ތަން ކަމަށެވެ:
"މިއީ މި ރާއްޖޭގައި ޑިޖިޓަލް އަދި ޓެކު ދާއިރާއިން މިހާތަނަށް ކުރި މަސައްކަތްތަކާއި މި ސަރުކާރުން ކުރަން ރާވފައިވާ ކަންކަން އެއްކޮށް ފެއިލްވާނެ ކަމުގެ ހެއްކެއް،"
އައިޑެންޓިޓީއިން ވައްކަން ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށާ ޒާތީ މައުލޫމާތު ރައްކާ ނުކުރެވޭ ގައުމަކަށް ޑިޖިޓަލް ވުމެއް ނެތް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
އިހުސާނަށް ކުރެވޭ ތުުުހުމަތުތައް ވަނީ ދޮގު ކުރައްވާފަ އެެވެ. ވިދާޅުވީ އެފަދަ ކަމެއް ކުރަން ހިތަށް ވެސް އަރާފައި ނުވާ ކަމަށެވެ.