އާސަންދައިން މިހާތަނަށް ބޭސް ފަރުވާއަށް ދިވެހިން ފޮނުވަނީ އިންޑިއާ އަދި ލަންކާ އަށެވެ. ނަމަވެސް ތައިލެންޑާއި ޔޫއޭއީއަށް ފަރުވާއަށް ފޮނުވަން ފެށި މިއީ ފުރަަތަމަ ފަހަރެވެ.
ގައުމީ ބޭސް ފަރުވާގެ ނިޒާމް ފުޅާ ކުރަން ވެފައިވާ ރިޔާސީ ވައުދާ އެއްގޮތަށް، ދިވެހިން ފަރުވާ އަށް ޔޫއޭއީ އާއި ތައިލެންޑަށް ފޮނުވަން ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ވަނީ މި އަހަރުގެ ޖެނުއަރީ 15 އިން ފެށިގެން ޔޫއޭއީ އާއި ތައިލެންޑުން ދިވެހިންނަށް އާސަންދައިގެ ހިދުމަތް ދޭން ފަށާނެ ކަން އިއުލާނު ކުރައްވާފަ އެވެ. މި ފަރުވާ ފެށުމުގެ ގޮތުން އާސަންދަ އިން ވަނީ ޔޫއޭއީ އާއި ތައިލެންޑުގެ ބައެއް ހޮސްޕިޓަލްތަކާއެކު އެއްބަސްވުން ހަދާފަ އެވެ.
އާސަންދަ ބޭރަށް ފުޅާ ކުރުމާ ބެހޭ ގޮތުން، އާސަންދައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ އެންމެ ވަރުގަދަ ބޭސްފަރުވާގެ ނިޒާމު އޮތް ޔޫއޭއީ އަށް ފޮނުވާނީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ ބަލިމީހުން އެކަންޏެވެ. އެގޮތަށް ނިންމާފައި ވަނީ ޔޫއޭއީގެ ހެލްތު ކައުންސިލުން ކަނޑައަޅާފައި އޮންނަ ހާއްސަ މިންގަނޑެއްގެ ތެރެއިން ފަސްޓް ޑިގްރީ ޑޯނާ ނޫނަސް ދިވެއްސެއް ނުވަތަ މުސްލިމަކު ކަމުގައިވާ ނަމަ ދުރު މީހަކަށް ވެސް ކިޑްނީ ޑޮނޭޓްކުރުމުގެ ހުއްދަ އެ ގައުމުގައި އޮންނާތީ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ބޭސް ފަރުވާގެ ކަންކަން ބަލަހައްޓާ ކުންފުނިން ބުނީ ފުރަތަމަ އިސްކަންދޭނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލި މީހުންގެ ތެރެއިން ފަސްޓް ޑިގްރީ ޑޯނާއެއް ނުވަތަ އާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ކަމަށެވެ.
އާސަންދައިން ބުނީ އާސަންދަ އަށް އެމްޕެނަލް ކުރެވިފައިވާ ގައުމުތަކުގެ އުސޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ ފަސްޓް ޑިގްރީ ޑޯނާއަކަށް ވުން އެ ގައުމުތަކުގެ ގާނޫނާއި ގަވާއިދުތަކުން ލާޒިމުވާތީވެ، ފަރުވާ ކުރިއަށް ގެންދެވިފައި ނުވާ މީހުން ތިބި ކަމަށެވެ. އެހެންވެ، އާސަންދަ ސްކީމަށް އިތުރު ކުރާ މި އެމްޕެނަލްމަންޓާ އެކު މި ކަހަލަ ހާލަތުގައި ތިބި މީހުންނަށް ކިޑްނީ ޓްރާންސްޕްލާންޓް ހަދަން މަގު ފަހިވެގެންދާނެ އެވެ.
އާސަންދަ ކުންފުނިން ބުނީ ތައިލެންޑަށް ފަރުވާއަށް ފޮނުވަން ނިންމާފައިވަނީ އެއް ބައްޔަކަށް ރާއްޖެ އާއި އިންޑިއާ އަދި ސްރީލަންކާއިން ފަރުވާކޮށް އެބަލީގެ ޝިފާ ނުލިބި ތިބި މީހުންނެވެ. އެފަދަ ފަރާތްތަކަށް ކަމާ ބެހޭ ޑޮކްޓަރުންގެ ޓީމްގެ ފަންނީ ލަފައާ އެކު ބަލިމީހާ ރިފާ ކުރާނެ މަރުކަޒު މި ކުންފުނިން ކަނޑައަޅާ އެ ފަރާތްތަކަށް ބޭނުންވާ ބޭސް ފަރުވާއަށް އެހީ ފޯރުކޮށްދޭނެ އެވެ.
ޔޫއޭއީ އާއި ތައިލެންޑަށް ވެސް ފަރުވާއަށް ފޮނުވާނީ އިންޑިއާ އާއި ލަންކާއިންވެސް ގައުމީ ބޭސް ފަރުވާނެ ނިޒާމުން ފަރުވާދެމުން ގެންދާ ރިފަޔަލް ނިޒާމަށެވެ. މި ނިޒާމުގެ ދަށުން ބޭސްފަރުވާއަށް ދާއިރު ދޭ ފަރުވާގެ ހަރަދާއި ދެކޮޅު ޓިކެޓާއި ހުރުމާއި ކެއިންބުއިމުގެ ހަރަދުތައް ދޭނެ އެވެ. އަދި ޔޫއޭއީ އަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ދާ ބަލި މީހާގެ އިތުރުން ޑޯނާ އަށް ވެސް ޓިކެޓާއި ހުރުމުގެ ހަރަދުވެސް ދޭނެ އެވެ.
އާސަންދަ ކުންފުނިން ބުނީ ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ބަލިތަކަށް ވެސް ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ހަމަޖެހިގެންދާނެ ކަމަށެވެ.
އާސަންދައިން ރާއްޖޭން ބޭރުގެ 57 ހޮސްޕިޓަލަކުން މިހާތަނަށް ފަރުވާ ކުރެވެ އެވެ. ނަމަވެސް މިހާތަނަށް ފަރުވާ ލިބެނީ ހަމައެކަނި އިންޑިއާ އާއި ލަންކާއިންނެވެ. އާސަންދައިން އަހަރެއްގެ މައްޗަށް ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދު ކުރެ އެވެ. މީގެތެރޭން ބޮޑު ބައެއް ހަރަދު ކުރަނީ ހައްދުން ނައްޓާލާފައިވާ ބޭސް ވިއްކުމުގެ ނިޒާމަށެވެ. އެހެންވެ ސަރުކާރުން ވަނީ ހިތުހުރި އަގެއްގައި ބޭސް ވިއްކަމުން ދިޔަ ދިއުން ހުއްޓުވަން ފިޔަވަޅު އަޅަން ފަށާފަ އެވެ.