ދެވަނަ ފިޔަވަހީގެ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު ވަގު ހިފަން އުޅުމުން ވަނީ ހަމަލާ ދީ މުވައްޒަފު ޒަހަމްކޮށްލާފަ އެވެ. ނަމަވެސް ވަގު ކަލޭގެ ހިފައްޓައި ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ހުޅުމާލެ ދެވަނަ ފިޔަަވަހި ހިޔާ އަވަށުގައި ހުރި ޓްރާންސްފޯމަރުތަކުން ވައްކަން ކުރަން އުޅުނު ވަގަކު ސްޓެލްކޯ މުވައްޒަފުން ހިފައި ފުލުހުންނާ ހަވާލުކޮށްފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު މި ކުންފުނީގެ މުވައްޒަފުން އަތުލައި ގެންފައިވާ ކަމަށެވެ. އަދި މި މީހާ ވަނީ އެތަނަށް އެޓެންޑްވި މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ވެސް ހިންގި ކަމަށެވެ. އަދި ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ ވަނީ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ސްޓެލްކޯ އިން ވަނީ ޒަހަމްވި މުވައްޒަފުގެ ފޮޓޯއެއް މީޑިއާތަކަށް ހިއްސާކޮށްފަ އެވެ. އެ ފޮޓޯއިން ފެންނަ ގޮތުން މުވައްޒަފުގެ މޫނު މައްޗަށް ޒަހަމްތަކެއް ލިބިފައިވެ އެވެ.
އެމްޑީ ފަހުމީ ވިދާޅުވީ ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށާ ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޓްރާންސްފޯމަރު ތަކަށް ގެއްލުން ދިނުންވަނީ އާއްމު ކަމަކަށްވެފަ އެވެ. މި ފޯމަރުތަކަކީ ސްޓެލްކޯ އިން ބަލަހައްޓާ ތަނެއް ނަމަވެސް މި ތަންތަނަކީ އެ ކުންފުނިން ގާއިމް ކުރި ތަންތަނެއް ނޫނެވެ. މި ހަފުތާގެ ކުރީކޮޅުވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ޓްރާންސްފޯމަރުތަކަށް ވަގުން ގެއްލުން ދީފައިވެ އެވެ.
ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވެފައިވާ ގޮތުގައި މިމަހުގެ 11 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ތަޅު ހަރުކޮށް ނުވަދެވޭ ގޮތަށް ހަދާފާއިހުރި ތަނެއްގައި ބަހައްޓާފައިވާ ޓްރާންސްފޯމަރަށް ގެއްލުން ދީފައިވަނީ ތަޅު ހަލާކުކޮށްލައިގެން ވަދެއެވެ. އަދި ގެއްލުން ދީފައިހުރި ގޮތަށް ބަލާއިރު އެކަމަކީ ޓްރާންސްފޯމަރާއި ކުޅެންދަންނަ އެކަމުގެ އިލްމު ހުރި ބަޔަކު ކޮށްފައިވާ ކަމެއްކަން އެނގޭކަމަށް އެމްޑީ ފާހަގަ ކުރެއްވި އެވެ.
ފަހުމީ ވިދާޅުވި ގޮތުގައި ޓްރާންސްފޯމަރަކާ ކުޅުމަކީ ފުރާނަ އަށް ވެސް ނުރައްކާވާވަރުގެ ކަމަކަށްވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ނައްތާލައި ޓްރާންސްފޯމަރެއް މިފަދަ ގޮތަކަށް ދޫކޮށްލުމަކީ، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް ވެސް ނުރައްކަލަކަށް ހުށަހެޅިދާނެފަދަ ކަމެކެވެ.
ޓްރާންސްފޯމަރުތަކަކީ ހައި ވޮލްޓޭޖް ކަރަންޓު ހުންނަ ތަނެކެވެ. މިފަދަ ތަންތަނުން ވައްކަން ކުރުމަކީ ފުރާނައަށް ގެއްލުންވުން ގާތް ކަމަށެވެ. މިދިޔަ ޑިސެމްބަރު މަހު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު މަރުވެފަ އެވެ.