އާ އަހަރުގެ ފުރަތަމަ ރިސޯޓް ޓޫރިޒަމް މިނިސްޓަރު ހުޅުއްވައި ދެއްވައިފި

މިނިސްޓަރު ފައިސަލް ހުޅުއްވައި ދެއްވީ މެރިއޮޓް އިން އެނބޫދޫ ފަޅުގައި ތަރައްގީ ކުރި ރިސޯޓެވެ.

އެނބޫދޫ ފަޅުގައި ތަރައްގީކޮށްފައިވާ ރިސޯޓެއް

މި އަހަރު ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓުގެ ގޮތުގައި ޖޭޑަބްލިއު މެރިއޮޓް މެރިއޮޓް އިންޓަނޭޝަނަލް އިން ރާއްޖޭގެ އަށްވަނަ ރިސޯޓް ޓޫރިޒަމް މިނިސްޓަރު ފައިސަލް ހުޅުއްވައި ދެއްވައިފި  އެވެ. 

ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވީ މި މަހުގެ 12 ވަނަ ދުވަހު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މެރިއޮޓް ކުންފުނިން އެނބޫދޫ ފަޅުގައި ހިއްކައިގެން ހަދާފައިވާ އެއް ރަށް ވަނީ ހުޅުވާފަ އެވެ. މިއީ 82 ކޮޓަރީގެ ރިސޯޓެކެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ފޭދޫ ފިނޮޅު ފަޅުގައި ޗައިނާގެ ކުންފުންޏަކުން ހަދައި ދުސިތާނީ ކުންފުނިން މެނޭޖުކުރާ އަނެއް ރަށްވެސް މި އަހަރުގެ މާރިޗު މަހު ހުޅުވާނެ އެވެ. 

"ވަރަަށް ގިނަ އެނދުތަކެއް އަންނާނެ. މިދިޔަ އަހަރަށްވުރެ ގިނަ އެނދުތަކެއް އަންނާނެ. އަޅުގަނޑަށް ގަބޫލު ކުރަނީ މި އަހަރު އިތުރު ރިސޯޓްތަކާއި ގެސްޓްހައުސް ތަކެއް މި އަހަރު ހުޅުވިގެންދާނެ ކަމަށް، ލޯކަލް ޓޫރިޒަމް ވަރަށް ބާރަށް ކުރިއަށް އެބަދޭ،" ފައިސަލް ވިދާޅުވި އެވެ. 

ރާއްޖޭގައި މެރިއޮޓް ބްރޭންޑް - މެރިއޮޓް އިންޓަނޭޝަނަލްއަކީ ރާއްޖޭގައި އެންމެ ފުޅާކޮށް އިންވެސްޓް ކޮށްފައިވާ ބޭރުގެ ބްރޭންޑެވެ. މި ކުންފުނިން ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ ތެރޭގައި ލެ މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ، ދަ ސެއިންޓް ރީޖަސް މޯލްޑިވްސް ވޮއްމުލި ރިސޯޓް، ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް، ޖޭޑަބްލިއު މެރިއޮޓް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް، ޑަބްލިއު މޯލްޑިވްސް އަދި ދެ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓެވެ.

އަމާޒަކީ ޓޫރިޒަމް ނެތް ހިސާބަށް ގެންދިއުން

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފާހަގަ ކުރެއްވި އަނެއް މަސައްކަތަކީ މި އަހަރު ޓޫރިޒަމް ނެތް ދުރު އަތޮޅުތަކަށް ޓޫރިޒަމް ފުޅާ ކުރުމުގައި ނުހެދި ހުރި ރަށްތައް ހެދުމެވެ. އަދި ރާއްޖޭގައި އިންވެސްޓް ކުރަން ބޮޑު ޝައުގުވެރިކަމެއް އިންވެސްޓަރުންގެ އެބަހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

"މާލެއާ ދުރަށް ޓޫރިޒަމް ގެންދަން [މާތްﷲ] އިރާދުކުރެއްވީއްޔާ މި އަހަރު އިންވެސްޓާ ފޯރަމްތައް އިންޑިއާ އާއި ދުބާއީ އަދި ތައިލެންޑުގައި ބާއްވާނަން. މީގެ އިތުރުން މިޑުލް އީސްޓުގެ އެހެން ގައުމުތައް ވެސް އެބަ ބަލަން،" ފައިސަލް ވިދާޅުވި އެވެ. 

މިނިސްޓަރު ފައިސަލް ވިދާޅުވީ ޓޫރިޒަމްގެ ކަންކަން ކޮންމެ ދުވަހަކު ރައީސް ޑރ. މުއިއްޒު ވަރަށް ގާތުން ބައްލަވަ އެވެ.

"ކޮންމެ ދުވަހަކު ރައީސް އޮޅުން ފިލުއްވާނެ ޝަންގްރިއްލާ ހުޅުވޭނީ ކޮން ދުވަހަކުން ތޯ؟ އައްޑުއަށް ޗައިނާއިން ފްލައިޓެއް ޖެއްސޭނީ ކޮން އިރަކުންތޯ ؟ އެވަރަށް ރައީސް ބައްލަވާ،" 

ޓޫރިޒަމް އިންވެސްޓްމަންޓް އަންނަ ކަމުގެ އެއްކެއްގެ ގޮތުން މިނިސްޓަރު ފާހަގަ ކުރެއްވީ 2023 ގެ ކުރީގެ ދެ އަހަރާ ބަލާއިރު މިދިޔަ އަހަރު އެކަނި ޓޫރިޒަމަށް ދޫކުރި ރަށްތަކުން ލިބުނު އާމްދަނީ 100 ޕަސެންޓު އިތުރުވެފައިވުމެވެ. 

"ރާއްޖެ އަށް އިންވެސްޓަރުންގެ އެޕަޓައިޓް ވަރަށް ރަނގަޅު. 2024 ވަނަ އަހަރުގެ 11 މަހަށް ބަލާއިރު 2022 އަދި 2023 އާ ބަލާއިރު ބޮޑު ކުރިއެރުމެއް ލިބޭ. ފިނޭންސް އާއި މީރާގެ ހިސާބުތަކުން ފެންނަ ގޮތުން 400 މިލިއަން ރުފިޔާއާ ގާތަށް ވަނީ އެކުއެޒިޝަން ކޮސްޓް [ރަށް ދޫކޮށްގެން ލިބުނު އާމްދަނީ] ގެ ގޮތުގައި ލިބިފައިވޭ. މިދިޔަ އަހަރު 12 ތަނެއް ދޫކުރި. މީގައި ދިވެހިން ތިބުމަކީ ދިވެހިން ކުރިއެރުން ހޯދާކަން،" ފައިސަލް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.