އެ މައްސަލަ ބެލުމަށް ފަހު މިނިސްޓްރީއަށް އެކަން ސާބިތު ވެއްޖެ ނަމަ އެކުންފުނި 30 ހާސް ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭ އިން ޑޮލަރު ނަގައި، އުމްރާއަށް މީހުން ނުގެންދިޔަ ކުންފުންޏެއް ފާހަގަ ކުރެވިފައިވާތީވެ އެކަން އިތުރަށް ބަލާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީ އިން ދީފައިވާ ރަސްމީ ލައިސަން ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭ އިން ޑޮަލަރު ނަގައި، އުމްރާއަށް ނުދިޔަ ކުންފުންޏެއް ފާހަގަ ކުރެވިފައިވާތީވެ އެކަން އިތުރަށް ބަލާފައިވާ ކަމަށެވެ.
އެ މައްސަލަ ބެލުމަށް ފަހު މިނިސްޓްރީއަށް އެކަން ސާބިތު ވެއްޖެ ނަމަ އެކުންފުނި 30 ހާސް ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓައި މައްސަލަ ތަހުގީގު ކުރަން ފުލުހަށް ފޮނުވަން ނިންމާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
"އެއީ ޑޮލަރު ދޫކުރާނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްސް ހުށަހެޅުމުންކަމުގައި ވެފައި ފޭކު ޑޮކިއުމެންޓް ހުށަހެޅިކަމަށް ތުހުމަތުކުރެވޭތީ،" މިނިސްޓަރު ވިދާޅުވި އެވެ.
އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރާން ގެޒެޓް ކޮށްފައިވާ އުސޫލާއި އަމަލު ނުކުރާ ހުރިހައި ކުންފުނިތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހުލާފުވެފައިވާތީ އެ ކަންކަމުގެ ކުޑަބޮޑު މިނަށް ބަލައި، 19 ކުންފުންޏެއް ފަސް ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އަލްހިޖްރަ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި ޑިސެންބަރު މަހުގެ އުމްރާއަށް ސައުދީއަށް ދިޔަ ބަޔަކު އަނބުރާ ރާއްޖެއަށް ނާދެވި އެ ގައުމުގައި ތާށިވެ ހާލުޖެއްސި މައްސަލާއެއް ވެސް މި ފަހަރު ދިމާވި އެވެ. އެ މީހުން ގެންނަން ޖެހުނީ ސަރުކާރު ކުންފުނި، ހައްޖު ކޯޕަރޭޝަނުންނެވެ.