ސްޓެލްކޯ އިން ބުނީ އެންމެ އިސްކަމެއް ދޭނީ އެ ކުންފުނީގައި ހުރި ކްރިޓިކަލް އިންފްރާސްޓްރަކްޗާ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ.
މޫސުން ގޯސްވެ މިއަދުންފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާ އިން ނެރެފައިވާ ބަޔާނާ ގުޅިގެން މައި އިންޖީނުގެ ބަލަހައްޓާ ސްޓެލްކޯއިން ޓާސްކް ފޯހެއް އެކުލަވާލައިފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީގެ ބެލުމުގެ ދަށުން ޑިޒާސްޓާގެ ހާލަތައް ތައްޔާރުވުމުގެ ގޮތުން ފެންބޮޑުވުން ކޮންޓްރޯލްކުރުމަށް ދުރާލައި ފިޔަވަޅުއެޅުމަށް ނިންމައި އެކުލަވާލި މެނޭޖްމަންޓަކީ ހާއްސަ ޓާސްފޯހެކެވެ.
އެ ކުންފުނިން ބުނީ މި ޙާލަތުގައި އެންމެ އިސްކަމެއް ދެވިގެންދާނީ ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ހުރި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗާ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށެވެ.
ސްޓެލްކޯ އިން ވަނީ މޫސުން ގޯސްވާނެ ކަމަށް ބަލައި މައި އިންޖީނުގެ އާއި އެ ކުންފުނިން ރާއްޖޭގައި ހިދުމަތްދޭ ތަންތަނުގައި ވެލި ބަސްތާ ޖެހުމާއި ފެން ވަނުން ކޮންޓްރޯލް ކުރަން ފެންސް ޖެހުން ފަދަ ކަންކަން ކޮށްފަ އެވެ.
މިއާއެކު އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ވެސް ސްޓެލްކޯގެ މުވައްޒަފުން ތައްޔާރީ ހާލަތުގައި ތިބެން ވަނީ ނިންމާފަ އެވެ.