"އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅީން ދުރުވާކަށް ނެތީން،"
ދަ ޑިމޮކްރެޓްސްއާ އެމްޑީޕީގައި ވެސް މިވަގުތު އަމަލީ މަސައްކަތެއް ނުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނު ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ އިސްވެރީން ޕާޓީ ދޫކޮށް އަލުން އެމްޑީޕީއާ ގުޅިވަޑަައިގެންފައި ވަނިކޮށެވެ.
އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހަޔާތްޕުޅުގެ ބޮޑު ބައެއް ހޭދަކުރީ ރާއްޖޭގައި ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތުގައި ކަމަށެވެ.
ގައުމެއްގެ ތަރައްގީއަށް ރައްޔިތުންގެ އަދި ރައްޔިތުންގެ ތަނަވަސް ކަމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ވާދަވެރި ސިޔާސީ ހަރަކާތް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ 2008 ވަނަ އަހަރުގެ އިންތިހާބަށް ފަހުގައި ސަރުކާރުގެ އާމްދަނީ އިތުރުވެ ދިޔަ މިންވަރުން އަދި އެ އާމްދަނީއިން ކުރެވުނު އުމްރާނީ މަސައްކަތާއި ރައްޔިތުންނަށް ހޯދާ ދެވުނު އިޖްތިމާއީ ރައްކާތެރިކަން ބުނެދެނީ ގިނަ ޕާޓީއެކުލެވޭ ނިޒާމެއްގެ ފައިދާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅު ބޭފުޅެއް ނޫން ކަމަށެވެ.
"އެމްޑީޕީއަކީ އަޅުގަނޑުގެ ދަރިއެއްފަދަ ޕާޓީއެއް. އެ ޕާޓީ ވަރުގަދަވެ އޮތުން އެއީ އަޅުގަނޑު އަބަދުވެސް އެދޭނެ ކަމެއް،"
އެމަނިކުފާނުގެ ޕޯސްޓްގައި އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ބައިވެރިވުން އޮވެ ފަހުން އުފެއްދި ދަ ޑިމޮކްރެޓްސް އަކީ ހާއްސަ ގޮތެއްގައި ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވާން ލިބުނު ފުރުސަތެއް ކަމަށެވެ. ނަމަވެސް އެދެ ޕާޓީން ކުރެ އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތެއް ކުރުމަށް މިވަގުތު ނެތް ކަމުގައި ވިދާޅުވި އެވެ.
"އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅީން ދުރުވާކަށް ނެތީން،" މިވަގުތު ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ނަޝީދު ވިދާޅުވި އެވެ.