ދެ މީހުންގެ މައްޗަށް ނެރެފައިވާ ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި މި ދެމީހުންގެ އެކައުންޓްތަކުގައި މިލިއަނުން ފައިސާ ދައުރުވެފައިވާއިރު، ދެ މީހުންނަކީ ވެސް ދާއިމީ ވަޒީފާއެއްގައި އުޅޭ ބައެއް ވެސް ނޫނެވެ.
ފުވައްމުލަކު ސިޓީން ފުލުހުން ހައްޔަރު ކުރި ޑްރަަގުގެ ވިޔަފާރީގެ ބޮޑުންކަމަށް ތުހުމަތުވާ ދެ މީހުން ހައިކޯޓުން ދޫކޮށްލާފައި ވަނިކޮށް، ކްރިމިނަލް ކޯޓުން އެމީހުން ބަންދު ކުރަން އަމުރު ކޮށްފި އެވެ.
ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި، ފުވައްމުލަކުގައި ނެޓްވޯކެއް ހަދައިގެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ޏ.ފުވައްމުލައް، ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް (29އ.) އަދި ދޫޑިގަން، ކަރަންކާވިލާ، އަހްމަދު ނިއުޝާދު (34އ.) އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ނިއުޝާދުގެ އެކައުންޓު މެދުވެރިކޮށް ފަސް އަހަރު ތެރޭގައި 21 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވެ އެވެ. އަދި އާޒިމްގެ އެކައުންޓު މެދުވެރިކޮށް ފާއިތުވި ދެ އަހަރު ތެރޭގައި ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތްތައް ހިންގާފައިވެ އެވެ. މި ދެމީހުން ހައްޔަރުކުރީ މިދިޔަ ޑިސެންބަރު ހަވަނަ ދުވަހު އެވެ.
މި ދެ މީހުން ތިބީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ. އެ އަމުރު މި ދެ މީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ވަނީ ދަށު ކޯޓުގެ އަމުރު ބާތިލުކޮށްފަ އެވެ.
ހައިކޯޓުން އަމުރު ބާތިލުކުރުމާއެކު ދެ މީހުން ވަނީ މިނިވަންވެފަ އެވެ. މި ދެމީހުން ފުލުހުން އަލުން ހައްޔަރުކޮށްފައި ވަނީ މާލެއަށް ގޮސް، ކައިރި ރަށަކަށް ދާން އުޅޭ ކަމުގެ މައުލޫމާތު ލިބިމާއެކު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.
ފުލުހުން ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނުގައި މި ދެމީހުންނާއެކު ޖުމްލަ 58 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ދައުވާކޮށްފައިވާކަން ކޯޓު އަމުރުތަކުން އެނގެ އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އެ ނެޓްވޯކްގެ ބޮޑުންނަކީ އާޒިމާއި ނައުޝާދެވެ.
ދެ މީހުންގެ މައްޗަށް ނެރެފައިވާ ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި މި ދެމީހުންގެ އެކައުންޓްތަކުގައި މިލިއަނުން ފައިސާ ދައުރުވެފައިވާއިރު، ދެ މީހުންނަކީ ވެސް ދާއިމީ ވަޒީފާއެއްގައި އުޅޭ ބައެއް ވެސް ނޫނެވެ. އަދި ގަވާއިދުން މުސާރައެއް ޖަމާވާ ބައެއް ވެސް ނޫނެވެ.
ކްރިމިނަލް ކޯޓުން އާޒިމް ބަންދުކުރަން އަމުރުކޮށްފައި ވަނީ ހަތް ދުވަހަށެވެ. އަދި ނިއުޝާދު ބަންދު ކުރަން އަމުރުކޮށްފައި ވަނީ 10 ދުވަހަށެވެ.