މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޭން ފަށަން ގެނައި މި ބަދަލާއެކު މިހާތަނަށް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މިހާތަނަށް 3.9 މިލިއަން ޑޮލަރު ބޭންކިން ނިޒާމަށް މާރުކޮށްފަ އެވެ. މިމަހުގެ ނިޔަލަށް ނުވަ މިލިއަން ޑޮލަަރަށް އަރާނެ
މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ސަރުކާރުން ގެނައި ބަދަލާއެކު މިފްކޯއަށް ލިބޭ ހުރިހާ ޑޮލަރެއް ބޭންކިން ނިޒާމަށް މާރު ކުރަން ފެށުމާއެކު މިހާތަނަށް 3.9 މިލިއަން ޑޮލަރު މާރުކޮށްފި އެވެ.
ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ޕީއާރު މެނޭޖަރު އިބްރާހިމް ސައީދު ވިދާޅުވީ ސަރުކާރުން މަސްވެރިންނަށް މަސް ބަރާބަރަށް ފައިސާ ދޭން ހެދި އުސޫލާއެކު ބޭންކިން ނިޒާމަށް އެ ކުންފުނިން ޑޮލަރު މާރު ކުރަން ފެށުން މިއީ ރާއްޖެ އަށް ހެޔޮ ބަދަލެއް ކަމަށެވެ. މި ބަދަލާއެކު މިމަހުގެ ނިޔަލަށް ބޭންކިން ނިޒާމަށް މާރުކުރާ ޑޮލަރުގެ ނިސްބަތް ނުވަ މިލިއަން ޑޮލަރު (138 މިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާ ކުރެ އެވެ.
"ބޭންކާއި މިފްކޯއާއެކު ސަރުކާރުން ޖާމިންކޮށް ދިން ބަދަލުގެ ސަބަބުން މިހާރު ބޭންކިން ނިޒާމަށް މިފްކޯ އިން ޑޮލަރު މާރުކުރަން ވަނީ ފަށާފަ. އަޅުގަނޑަށް ހީވަނީ މިއީ އެސްއޯއީ އަކުން މިގޮތަށް [ސިސްޓަމެޓިކް] ކޮށް މިކަން ކުރާ ފުރަތަމަ ފަހަރު. މީގެ ސަބަބުން ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް ވެސް މިފްކޯ އިން އެހީތެރިކަން މިހާރު ފޯރުކޮށް ދޭން މިވަނީ ފަށާފަ،" އިބްރާހިމް ވިދާޅުވި އެވެ.
މި އިންތިޒާމު މިފްކޯއިން ހަމަޖެއްސީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނޭ މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދެވޭނެ އިންތިޒާމެއް ހަމަޖައްސާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް 82 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް މަސްވެރިންނަށް ދޫކޮށްފަ އެވެ. އަދި މިހާތަނަށް މަސް އެކްސްޕޯޓުން ލިބުނު 3.9 މިލިއަން ޑޮލަރު އެ ކުންފުނިން ވަނީ ބޭންކިން ނިޒާމަށް މާރުކޮށްފަ އެވެ. މި ޑޮލަރަކީ ކުރިން އެ ކުންފުނިން ޕެރަލަލް ބާޒާރުން މާރުކުރާ ފައިސާ އެވ.
މިފްކޯގެ ޕީއާރު މެނޭޖަރު އިބްރާހިމް ވިދާޅުވީ މި ބަދަލާއެކު މަސްވެރިކަން ރަނގަޅު ދުވަސްވަރު ބޭންކިން ނިޒާމަށް ވަންނަ ޑޮލަރުގެ އަދަދު އިތުރުވާނެ އެވެ.
"ސަރުކާރުން ގެނެސްދިން މި ބަދަލުގެ ސަބަބުން ރާއްޖެ އަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް މިފްކޯއިން ކޮންމެ ވެސް ވަރެއްގެ އެހީތެރިކަމެއް މި ދެވެން ފެށީ،" އިބްރާހިމް ވިދާޅުވި އެވެ.
މިފްކޯގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 20 އިން އިއްޔެގެ ނިޔަލަށް ޖުމްލަ 1.2 ބިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފަ އެވެ.
އެމްއެމްއޭގެ ތަފާސް ހިސަބުތައް ދައްކާ ގޮތުން މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރު ފާއިތުވި އަހަރާ އަޅާބަލާއިރު 46.1 އިންސައްތަ ދަށަށް ގޮސްފައިވެ އެވެ. ނިމުނު އަހަރު 63،071.4 މެޓްރިކްޓަނުގެ މަސް ބޭރުކުރިއިރު މި އަހަރު އެ އަދަދުވަނީ 33،994 މެޓްރިކްޓަނަށް ވެއްޓިފަ އެވެ. ނިމުނު އަހަރާ އަޅާބަލާއިރު ގަނޑުކުރި އަދި ތާޒާ މަސް ބޭރުކުރި މިންވަރު 45.9 އިންސައްތަ ދަށްވެފައިވާއިރު ދަޅުގައި ބަންދުކޮށްގެން އަދި ޕައުޗުގައި ބޭރުކުރި މަހުގެ އަދަދުވަނީ 54.8 އިންސައްތަ ދަށްވެފަ އެވެ. ނިމުނު އަހަރު ޕައުޗުގައި އަދި ދަޅުގައި ބަންދުކޮށްގެން 10،613.9 މެޓްރިކްޓަނުގެ މަސް ބޭރުކޮށްފައިވާއިރު މި އަހަރު އެ އަދަދުވަނީ 4،802.2 މެޓްރިކްޓަނަށް ދަށްވެފަ އެވެ. ރާއްޖޭން އާއްމުކޮށް މަސް އެކްސްޕޯޓްކޮށްގެން އަހަރު ލިބެނީ 50 މިލިއަން ޑޮލަރެވެ. ނަމަވެސް ސަރުކާރުން ވަނީ މި އަދަދު 90 މިލިއަން ޑޮލަރަށް މަތި ކުރަން މަސައްކަތް ކުރަމުންނެވެ.
ރާއްޖެ އަށް ޓޫރިޒަމުން ވަންނަ ފައިސާ ބޭންކިން ނިޒާމަށް މާރުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި ފުރަތަމަ މާރުކުރާ އަދަދުގެ ގޮތުގައި މިހާތަނަށް 138 ރިޒޯޓުން 40 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކުރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.